ހއ. އަތޮޅުގެ އެންމެ އަލިގަދަ ތަރިއަކަށް ރީޝް

ހއ. އަތޮޅު އެންމެ އަލިގަދަ ތަރި 1445 ގުރުއާން މުބާރާތް ކާމިޔާބުކުރި ޢާއިޝަތު ރީޝް ނަސީމްގެ އާއިލާ، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދާއެކު ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ: ދި ފައުންޑޭޝަން

ހއ. ދިއްދޫ، މިޑްލް ސްޕޯޓްސް ކުލަބުން ބާއްވާ، ދި ފައުންޑޭޝަން ހއ. އެންމެ އަލިގަދަ ތަރި ޤުރްއާން ކިޔެވުމުގެ މުބާރާތް، ދިއްދޫ، ވައްޓަރު، ޢާއިޝަތު ރީޝް ނަސީމް ކާމިޔާބުކޮށްފިއެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ރޭ ދިއްދޫގައި ބޭއްވިއިރު މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

މި މުބާރާތުގެ ދެވަނަ ދިއްދޫ، ޝެހެނާއީ، އަބްދުﷲ ޒައިން، ހޯދިއިރު، ތިންވަނަ ހޯދާފައިވަނީ ދިއްދޫ، ޖީޒާ، މަރިޔަމް އަޒާ އާދިލް، އެވެ.

ހއ. އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ އެއްވަނަ ހޯދި ރީޝް، އަކީ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރެކެވެ.

ޤުރުއާން ކިޔެވުމަށާއި އުނެގުމަށް އޮންނަ ޝައުގުވެރިކަމާ އެކު، މީގެ ކުރިން ވެސް އެކިއެކި ޤުރުއާން މުބާރާތްތަކުގައި ބައިވެރިވެ، ރީޝްވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އެ ގޮތުން ރީޝްވަނީ ހއ. ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1443 ގައި މުޅި މުބާރާތުން 7ވަނަ، އަދި 1444ވަނަ އަހަރު މުޅި މުބާރާތުން ހަވަނަ ހާސިލްކޮށްފައެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ 34، 35 އަދި 36ވަނަ ގައުމީ ޤުރުއާންކިޔެވުމުގެ މުބާރާތުގައި ވާދަކޮށްފައިވާއިރު، ރަށު ފެންވަރުގައްޔާއި އަތޮޅު ފެންވަރުގެ އެކިއެކި މުބާރާތްތަކުގައި ވާދަކޮށް ފާހަގަކޮށްލެވޭ ކާމިޔާބީތައް ރީޝް ވަނީ ހޯދާފައެވެ.

އަތޮޅު ފެންވަރުގައި ކުރިޔަށް ގެންދިޔަ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް ފެށީ 20 ބައިވެރިންނާ އެކުގައެވެ. ފަސް ބައިވެރިން މުބާރާތުގެ ގްރޭންޑް ފިނާލޭއަށް ދަތުރުކުރިއިރު، ފިނާލޭގެ ފަހު ބުރުގެ ކިޔެވުން އޮތީ ރޭގައެވެ. ފަހުބުރުގެ ކިޔެވުންތައް ކުރިޔަށް ގެންގޮސްފައިވަނީ ތިން ބުރަކަށް ބަހާލައިގެންނެވެ.

ހއ. އަތޮޅު އެންމެ އަލިގަދަ ތަރި 1445 ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: މިޑްލް ސްޕޯޓްސް ކުލަބު

އެ ގޮތުން ފުރަތަމަ ބުރުގައި ބަލައިގެން ކިޔަވާފައިވާއިރު، ދެވަނަ ބުރުގައި ބައިވެރިން ކިޔަވާފައިވަނީ ނުބަލައެވެ. ފަހު ބުރުގައި އޮތީ ތަޖްވީދާއި އިސްލާމީ ތާރީހުގެ ސުވާލުތަކަށް ޖަވާބުދިނުމެވެ.

ހއ. އަތޮޅު އެންމެ އަލިގަދަ ތަރި 1445 ޤުރުއާން މުބާރާތުގެ އެއްވަނަ ހޯދި ބައިވެރިޔާއަށް އިކޮނޮމިކް މިނިސްޓަރު އިނާމު ހަވާލުކޮށްދެއްވަނީ-- ފޮޓޯ: މިޑްލް ސްޕޯޓްސް ކުލަބު

މި މުބާރާތުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ހިމެނެނީ ހއ. އަތޮޅުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުކުރުމާއި، ތަޖުވީދުގެ ހަމަތަކާއި، އުސޫލުތަކާއި، އެއްގޮތްވާ ގޮތުގެ މަތީން ޤުރުއާން ކިޔަވަން ދަންނަ ބަޔަކު އުފެއްދުމާއި، ޤުރުއާން އުނގެނުމާއި، އުނގަންނައި ދިނުމާއި، ތަރުތީލުކޮށް ކިޔެވުމުގެ ގާބިލްކަން އުފެދޭނޭފަދަ ވާދަވެރި މާހައުލެއް އުފެއްދުމާއި، ޤުރުއާން ހިތުދަސްކުރުމުގެ ރޫހު އަށަގެންނެވުމުގެ އިތުރުން ޤުރުއާނުގެ އެކި ފަންނުތަކަށް އަހުލުވެރި ކުރުވުމެވެ.

comment ކޮމެންޓް