ތިން ދުވަހުގެ ތެރޭގައި ލުނބޯ ކިލޯއެއްގެ އަގު 85 ރުފިޔާއަށް އުފުލިއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު، ލުނބޯ ކިލޯއެއްގެ އަގު ހުރީ، 70 ރުފިޔާގައެވެ. އެކަމަކު، މިއަދު ވިޔަފާރިވެރިއަކު 'ސަން'އަށް ބުނި ގޮތުގައި، ލުނބޯ ކިލޯއެއް މިހާރު ވިއްކަނީ 80އާއި 85 ރުފިޔާއަށެވެ.
އިތުރު ވިޔަފާރިވެރިއަކު 'ސަން'އަށް ބުނީ، ލުނބޯ ކިލޯއެއް ހުރީ، 80 ރުފިޔާއަށް ކަމަށާއި އަގު އުފުލެން ފެށީ، ދެތިން ދުވަހެއް ކުރިން ކަމަށެވެ.
އޭނާ ބުނި ގޮތުގައި، ކެރެޓުގެ އަގު ވެސް މިހާރު ވަނީ އުފުލެން ފަށައިފައެވެ. މިގޮތުން، ކުރިން 30 ރުފިޔާއަށް ވިއްކި ކެރެޓު ކިލޯއެއް މިހާރު ހުރީ 55 ރުފިޔާއަށް އުފުލިފައެވެ. އެ ވިޔަފާރިވެރިޔާ ފާހަގަކުރި ގޮތުގައި، ކެރެޓުގެ އަގު އުފުލެން ފެށީ ހަތަރު ވަރަކަށް ދުވަސް ކުރިންނެވެ.

ލޯކަލް މާރުކޭޓް ގޮޅިއެއްގައި ގިނަ ބާވަތްތަކުގެ މޭވާއާއި ތަރުކާރީ: ތިން ދުވަސް ކުރިން، 70އަށް ހުރި ލުނބޯ ކިލޯއެއް 85ރުފިޔާއަށް އުފުލި، ކެރެޓު ކިލޯއެއްގެ އަގު މައްޗަށް! -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް
އޭނާ ކިޔައިދިން ގޮތުގައި މި ބާވަތްތަކުގެ އަގުތައް އުފުލެން ފަށާފައި ވަނީ، ބާޒާރުން އެ ތަކެތި މަދުވެ، ޝިޕްމަންޓުތައް ލަސްވެފައިވާތީއެވެ. އަދި، ތަކެތީގެ އަގުތައް އުފުލުން ގުޅިފައި ވަނީ، ޑޮލަރުގެ އަގު ބޮޑުވުމާކަން ވެސް އެ ވިޔަފާރިވެރިޔާ ފާހަގަކުރިއެވެ.
މިދިޔަ މަހު ފަހުކޮޅު ވެސް ކެރެޓާއި ލުނބޯގެ އަގު އުފުލުނެވެ. އޭރު އެ ދެ ބާވަތުގެ އަގު 40 އިންސައްތައަށް އުފުލުނެވެ.
ފާހަގަކުރެވޭ ގޮތުގައި، މި ދުވަސްވަރު ކާބޯތަކެތީގެ އަގުތައް އަންނަނީ އުފުލެމުންނެވެ. މިގޮތުން، މިދިޔަ ނޮވެންބަރު މަހު ވެސް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު މާލޭގައި އަސާސީ ތަކެތީގެ އަގު ވަނީ އުފުލިފައެވެ.
އެ ތަފާސްހިސާބުން ދައްކާ ގޮތުން، ކެއުމަށް ބޭނުންކުރާ ތަކެތީގެ އަގު މިދިޔަ މަހު ވަނީ، މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 0.16 ޕަސެންޓް އިތުރުވެފައެވެ. އަދި ތަފާތު ބުއިންތަކުގެ އަގުތަކުން ވަނީ 2.91 ޕަސެންޓްގެ އިތުރުވުމެއް ފާހަގަވެފައެވެ.
ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު، ދައުލަތުން ތެލަށްފަހު އެންމެ ގިނައިން ޚަރަދުކުރަނީ ކާބޯތަކެތި އެތެރެކުރުމަށެވެ. ރާއްޖޭގެ ދަރަނި ބޮޑުވެ، ޑޮލަރު ދައުރުވާ މިންވަރު ދަށްވުމުގެ ސަބަބުން ވެސް، ވިޔަފާރިތަކަށް އޭގެ އަސަރުކޮށް ތަކެތީގެ އަގު އުފުލުމަށް ދަނީ މަގުފަހިވަމުންނެވެ.
ރާއްޖޭގެ ބާޒަރުގައި މޭވާއާއި ތަރުކާރީގެ އަގު އުފުލެމުން ދާތީ އަގު ދަށްކުރުމަށް، ޖުމުލަ 23 ބާވަތެއް އެތެރެކުރަން ނިންމައި، އެ މަސައްކަތް މިދިޔަ ސެޕްޓެންބަރު 10ގައި ވަނީ އެސްޓީއޯއާ ހަވާލުކޮށްފައެވެ.