މަސް ދުވަހުގެ ތެރޭގައި، ލުނބޯ ކިލޯއެއްގެ އަގު 25 ރުފިޔާއިން 70 ރުފިޔާއަށް އުފުލިއްޖެއެވެ.
މާރުކޭޓުގެ ގޮޅިއެއްގައި މަސައްކަތް ކުރާ ވިޔަފާރިވެރިއަކު 'ސަން'އަށް ބުނީ، ލުނބޯގެ އަގުތައް އުފުލެން ފެށީ، މީގެ ދެ ދުވަހެއް ކުރިން ކަމަށެވެ. އެއީ، ބާޒާރުގައި ލުނބޯ މަދުވުމުން ކަމަށް ބެލެވޭ ކަމަށް އޭނާ ބުންޏެވެ.
ވިޔަފާރިވެރިޔާ ބުނީ، އިތުރު ޝިޕުމަންޓުތައް އައުމުން ލުނބޯގެ އަގު ހެޔޮވާނެ ކަމަށާއި މިހާރު ލުނބޯ ކިލޯއެއް ލިބެން ހުރީ 70 ރުފިޔާއަށް ކަމަށެވެ.
އިތުރު ވިޔަފާރިވެރިއަކު ބުނި ގޮތުގައި، ލުނބޯ ކިލޯއެއް ވިއްކަނީ 65 ރުފިޔާއަށެވެ.
ލުނބޯގެ އަގު އުފުލުނުއިރު، މީގެ މަހެއް ކުރިން ލުނބޯ ކިލޯއެއް ވިއްކަމުން އައީ 25 ރުފިޔާއަށެވެ.

މީހަކު ބާޒާރުގެ ގޮޅިއެއްގައި: މަސް ދުވަހުގެ ތެރޭގައި، ލުނބޯ ކިލޯއެއްގެ އަގު 25 ރުފިޔާއިން 70އަށް ވަނީ އުފުލިފައި -- ސަން ފޮޓޯ/ މުޙައްމަދު މާވީ
މި އަހަރުގެ މެދު ތެރެއިން ޖޫން މަހުގައި ވެސް ލުނބޯގެ އަގު ދެ ގުނައަށް އުފުލުނެވެ. އޭރު ލުނބޯ ކިލޯއެއް ވިއްކީ، 130 ރުފިޔާއަށެވެ.
މި ދުވަސްވަރު ކާބޯތަކެތީގެ އަގުތައް އަންނަނީ އުފުލެމުންނެވެ. މިގޮތުން، މިދިޔަ ނޮވެންބަރު މަހު ވެސް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު މާލޭގައި އަސާސީ ތަކެތީގެ އަގު ވަނީ އުފުލިފައެވެ.
އެ ތަފަސްހިސާބުން ދައްކާ ގޮތުން، ކެއުމަށް ބޭނުންކުރާ ތަކެތީގެ އަގު މިދިޔަ މަހު ވަނީ، މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 0.16 ޕަސެންޓް އިތުރުވެފައެވެ. އަދި ތަފާތު ބުއިންތަކުގެ އަގުތަކުން ވަނީ 2.91 ޕަސެންޓްގެ އިތުރުވުމެއް ފާހަގަވެފައެވެ.
ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު، ދައުލަތުން ތެލަށްފަހު އެންމެ ގިނައިން ޚަރަދުކުރަނީ ކާބޯތަކެތި އެތެރެކުރުމަށެވެ. ރާއްޖޭގެ ދަރަނި ބޮޑުވެ، ޑޮލަރު ދައުރުވާ މިންވަރު ދަށްވުމުގެ ސަބަބުން ވެސް، ވިޔަފާރިތަކަށް އޭގެ އަސަރުކޮށް ތަކެތީގެ އަގު އުފުލުމަށް ދަނީ މަގުފަހިވަމުންނެވެ.
ރާއްޖޭގެ ބާޒަރުގައި މޭވާއާއި ތަރުކާރީގެ އަގު އުފުލެމުން ދާތީ އަގު ދަށްކުރުމަށް، ޖުމުލަ 23 ބާވަތެއް އެތެރެކުރަން ނިންމައި، އެ މަސައްކަތް މިދިޔަ ސެޕްޓެންބަރު 10ގައި ވަނީ އެސްޓީއޯއާ ހަވާލުކޮށްފައެވެ. އޭގެ ޖެހިގެން އައި މަހު، އެސްޓީއޯއިން ވަނީ އެ ތަކެތި ބާޒާރަށް ނެރެ، ވިއްކަން ފަށައިފައެވެ.