ޤުރުއާން ހިތުދަސް ހާފިޒެކެވެ. ކުޑަކުޑައިރު މިސްކިތްތަކުގައި އިމާމްވެ ނަމާދުކުރަން ފަށައިފިއެވެ. ރަމަޟާން މަހު އިމާމްވެ ތަރާވީޙް ނަމާދާއި ދަމުނަމާދު ކުރާތާ މިއީ ދެވަނަ އަހަރެވެ. އުސްތާޒުންނާ މުދައްރިސުން އެ ދަރިވަރަކަށްޓަކައި ފަޚުރުވެރިވާ، ކިޔަމަންތެރި ކުއްޖެކެވެ. މުޅި ނައިފަރުގެ ލޯބި ހޯދާފައިވާ ޢަބްދުﷲ ޙަޔާން ހަމީޒްގެ ވާހަކައިން ކިޔައިދެނީ ކަމަކަށް ޝައުގުވެރިކަން ހުރެ، ގަދައަޅާ މަސައްކަތް ކޮށްފިނަމަ، އެކަމެއް ކާމިޔާބުވެގެންދާނެ ކަމެވެ. ޙަޔާން ވަނީ އެކަން ސާބިތުވެސް ކޮށްދީފައެވެ.
ގުރުއާން ކިޔެވުމާއި ހާފިޒަކަށް ވުމުގެ ޝައުގު
ހަޔާންއަކީ އެންމެ ކުޑައިރުން ފެށިގެން ވެސް ގުރުއާން މުބާރާތްތަކުގައި ބައިވެރިވެ، ސްކޫލު ފެންވަރުގައާއި އަތޮޅު ފެންވަރުގައި ވެސް އެކި ވަނަތައް ހާސިލު ކުރަމުން އައި ދަރިވަރެކެވެ. އެކިއެކި މުބާރާތްތަކުން ވަނަތައް ހޯދަމުން އައި ހަޔާން ވަނީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ވެސް ބައިވެރިވެ، އެތައްބަޔަކު ފަޚުރުވެރިކޮށް، ރަން ވަނަތައް ހާސިލުކޮށްފައެވެ.
ކުޑަކުޑަ ހަޔާން އޭނާގެ ފަށުވި އަދި ހިތްގައިމު ކިޔެވުން އިތުރަށް ފުރިހަމަ ކޮށް، މުޅި ރާއްޖޭގައި ވެސް އޭނާގެ ނަން ވިދުވާލުމަށް، ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު އެއް ގުރުއާން މުބާރާތް، ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ޖޫނިއާ ތަރީގައި ބައިވީ 2018 ވަނަ އަހަރެވެ. އޭރު ހަޔާންގެ އުމުރަކީ އެންމެ 10 އަހަރެވެ.
އުމުރުން އަށް އަހަރާއި 16 އަހަރުގެ ކުދިންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ އެ ޕްރޮގްރާމް ބެލި އެތައް ބަޔެއްގެ ތައުރީފު ހަޔާންއަށް އޮހެމުން ދިޔައީ ހަމަ ހަގީގަތުގައި ވެސް އޭނާގެ ކިޔެވުމުގައި ހުރި އަސަރާއެކު، ކިޔެވުން އަޑުއަހާލަން ފަސޭހަވުމުންނެވެ. އެތައް ކުދިންތަކަކާ ވާދަ ކުރުމަށްފަހު އެ މުބާރާތުން ވެސް ހަޔާން ވަނީ ފާހަގަކޮށްލެވޭ ފަޚުރުވެރި ވަނައެއް ހޯދާފައެވެ. އޭނާ ވަނީ ފައިނަލުގައި ފަސް ބައިވެރިންނާ ވާދަކޮށް، މުޅި މުބާރާތުން ތިން ވަނަ ހޯދާފައެވެ.
އެ މުބާރާތުން ހަޔާންއަށް ލިބިގެން ދިޔަ އެކުވެރިން ވެގެން ދިޔައީ އޭނާ ކުރި އާ އުއްމީދެއްގެ ފެށުމަށެވެ. މުބާރާތުގެ ތެރެއިން ލިބުނު އެކުވެރިން ވެގެންދިޔައީ ޙާފިޒަކަށް ވުމަށް ހަޔާން ބޭނުންވި ސަބަބަށެވެ.
"އަލިގަދަތަރި މުބާރާތުން އެއްވަނަ އަށް ދިޔަ ނާދިހް އަކީ ޙާފިޒެއް. އެއީ އަޅުގަނޑަށް އެ މުބާރާތުން ލިބިގެންދިޔަ އެކުވެރިއެއް. ނާދިހްގެ ފަރާތުން އިންސްޕަޔާވީ ގުރުއާން ހިތުދަސްކުރަން،" ޙަޔާން ކިޔައިދިނެއެވެ.
