ގަސް ގެންގުޅުމުން ނަފްސާނީ ދުޅަހެޔޮކަމަށް ފައިދާވޭ

ކޮވިޑްގެ ހާލަތު ރާއްޖޭގައި އެންމެ ގޯސްވި ވަގުތު ގިނަ ބަޔަކު ތިބީ ގޭގައި ތާށިވެފައެވެ. އެއާއެކު އެންމެ މަގުބޫލު ވެގެން ދިޔަ އެއް ކަމަކީ ގޭގައި ތަފާތު ގަސްތައް ހެއްދުމުގެ މަސައްކަތެވެ. ގޭގައި ބަހައްޓައި ރީތި ގަސްތަކުން ފެށިގެން ކާއެއްޗެހި އަޅާ ގަސްތައް ވެސް ހެއްދީ ވަރަށް ފޯރީގައެވެ. ނަމަވެސް މި ގަސްތަކަކީ ނަފްސާނީ ދުޅަހެޔޮ ކަމަށް ބޮޑު ބޫސްޓެއް ލިބޭ އެއްޗެއް ކަން އެނގޭ ހެއްޔެވެ؟

ސައިންސުވެރިން ބުނާގޮތުގައި ގޭގައި ގަސް ހެއްދުމަކީ އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމަށް ފައިދާ ކުރާ ކަމެކެވެ.

ޓެކްސަސްގެ އޭ އެންޑް އެމް ޔުނިވާސިޓީގެ ހޯޓިކަލްޗަރަލް ސައިންސް ޕްރޮފެސަރެއް ކަމަށްވާ މެންގްމެން ގޫ ބުނާގޮތުގައި ގޭގައި ގެންގުޅޭ ގަސް ހުންނަ ގޮތުން އަދި އެއިން ދުވާ ވަހުގެ ސަބަބުން ވެސް ގޭތެރެއަށް އާރޯކަމާއި ތާޒާކަން ގެނެސްދެއެވެ. އަދި އެއީ ބަލާލަން ރީތި ގަސްތަކަށް ވާނަމަ ލޮލަށް ވެސް ހިތް ހަމަ ޖެހުން ގެނެސްދޭ ކަމަށް އޭނާ ފާހަގަކުރިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ލަފާކުރާ ގޮތުގައި ދުނިޔޭގެ އާބާދީގެ ފަސް ޕަސެންޓު މީހުންނަކީ ޑިޕްރެޝަން އާ ހަނގުރާމަ ކުރަން ޖެހޭ މީހުންނެވެ.

އަދި ގިނަ މީހުން، ހާއްސަކޮށް ޒުވާނުންނަކީ ގިނަ ފަހަރަށް ވަގުތު ހަތަަރު ފާރުގެ ތެރޭގައި ހޭދަކުރަން ޖެހޭ މީހުންނެވެ. އެއާއެކު އޭގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި ގެއްލުން ވެއެވެ. ގޭތެރޭގައި ގަސް ހެއްދުމަކީ މި ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރުތަކަށް ކުޑަ ނަމަވެސް އެހީއެއް ލިބޭ ކަމެއް ކަމަށް ދިރާސާއިން ދައްކައެވެ.

ޔުނިވާސިޓީ އޮފް ރީޑިން އެންޑް ހޯޓިކަލްޗަރަލް ސޮސައިޓީއިން ކުރިއަށް ގެންދިޔަ ދިރާސާއެއްގައި ވަނީ ގޭތެރޭގައި ހުންނަ ގަހުން އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރޭތޯ ބަލާފައެވެ. މި ދިރާސާއަށް 520 މީހެއްގެ މައުލޫމާތު ބޭނުންކޮށްފައިވެއެވެ.

އެ ދިރާސާއިން އެނގުނު ގޮތުގައި ގަސްތަކުގެ ސަބަބުން މީހާގެ މޫޑު ރަނގަޅުވެ ސްޓްރެސްގެ މިންވަރު ކުޑަވެއެވެ. މިއަށް އެންމެ ބޮޑު އެހީއެއް ވަނީ ފެހިކަން ގަދަ ފަތް ބޮޑެތި ގަސްތަކުން ކަމަށް ދިރާސާއިން ދައްކައެވެ.

ގޭތެރެއަށް ގަސްތައް ގެނައުމަކީ ގޭގެ ޑިޒައިނަށް ވެސް ރަނގަޅު ބަދަލުތަކެއް ގެންނަ ކަމެކެވެ. އެގޮތުން ގަސްތަކުގެ ސަބަބުން ގޭގެ ޑިޒައިނަށް "ކާވް"ތައް ލިބޭނެއެވެ. ކާވްތަކާއި ބަނޑިތައް ހުރުމަކީ އިންސާނުންނަށް ޕޮޒިޓިވް އިހުސާސްތައް ގެނުވައިދޭ ޑިޒައިނެއް ކަމަށް ސައިންސުވެރިން ބުނެއެވެ.

comment ކޮމެންޓް