އޭއައިގެ ނުރައްކާ ބޮޑުވެދާނެ ކަމުގެ އިންޒާރު ގޫގުލްގެ ވެރިޔާ ދެއްވައިފި

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ސަބަބުން ވަރަށް އަވަހަށް "ކޮންމެ ކުންފުންޏެއްގެ ކޮންމެ އުފެއްދުމަކަށް ވެސް" ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށް ގޫގުލް އަދި އަލްފަބެޓްގެ ސީއީއޯ ސުންދަރު ޕިޗާއީ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ޓީވީ ނެޓްވޯކް ސީބީއެސްއަށް ދިން އިންޓަވިއުއެއްގައި ޕިޗާއީ ބުނީ އެކަމަށް ޓަކައި މުޖުތަމައުއެއްގެ ގޮތުގައި އެޑަޕްޓް ވާން ޖެހޭ ކަމަށެވެ. އަދި ލިޔުންތެރިންނާއި އެކައުންޓެންޓުން ފަދަ "ނޮލެޖް ވޯކަރުން"ގެ ގޮތުގައި އޭނާ ސިފަކުރާ ކަންކަމަށް ބަރޯސާވާ ސިނާއަތްތަކުގެ އިތުރުން ސޮފްޓްވެއާ ފަރުމާކުރި އިންޖިނިއަރުންނަށް ވެސް ވަޒީފާގެ ކުރިއެރުމާއި ދެމެހެއްޓެނިވި ކަމަށް ބުރޫ އަރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގޫގުލް އިން ވަނީ އެ ކުންފުނީގެ އޭއައި "ޗެޓްބޮޓް" ބާޑް މިދިޔަ މަހު ތައާރަފްކޮށްފައެވެ. އެއީ، 2022ވަނަ އަހަރު އޯޕަންއޭއައިގެ ޗެޓްޖީޕީޓީ އޮންލައިންކޮށް ތައާރަފްކުރުމާ އެކު، އިލްމީ ކަރުދާސްތައް ކޮމްޕޯޒްކޮށް، އިންސާނުން ފަދަ ބަހުރުވައިން، އެހެނިހެން ޔުޓިލިޓީސްތަކާ އެކު، އާދަޔާ ހިލާފު އަދި ތަފުސީލީ ބައިތައް ލިޔުމުގެ ކުޅަދާނަކަމުގެ ސަބަބުން ބޮޑު މަގުބޫލުކަމެއް ލިބިގެން ދިޔަ އުފެއްދުމެކެވެ.

ނަމަވެސް އޭއައި ޗެޓްބޮޓްތަކާއި ޗެޓްޖީޕީޓީއަށް ފާޑުކިޔާ މީހުން އިތުރުވަމުންދާއިރު، މި މަހުގެ ކުރީކޮޅު އިޓަލީގައި ޕްރައިވެސީގެ މައްސަލަތަކާ ގުޅިގެން ޗެޓްޖީޕީޓީ މަނާކޮށްފައިވާއިރު، ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތައް ކަމަށްވާ އީލޮން މަސްކް އާއި ސްޓީވް ވޮޒްނިއާކްގެ އިތުރުން ޓެކް ދާއިރާގެ ގިނަ އަދަދެއްގެ އިލްމުވެރިން ވަނީ އޭއައި އެކްސްޕެރިމެންޓްތައް ހުއްޓާލުމަށް ގޮވާލައިފައެވެ.

މަސްކް އާއި ވޮޒްނިއާކް ގުޅިގެން ފޮނުވި އޯޕަން ސިޓީގައި ބުނެފައި ވަނީ މި ޓެކްނޮލޮޖީ "ހަރުކަށިކޮށް އޮޑިޓްކޮށް ބަލަހައްޓަން ޖެހޭނީ ބޭރުގެ މިނިވަން ތަޖުރިބާކާރުން" ކަމަށެވެ.

ޕިޗާއީ ވެސް ވަނީ އޭއައިގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކަށް އިންޒާރު ދީފައެވެ. އަދި، ދޮގު ޚަބަރާއި ވީޑިއޯ އަދި ފޮޓޯ ފެތުރުމަކީ "މާ ބޮޑު" ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ގެއްލުމެއް ލިބިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގޫގުލް އިން މީގެ ކުރިން އޮންލައިންކޮށް ލިޔުމެއް ޝާއިއުކޮށްފައި ވާއިރު އެ ލިޔުމުގައި ބުނެފައިވަނީ އެ ޓެކްނޮލޮޖީ "އަޚްލާޤާ އެކު އިންސާނީ އަސާސްތަކާ އެއްގޮތް" ކަން ކަށަވަރު ކުރުމަށް ޓަކައި އެ ޓެކްނޮލޮޖީ ރެގިއުލޭޓް ކުރުމަށް ގޮވާލާ ކަމަށެވެ.

އޭނާ ސީބީއެސްއަށް ތަފްސީލުކޮށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އެއީ ކުންފުންޏަކުން ނިންމަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

"އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި، މިކަން ކުރިއެރުވުމުގައި ހަމައެކަނި އިންޖިނިއަރުން ނޫން، އިޖްތިމާޢީ ސައިންޓިސްޓުންނާއި، އަޚްލާޤީ ޢިލްމުވެރިންނާއި، ފަލްސަފާވެރިން، އަދި މިނޫންވެސް ބޭފުޅުން ވެސް ހިމަނަން އެބަޖެހޭ." ޕިޗާއީ ވިދާޅުވިއެވެ.

ޗެޓްޖީޕީޓީ އާއި ބާޑްގެ ވެސް ގޯސްތަކެއް ހުރިކަން ފާހަގަކުރައްވަމުން ސީބީއެސްގެ ރިޕޯޓްގައި ފާހަގަކޮށްފައިވަނީ ސީބީއެސްގެ ސްކޮޓް ޕެލީއަށް އިންފްލޭޝަން ބަޔާންކޮށްދިނުމަށް އެދުމުން ބާޑް ލަފާ ދިނީ އެ މައުޟޫއު ރަނގަޅަށް ދެނެގަތުމަށް ޓަކައި ފަސް ފޮތެއް ކިޔެވުމަށެވެ. މީގެ އިތުރުން ބައެއް އަސާސީ މަސައްކަތްތަކުގައި ވެސް ޗެޓްޖީޕީޓީ ފެއިލްވެފައިވާ ކަމަށާއި، ސުވާލުތަކަށް ގަބޫލުކުރެވޭ ފަދަ ނަމަވެސް މުޅިން ވެސް ގޯސް ޖަވާބެއް ދީފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

comment ކޮމެންޓް