އެ އުއްމީދާއެކު އުމުރުން އެންމެ ދިހަ އަހަރުގައި ހަޔާން މުޅި ގުރުއާން ހިތުދަސްކުރަން ފެށީ އެކަން ކުރާހިތުންނެވެ. އެކަމަށް އޭނާ ބެހެއްޓި ޝައުގާއި، ދިން ވަގުތު އަދި ކުރި ބުރަ މަސައްކަތުގެ ނަތީޖާ ވަރަށް ވެސް ފޮންޏެވެ. ކޮންމެ ދުވަހެއްގެ ވެސް ފަތިސް ގަޑި ހިފްޒުކުރުމަށް ހުސްކުރި ހަޔާން ވަނީ ތިން އަހަރުތެރޭގައި، އުމުރުން 13 އަހަރުގައި މުޅި ގުރުއާން ހިތުދަސްކޮށްފައެވެ.
ހަޔާން ބުނާ ގޮތުގައި ކަމަކަށް ޝައުގު ބަހައްޓާ، ވަގުތު ދީފި ނަމަ އެއްވެސް ކަމަކީ އުނދަގޫ ކަމެއް ނޫނެވެ. ކޮންމެ ކަމަކަށް ވެސް ބޭނުންވަނީ އެ މީހެއްގެ ހިއްމަތާއި މިންނަތެވެ. އެ ދޭ ވަގުތާ، ކުރާ މަސައްކަތެވެ.
"ކޮންމެ ކަމަކީ ވެސް ޝައުގު ހުރެއްޖެ ނަމަ ވަރަށް ފަސޭހަ ކަމެއް. ގުރުއާން ހިތުދަސްކުރުމަކީ ވެސް އެކަން ކުރަން ބޭނުން ވެގެން ކޮށްފިނަމަ ކުރަން ފަސޭހަ ކަމެއް. އަޅުގަނޑު އެންމެ ބޮޑަށް ސަމާލުކަން ދިނީ ކޮންމެ ދުވަހެއްގެ ވެސް ފަތިސް ގަޑި ހިތުދަސް ކުރަން ހުސްކުރަން. އެއީ ދަސްކުރަން އެންމެ ފަސޭހަ ގަޑި،" ހަޔާން ބުންޏެވެ.
ފަރުޟު ނަމާދުތަކުން ފަށައިގެން ދަމު ނަމާދާ ތަރާވީޙް ނަމާދު ކުރާ އިމާމަކަށް
ޙަޔާންގެ ހުނަވުރެކަން ފާހަގަކުރެވުނީ ހަމައެކަނި އޭނާ މުދައްރިސުންނަށް އެކަންޏެއް ނޫނެވެ. ނައިފަރުގެ މިސްކިތްތަކުގައި އިމާމްވެ ނަމާދު ކުރާ މީހުން ވެސް އަޖައިބުކޮށްލި ހަޔާނަށް ވަރަށް ކުޑައިރުން ފެށިގެން އިމާމްވެ ނަމާދު ކުރުމުގެ ފުރުސަތު އައީ ދެމުންނެވެ. އެންމެ ކުޑައިރުން ފެށިގެން ވެސް މިސްކިތުގައި އިމާމްވެ ނަމާދު ކުރުމުގެ ހުވަފެން ދެކެމުން އައި ޙަޔާންގެ ހިތުގައި އެކަމަށް އެންމެ ބޮޑު ޝައުގެއް އުފެދިގެން ދިޔައީ އޭނާއަށް އެންމެ ހިތްވަރުދީ ހުރިހާ ކަމެއްގައި ވެސް އެހީތެރިވި އޭނާގެ އުސްތާޒު، އައްޝައިޚް، އަލްޙާފިޒް އަޙްމަދު ނާޒިލްގެ ސަބަބުންނެވެ.
ޙަޔާން ގަބޫލުކުރާ ގޮތުގައި އުސްތާޒް ނާޒިލްގެ ސަބަބުން އޭނާ އެންމެ ކުޑައިރުން ފެށިގެން ވެސް ދެކެމުން ދިޔަ އެ ހުވަފެނުގައި ކުލަޖެހުމުގައި ވަރަށް ބޮޑު ބާރެއް ލިބިގެންދިޔައެވެ. އެ އުސްތާޒް ފަދައިން މިއަދު ޙަޔާން ވެސް ދަނީ އިމާމްވެ ދަމުނަމާދާއި ތަރާވީޙް ނަމާދުވެސް ކުރަމުންނެވެ.
