280 ރުފިޔާއަށް ވިއްކި، ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު 120އަށް ތިރިވެއްޖެ

މީހަކު މިރުސް ހޮވަނީ: ކަނޑޫދޫ މިރުހުގެ އަގު ވަނީ ހެޔޮވެފައި --- ސަން ފޮޓޯ

ދުއިސައްތަ އަށްޑިހަ ރުފިޔާއަށް ދަތުރުވެރިންގެ މާރުކޭޓުގައި ކުރިން ވިއްކި، ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު 120 ރުފިޔާއަށް ތިރިވެއްޖެއެވެ.

ކާބޯތަކެތީގެ ގިނަ ބާވަތްތަކެއްގެ އަގުތައް މި ދުވަސްވަރު ވެސް އަންނަނީ އުފުލެމުންނެވެ. ނަމަވެސް ބައެއް ތަކެތީގެ އަގު ދަށަށް ވެސް އެބަދެއެވެ.

މިއަދު 'ސަން'އަށް މައުލޫމާތު ދިން ވިޔަފާރިވެރިއަކު ބުނީ، ކުރިން ކަނޑޫދޫ މިރުސް ކިލޯއެއް ވިއްކަމުން އައީ، 250 ރުފިޔާއާއި 280 ރުފިޔާއަށް ކަމަށެވެ.

ނަމަވެސް، މިހާރު އެ އަގު ހުރީ، 150 ރުފިޔާއާއި 120 ރުފިޔާއަށް ތިރިވެފައި ނުވަތަ ހެޔޮވެފައެވެ.

މިދިޔަ މަހު ފަހުކޮޅު އަގުތައް އުފުލުނު ލުނބޯ ކިލޯއެއްގެ އަގު ހުރީ، ދަށްވެފައެވެ. މިގޮތުން، ނިމުނު ޑިސެމްބަރު 20ގައި 70އަށް ހުރި ލުނބޯ ކިލޯއެއްގެ އަގު މިދިޔަ ހަފުތާގެ ބުދަ ދުވަހު ހުރީ، 80އާއި 85 ރުފިޔާއަށް އުފުލިފައެވެ. އެކަމަކު، މިހާރު ލުނބޯ ކިލޯއެއް ވިއްކަނީ، 50 ރުފިޔާއަށެވެ. ނަމަވެސް މިއީ ވެސް ބާޒާރުގެ އާއްމު އަގަށް ވުރެން މާ ބޮޑު އަގެކެވެ.

https://sun.mv/215787

ވިޔަފާރިވެރިއަކު މާރުކޭޓު ގޮޅިއެއްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިތުރު އެހެނިހެން ބާވަތްތަކުގެ އަގަށް ބަލާއިރު، ކިއުކަމްބާ ކިލޯއެއް ވިއްކަނީ 35 ރުފިޔާއަށެވެ. ފަޅޯ ކިލޯއެއް 40 ރުފިޔާއަށް ވިއްކާއިރު، ޕެޝަން ފުރުޓު ނުވަތަ ޖުމްހޫރީ މޭވާ ކިލޯއެއް ލިބެން ހުރީ، 90 ރުފިޔާއަށެވެ.

އޭގެއިތުރަށް، ރޯދަ މަހަށް ޑިމާންޑު ބޮޑުވާ ކަރާ ކިލޯއެއް ވިއްކަނީ، 20 ރުފިޔާއާއި 25 ރުފިޔާއަށެވެ.

ކާބޯތަކެތީގެ އަގުތައް އުފުލެމުން އަންނައިރު, މިދިޔަ ނޮވެންބަރު މަހު ވެސް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު މާލޭގައި އަސާސީ ތަކެތީގެ އަގު ވަނީ އުފުލިފައެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު، ދައުލަތުން ތެލަށްފަހު އެންމެ ގިނައިން ޚަރަދުކުރަނީ ކާބޯތަކެތި އެތެރެކުރުމަށެވެ. ރާއްޖޭގެ ދަރަނި ބޮޑުވެ، ޑޮލަރު ދައުރުވާ މިންވަރު ދަށްވުމުގެ ސަބަބުން ވެސް، ވިޔަފާރިތަކަށް އޭގެ އަސަރުކޮށް ތަކެތީގެ އަގު އުފުލުމަށް ދަނީ މަގުފަހިވަމުންނެވެ.

comment ކޮމެންޓް