މާލޭ ސިޓީ ކަައުންސިލްގެ މެދުހެންވޭރު ދާއިރާގެ ގޮނޑި ތަމްސީލުކުރައްވަމުން ގެންދަވާ ކައުންސިލަރު، އާދަމް ރަމީޒްގެ ސުލޫކީ މައްސަލައެއް އެ ޕާޓީން ބަލަމުން ދަނިކޮށް އޭނާ އަމިއްލަފުޅަށް ޕީޕީއެމުން އިސްތިއުފާދެއްވައިފިއެވެ.
އެ ޕާޓީގެ ސެނެޓު މެންބަރުކަން ކުރައްވަމުން ގެންދަވާ ރަމީޒްގެ އިސްތިއުފާ ސިޓީ ރޭ، އެ ޕާޓީއަށް ލިބިފައިވާކަމަށް ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު “ސަން”އަށް ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ.
ރަމީޒް ޕީޕީއެމްއިން އިސްތިއުފާ ދެއްވައިފައިވާއިރު، އޭނާގެ ސުލޫކީ މައްސަލައެއް އެ ޕާޓީން އަންނަނީ ބަލަމުންނެވެ. ނަމަވެސް، އެ ކަމުގެ ތަފްސީލެއް ނުދެއްވައެވެ.
އެނގިފައިވާ ގޮތުގައި ރަމީޒްގެ ސުލޫކީ މައްސަލައެއް ބަލަން ޕީޕީއެމްއިން ފެށީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ކެމްޕޭނު ކޮށްދެއްވާ ކަމަށް ތުހުމަތުކޮށެވެ. އޭނާގެ މައްޗަށް ތުހުމަތު އޮތީ ޕީޕީއެމްގެ ޓިކެޓުގައި މުއިއްޒު ރިޔާސީ އިންތިޚާބަށް ވާދަކުރުމަށް ވަކާލާތުކުރާކަމަށެވެ.
މި ކަމާ ގުޅިގެން ރަމީޒްގެ ބަހެއް ހޯދުމަަށް ގުޅުމުން، ފޯނަށް ޖަވާބު ނުދެއްވާތީ ބަހެއް ނުލިބެއެވެ.
ރަމީޒުގެ އިތުރުން މުއިއްޒުގެ މައްސަލައެއް ވެސް ސުލޫކީ ކޮމިޓީން ބަލަމުންދާ ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. ނަމަވެސް، އެކަން ހީނާ ވަނީ ދޮގުކުރައްވައިފައެވެ.
ޕީޕީއެމްގެ އެތެރޭގައި ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓަކާ މެދު އެ ޕާޓީގެ އާންމު މެންބަރުންނާއި ބައެއް އިސްވެރިންނާ ދެމެދު ޚިޔާލު ތަފާތުވުންތައް އޮތްކަމުގެ ވާހަކަތަކާއި އަޑުތައް ފެތުރެއެވެ.
އެހެންނަމަވެސް، އެ ޕާޓީގެ އިސްވެރިން އަބަދު ވެސް އަންނަނީ އެ ވާހަކަތައް ދޮގުކުރަމުންނެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު ކަމަށް އެ ޕާޓީގެ އިސްވެރިން ތަކުރާރުކޮށް އަންނަނީ ވިދާޅުވަމުންނެވެ.