އަންނަ އަހަރުން ފެށިގެން ހާފިޒުން ދަސްވެނިވުމުގެ ގައުމީ ފެންވަރުގައި ބާއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ގުރުއާން ކިޔެވުމުގެ 36ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މީގެ ކުރިން ގުރުއާން ހިތުދަސްކުރާ ކުދީންނަށް އިނާމު ހަވާލުކުރަނީ ގައުމީ ގުރުއާން މުބާރާތުގެ ތެރެއިންނެވެ. ޝަހީމް ވިދާޅުވި ގޮތުގައި އެއީ ގުރުއާން ހިތުދަސްކުރާ ކުދީންގެ އަދަދު ވެސް މަދުވުމުގެ ސަބަބުންނެވެ. އެހެން ނަމަވެސް މިހާރު ގުރުއާން ހިތުދަސްކުރާ ކުދީންގެ އަދަދު އިތުރުވަމުން އަންނަކަން ޝަހީމް ފާހަގަ ކުރެއްވިއެވެ. އެ ގޮތުން މިރޭ 32 ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިނާމު ހަވާލުކޮށްދެއްވާފައެވެ.

ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތް ނިންމުމަށް މި ރޭ ބޭއްވި ރަސްމިއްޔާތު -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ޝަހީމް ވިދާޅުވި ގޮތުގައި ހާފިޒުންނަށް އިނާމު ދިނުމުގެ ހަފްލާއާއި ގައުމީ ގުރުއާން މުބާރާތް އެއްކޮށް ކުރިޔަށް ގެންދިއުމަކީ އެ ހަރަކާތަށް ވެސް ހައްގު ނުލިބޭނެ ކަމެކެވެ.
"އެހެންވީމާ ގައުމީ ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ހަފްލާއަކީ ވަކި ހަފްލާއެއްގެ ގޮތުގައި ބޭއްވިފައި، ހާފިޒުންގެ ގްރެޖުއޭޝަން އެއީ ވަރަށް ބޮޑު ގައުމީ އެހެން ހަފްލާއަކަށް ހެދުމަށް އަޅުގަނޑުމެން ބޭނުންވޭ. ގައުމީ ފެންވަރުގައި ކުރިޔަށް ގެންދެވޭ ހަފްލާއެއްގެ ގޮތުގައި," ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ އަންނަ އަހަރުން ފެށިގެން އެ ދެ ހަފްލާ ކުރިޔަށް ގެންދާނީ ވަކިވަކިން ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ގުރުއާން ގައުމީ ގުރުއާން މުބާރާތަކީ ހުނަރުވެރި، ދަރިވަރުންނާއި މުދައްރިސުން އުފެއްދި ބޮޑު ހަރަކާތެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެ މަނިކުފާނުގެ ސަރުކާރުން ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތަށް ދެއްވާ އަހަމިއްޔަތުކަން ޝަހީމްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ޝަހީމް ވިދާޅުވީ އިސްލާމިކް މިނިސްޓްރީއަށް މަތިކޮށްފައިވާ މަސައްކަތްތައް އިޚްލާސްތެރިކަމާ އެކު ކުރިޔަށް ގެންދަވާނެ ކަމަށް -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ޝަހީމް ވިދާޅުވި ގޮތުގައި ހަގީގީ ބާއްޖަވެރި ކަމަކީ ގުރުއާނުގައި ބަޔާންކުރައްވާފައިވާ ފަދަ އަޚްލާގެއްގެ މައްޗަށް ތަރުބިއްޔަރުވެފައި އޮތް ޖީލެއް ބިނާ ކުރުމެވެ. އެ މަސައްކަތުގައި އިސްލާމިކް މިނިސްޓްރީއަށް މަތިކޮށްފައިވާ މަސައްކަތްތައް އިޚްލާސްތެރިކަމާ އެކު ކުރިޔަށް ގެންދަވާނެ ކަމުގެ ޔަގީންކަން ޝަހީމް ދެއްވިއެވެ.
ގައުމީ ގުރުއާން މުބާރާތަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ފެއްޓެވި މުބާރާތެކެވެ. މި ކަމުގައި އެ މަނިކުފާނުގެ އިސްނެންގެވުން ފާހަގަ ކުރައްވައި ޝަހީމްވަނީ ޝުކުރު އަދާ ކުރައްވާފައެވެ. އަދި މި ސަރުކާރުގައި އެ މުބާރާތް އިތުރު ހަރުފަތަކަށް ގެންދެވޭނެކަމަށް ޔަގީންކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތް ނިންމުމަށް މިރޭ ބޭއްވި ރަސްމިއްޔާތު -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ގުރުއާނުގެ އިލްމުފުޅާކޮށް ކުރިއެރުވުމަށްޓަކައި މި ސަރުކާރުން ޚާއްސަ އިސްކަމެއް ދެމުން އަންނަކަން ފާހަގަ ކުރެވެއެވެ. އެ ގޮތުން ޒުވާން ޚަތީބުން ތަމްރީނު ކުރުމުގެ އިތުރަށް، ގުރުއާން ހިތުދަސްކުރާ ދަރިވަރުންނަށް ޚާއްސަ ޕޮކެޓް މަނީއެއް ދީ، އެ ދަރިވަރުން އުމްރާއަށް ފޮނުވުމުގެ މަޝްރޫއެއް ވެސް ކުރިޔަށް ގެންދާނެ ކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން ވެސް ގުރުއާނާބެހޭ މަރުކަޒުތައް ރާއްޖޭގައި ގާއިމް ކުރާނެ ކަމުގެ ޔަގީންކަން ދީފައިވެއެވެ.