ރޯދަ މަހުގެ ފަހު ދެވަނަ ދުވަހަށް އައިއިރު ބާޒާރުމަތިން އެންމެ ތިޔާގިކޮށް ފެނުނީ ފުވައްމަލުކަން ގެނައި އަނބާއި އަދި އިންޑޮނޭޝިއާ އިން އެތެރެކުރި މަބުސްތާނެވެ.
ބާޒާރުމަތީގެ ގޮޅިތަކަށް ހިނގާލިއިރު، މަބުސްތާނާއި އަނބު ތިޔާގިކޮށް ފެނުނުއިރު، މިކަމާ ގުޅިގެން ބާޒާރުގެ ގޮޅިއެއް ހިންގާ ފަރާތަކާ ވާހަކަދައްކާލުމުން އެނގުނީ ސީޒަނުގެ ގޮތުން މަބުސްތާން ގިނަވީ ކަމެވެ.
"ޢާންމުއެއްޗެއް ނޫން. އެކަމަކު ސީޒަނުގެ ގޮތުން ކަންނޭނގެ ގިނަވެގެން މި އުޅެނީ. މިއީ އިންޑޮނޭޝިއާއިން ގެނައި އެއްޗެހި،" އޭނާ ބުންޏެވެ.

ބާޒާރުގެ ގޮޅިއެއްގައި ހުރި މަބުސްތާނުތަކެއް --- ސަން ފޮޓޯ
މަބުސްތާނު ބާާޒާރުގައި ގިނަވި ނަމަވެސް، މަބުސްތާން ގަންނަ ފަރާތްތައް މަދެވެ. އެހެން ކަމުން އޭގެ ސޭލްސް ދަށް ކަމުގައި ގިނަ ވިޔަފާރިވެރިން ފާހަގަކުރިއެވެ.
މަބުސްތާނު އުޅެނީ 100 ގްރާމް 20 ރުފިޔާ އާއި 25 ރުފިޔާގެ ދެމެދުގެ އަގަކަށެވެ.
މަބުސްތާނުގެ އިތުރުން މިއަދު ބާޒާރުން އަނބު ވެސް ތިޔާގިއެވެ. އެގޮތުން ބާޒާރުގެ ގާތްގަޑަކަށް ހުރިހާ ގޮޅިއެއްގައި ވެސް އަނބު ގަންނަން ލިބެއެވެ. މިއަދު ބާޒާރުން މައިގަނޑުގޮތެއްގައި ފެނުނީ ފުވައްމުލަކުން ގެނައި އަނބެވެ.

ބާޒާރުމަތި އަނބުން ތިޔާގިކޮށް --- ސަން ފޮޓޯ
އަނބުގެ ސޭލްސް އާއި ބެހޭ ގޮތުން ސުވާލުކުރުމުން ވިޔަފާރިވެރިއަކު ބުނީ އަނބުގެ ސޭލްސް އުޅެނީ ޢާންމުކޮށް ވެސް އުޅޭވަރަށް ކަމަށެވެ.
"ރޯދަ މަސް ތެރޭގައި ވިކޭ ވަރަށް ހަމަ އުޅެނީ. އާދައިގެ ވަރަކަށް އުޅެނީ،" އޭނާ ބުންޏެވެ.
މިއަދު އަނބު އުޅެނީ އަނބެއް އެންމެ ކުޑަކޮށް ތިން ރުފިޔާގެ ރޭޓުންނެވެ. އެންމެ ބޮޑުކޮށް އަނބެއް ހަތް ރުފިޔާއަށް ލިބެއެވެ. ގިނަ ގޮޅިތަކުން އަނބު ވިއްކަނީ 100 ރުފިޔާއަށް ވާވަރުގެ ބޮނޑީގެ ރޭޓުންނެވެ.
ބާޒާރުގެ އެހެނިހެން ތަކެއްޗަށް ބަލާއިރު، ރޯދަ މަހުގެ މެދުތެރެއިން ފެށިގެން އެހެނިހެން ތަކެތީގެ އަގު އުޅެނީ ދާދި އެއްވަރަކަށެވެ. މީގެ އިތުރުން، މަދުން ނަމަވެސް ރާއްޖޭގެ ކާށި ލިބެންހުރި އިރު، ކާށި އުޅެނީ 10 ރުފިޔާ އާއި 15 ރުފިޔާގެ ދެމެދުގެ އަގަކަށެވެ.