"މިއަހަރު ތަރާވީޙް ނަމާދު އިމާމްވެ މި ކުރަނީ. މިއީ އިމާމްވެ ދަމުނަމާދު ކުރާ ދެވަނަ އަހަރު. މިދިޔަ އަހަރު އެންމެ ފުރަތަމަ އެ ފުރުސަތު ލިބުނީ،" ހަޔާން ފާހަގަކުރިއެވެ.
ޙަޔާން ބުނާގޮތުގައި މިއަދު އޭނާއަށް، އޭނާގެ ހުވަފެންތަކުގައި ކުލައްޖައިސައިދިނުމުގައި އެހީތެރިވި އުސްތާޒް ނާޒިލްގެ އިތުރުން އުސްތާޒް މުޙައްމަދު ވާފިރަށް ހިތުގެ އެންމެ ފުންމިނުން، އިޚުލާސްތެރި ޝުކުރު ހައްގެވެ.
މައިބަފައިންނާ އުސްތާޒުން ވެސް ލޯބިވާ ކިޔަމަންތެރި ދަރިއެއް
ޙަޔާން އަކީ މައިންބަފައިންގެ ބަސްއަހާ، ކިޔަމަންތެރި، މަޑުމައިތިރި ކުއްޖެކެވެ. ހެޔޮ ކަންތައްތައް ކުރުމަށް ޝައުގު ހުންނަ، މައިންބައިފައިން ފަޚުރުވެރިވާ ދަރިއެކެވެ. ޙަޔާންގެ ބައްފަ ފާހަގަކުރާ ގޮތުގައި ޙަޔާންއަކީ މައިންބަފައިން ބުނާ ކަންތައްތައް ފަރުވާތެރިކަމާއެކު ކުރާ، އެންމެންގެ ވެސް ލޯބި ހޯދާފައިވާ ކުއްޖެކެވެ.
ބަސްއަހާ ދަރިއެއްގެ އިތުރުން ޙަޔާންއަކީ މުދައްރިސުންގެ ވެސް ބަސްގަބޫލުކުރާ ކިޔަމަންތެރި ދަރިވަރެކެވެ. ޙަޔާންގެ އުސްތާޒުން ފާހަގަ ކުރާގޮތުގައި އެއީ ކުލާސްތަކަށް ގަވާއިދުން ހާޒިރުވާ، ކިޔެވުމަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ. ރަނގަޅު ނަތީޖާ ހޯދުމަށް ގަދައަޅާ މަސައްކަތް ކުރާ، ހިތްވަރުގަދަ ކުއްޖެކެވެ.
"ފާހަގަ ކޮށްލަން ޖެހޭ ޙިފްޒު ކުލާހުގައި ޙަޔާން އެއްވެސް ދުވަހަކު ބައި ޞަފްހާ ކިޔަދީފައެއް ނުވޭ. ކޮންމެ ދުވަހަކުވެސް އެއް ޞަފްހާ އެއްކޮށް ކިޔައިދޭނެ. ޙަޔާން ކިޔެވުމަށް ބެހެއްޓި ފަރުވާތެރިކަމާ އެ ކުރި ބުރަ މަސައްކަތުން އަޅުގަނޑުގެ ކުލާހުން އެންމެ ފުރަތަމަ ޙާފިޒަކަށް ވީ ޙަޔާން،" ޙަޔާންގެ އުސްތާޒް، އަލްޙާފިޒް އަޙްމަދު ނާޒިލް ކިޔައިދިނެވެ.
މިއަދު ޙަޔާން އަކީ މުޅި ރަށުން ވެސް ފާހަގަ ކޮށްލެވޭ ހުނަރުވެރި، އެންމެވެސް އެކުއްޖަކު ހެޔޮހިތުން ބަލައިގަނެ، ފަޚުވެރިވާފަދަ ކުއްޖެކެވެ. އޭނާއަށް މިހިސާބަށް އާދެވުނީ އެކަމަށްޓަކައި ކުޑަކޮށް ވެސް ހިތްވަރު ދޫނުކޮށް، ބޮޑެތި މީހުންގެ ބަސް ގަބޫލު ކޮށް ޙަޔާން ކުރި ބުރަ މަސައްކަތުންނެވެ. އޭނާގެ ވާހަކައަކީ އެތައް ބަޔަކަށް އިބުރަތެކެވެ. އަގުހުރި ފިލާވަޅެކެވެ. ކަމެއް ހާސިލުކުރަން ބޭނުންނަމަ ކިޔަމަންތެރިވާށެވެ. އަދި އެކަމަށްޓަކައި ގަދައަޅާ މަސައްކަތް ކުރާށެވެ. މިއީ ޙަޔާންގެ ނަސޭހަތެވެ.