ޔޫއެސްސީ ގުރުއާން މުބާރާތުގެ އުޖާލާ ނޫރަަކަށް ޝައިހާ

ޔޫއެސްސީ ގުރުއާން މުބާރާތުގެ އުޖާލާ ނޫރު މަގާމަށް ފާތިމަތު ޝައިހާ ފަހްމީ --

އއ. މަތިވެރީ ނޫރަންނަހާރު ޒަކަރިއްޔާގެ ހަނދާނުގައި ބޭއްވި، ޔޫއެސްސީ 23 ވަނަ ގުރުއާން މުބާރާތުގެ އެއްވަނަ / އުޖާލާ ނޫރުގެ މަގާމަށް ފާތިމަތު ޝައިހާ ފަހްމީ ހޮވިއްޖެއެވެ.

މިއީ މަތިވެރީގެ ޖަމިއްޔާއެއް ކަމަށްވާ ޔޫނިއަން ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. މިއީ މި މުބާރާތް ބޭއްވި 23 ވަނަ އަހަރެވެ. އަދި މިދިޔަ ދެ އަހަރު މި މުބާރާތް ބާއްވައިފައިވަނީ ވެސް މުޅި ރާއްޖެއަށް ހުޅުވައިލައިގެންނެވެ.

ޔޫއެސްސީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މި އަހަރުގެ މުބާރާތް ބޭއްވީ އެހެން އަހަރުތަކާ ތަފާތުކޮށް ކަމަށެވެ. އެ ގޮތުން މި އަހަރު މުބާރާތް ކުރިއަށް ގެންދިޔައީ ތިން ބުރަކަށް ބަހާލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ފުރަތަމަ އާއްމުކޮށް ހުޅުވައިލައިގެން އޮޑިޝަން ރައުންޑެއް ބޭއްވިއިރު، އެ ރައުންޑުން ހޮވީ 20 ބައިވެރިންނެވެ. އަދި ދެވަނަ ބުރުގައި 20 ބައިވެރިންގެ ތެރެއިން ހަ ބައިވެރިއަކު ފައިނަލް ރައުންޑަށް ހޮވިއެވެ.

މި މުބާރާތުގެ ތިންވަނަ މަގާމު ޒައިނަބު ބިންތު މުޙައްމަދު ޒާހިރު ހޯދި އިރު ދެވަނަ ހޯދައިފައިވަނީ މަރްޔަމް ނާއިޝާ މަންސޫރެވެ.

މި މުބާާރާތުގެ ބައިވެރިންގެ ތެރެއިން މިފަހަރު އުމްރާ ދަތުރު ލިބިފައި ވަނީ މަރިޔަމް ނާއިޝާ މަންސޫރަށެވެ.

މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ޔޫއެސްސީން ޝުކުރު ދަންނަވައެވެ.

comment ކޮމެންޓް