ނަފުސާނީ ފުރަތަމަ އެހީދޭ 24 ގަޑިއިރުގެ ހެލްޕްލައިން އިފްތިތާހުކޮށްފި

ނަފްސާނީ ސިއްހަތުގެ ގައުމީ ހެލްޕްލައިނެއް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ ނަދީމް

ނަފުސާނީ ސިއްހަތުގެ ގައުމީ ހެލްޕް ލައިނެއް މިއަދު އިފްތިތާހުކޮށްފިއެވެ.

ނަފުސާނީ ސިއްހަތުގެ ގައުމީ ހެލްޕް ލައިން އިފްތިތާހުކުރަން މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއުއެވެ. އޭގެ އިތުރުން މި ރަސްމިއްޔާތުގައި، ހެލްތު މިނިސްޓަރު އަބްދުﷲ ޚަލީލާއި، ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ އަދި ސްޓޭޓް މިނިސްޓަރުން ވެސް ވަނީ ބައިވެރިވެލައްވައިފައެވެ.

ނަފުސާނީ ފަރުވާ ދޭން އަލަށް ތައާރަފުކުރި ނަންބަރަކީ، 1677 އެވެ. ހެލްތު މިނިސްޓްރީން ބުނީ، މި ހެލްޕްލައިން ބޭނުންކޮށްގެން ރާއްޖޭގެ، ކޮންމެ ހިސާބެއްގައި ހުރެގެން ވެސް ނަފުސާނީ ގޮތުން ބޭނުންވާ އެހީތެރިކަން ލިބޭނެކަމަށެވެ.

ނަފުސާނީ ސިއްހަތުގެ ގައުމީ ހެލްޕްލައިނެއް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ ނަދީމް

އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ، އާއިޝަތު ސާމިޔާ ވިދާޅުވީ، ރާއްޖޭގައި ވެސް ނަފުސާނީ ބަލި ތަހައްމަލުކުރަމުންދާ މީހުން ވަރަށް ގިނަ ކަމަށެވެ.

އެގޮތުން އޭނާ ވިދާޅުވީ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ރާއްޖޭގައި ކޮންމެ ފަސް މީހަކުން އެކަކު ނަފުސާނީ ބަލި ތަހައްމަލު ކުރާ ކަމަށެވެ. އަދި، ހަމަ އެ ސާވޭއިން ދައްކާ ގޮތުގައި ރާއްޖޭގައި ކޮންމެ 20 މީހަކުން އެކަކު، އަމިއްލަ ނަފުސަށް ގެއްލުންދީ އަމިއްލައަށް މަރުވުމުގެ ހިޔާލު ގެންގުޅޭކަން އަމިއްލައަށް ހާމަކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިކަމުން ވެސް މިއަދު މި އިފްތިތާހު ކުރެވުނު ހެލްޕްލައިންގެ މުހިންމުކަން ހާމަވެގެންދާ ކަމަށެވެ.

އޭނާ ވިދާޅުވީ މި ޚިދުމަތުގެ އެންމެ މައިގަނޑު އަމާޒަކީ ކޮންމެ ވަގުތަކު ވެސް މި ބަލި ތަހައްމަލުކުރާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

"ނަފުސާނީ ސިއްހަތުގެ ހެލްޕު ލައިންގެ މައިގަނޑު އަމާޒަކީ ނަފުސާނީ ހާލަތްތަކާއި އުނދަގޫތައް ތަހައްމަލުކުރާ އެކި އުމުރުފުރައިގެ މީހުންނަށް ކޮންމެ ގަޑިއެއްގައި ވެސް ގުޅޭނޭ ޚާއްސަ ނަންބަރެއް ގާއިމު ކުރުން،" ސާމިޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ހެލްޕުލައިނަށް ގުޅާލުމުން ފުރަތަމަ އެހީގެ އިތުރުން މައްސަލަ ހައްލު ކުރުމުގައި އެހީތެރިވުމާއި މައުލޫމާތު ފޯރުކޮށްދިނުމާ ގުޅުންހުރި ޚިދުމަތްތަކަށް ހެދިފައިވާ އުސޫލުތަކުގެ ތެރެއިން ރިފެރަލް ހެދިގެން ދާނެކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ނަފްސާނީ ސިއްހަތުގެ ގައުމީ ހެލްޕްލައިނެއް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ ނަދީމް

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ސްޕޯޓްސް މިނިސްޓަރު ވިދާޅުވީ، ނުތަނަވަސްކަން ހިއްސާ ކުރާނެ މީހަކު ހުރުމަކީ ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"ދިރިއުޅުމުގެ ހަލަބޮލިކަމުގެ ތެރެއިން ދިމާވާ ގިނަ ގޮންޖެހުންތަކުގެ ސަބަބުން ނަފުސާނީ ގޮތުން ނުތަނަވަސްކަން އިހުސާސް ކުރެވި އެކަނިވެރިކަން އިހުސާސްކުރެވޭ ވަގުތުތަކުގައި ވާހަކަ ދައްކައިލާނެ އިތުރު ފަރާތެއް ހުރުމަކީ އެފަދަ ކަންކަމަށް ކުރތިމަތިލުމަށް ހިތްވަރު ލިބި، އެކަން ކަމުން އަރައިގަތުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވެސް ވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ އަލަށް ތައާރަފުކުރެވުނު މި ހެލްޕްލައިން ވާނީ ވަރަށް މުހިންމު ހެލްޕްލައިނަކަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މި ހެލްޕްލައިނަކީ ނަފުސާނީ ބަލިތައް ތަހަންމަލުކުރަމުންދާ މީހުންނަށް އެކުވެރިއެއް ކަމަށެވެ.

ނަފުސާނީ ސިއްހަތުގެ ގައުމީ ހެލްޕްލައިނެއް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ ނަދީމް

"އަޅުގަނޑުމެން މި ބުނެދެނީ ތިބޭފުޅުންގެ ކަނބޮޑުވާ ތިބޭފުޅުންނަށް ހިތްތަކަށް އުނދަގޫވާ ކަހަލަ ކަންތައްތަކެއް ހުރިއްޔާ މި އޮތީއޭ ތިބޭފުޅުންގެ އެކުވެރިޔާ،" މިނިސްތަރު ވިދާޅުވިއެވެ

ރާއްޖޭގައި ނަފުސާނީ އެހީތެރިކަމަށް ޚާއްސަކޮށްގެން މިފަދަ ހެލްޕްލައިނެއް ފުރަތަމަ އުފައްދާފައިވަނީ ކޮވިޑުގެ ހާލަތާ ގުޅިގެން މޯލްޑިވްސް ރެޑް ކްރެސެންޓުންނެވެ. ނަމަވެސް 24 ގަޑިއިރަށް ޚިދުމަތްދޭގޮތަށް މިއަދު މި ތައާރަފުކުރެވުނު ހެލްޕްލައިނަކީ ރާއްޖޭގައި މިގޮތަށް ނަފުސާނީ ބަލިމަޑުކަމަށް ކޮންމެ ވަގުތަކު ވެސް އެހީދެވޭ ގޮތަށް ތައާރަފުކުރި ފުރަތަމަ ހެލްޕްލައިނެވެ.

comment ކޮމެންޓް