ނ. މަނަދޫން ޒަޚަމްތަކަކާ އެކު މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ ތަހުގީގަށް ފުލުހުން އެ ރަށުގެ ގޭގެއަށް ގޮސް މައުލޫމާތު ނަގައި ބައެއް މީހުންގެ ފިންގާޕްރިންޓް ފަދަ ސާމްޕަލްތައް ނަގަން ފަށައިފިއެވެ.
ނައީމާ ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނީ މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް އޭގެ ދެ ދުވަސް ފަހުން މިދިޔަ ހުކުރު ދުވަހުއެވެ. އޭނާގެ ޚަބަރެއް ނުވެގެން އެކަން ފުލުހުންނަށް ރިޕޯޓުކުރީ ހުކުރު ދުވަހު އިރުއޮއްސި 6:13 ހާއިރެވެ. އޭނާއަކީ ރަށުތެރެ ކުނި ކެހުމުގެ މަސައްކަތް ކުރި އެ ރަށު ކައުންސިލްގެ މުވައްޒަފެކެވެ.
ފުލުހުން ނައީމާގެ ކޮޓަރީގެ ދޮރު ހަލާކުކޮށްލައިގެން ވަންއިރު، އޭނާ އޮތީ ބިންމަތީގައި މަރުވެފައެވެ. އެނގިފައިވާ ގޮތުގައި އޭނާ މަރުވެފައި އޮތީ ގިނަ އަދި ބައެއް ބޮޑެތި ޒަޚަމްތަކަކާ އެކުއެވެ.
މި މަރަށް ގިނަ ދުވަސްތަކެއްވީއިރު އަދިވެސް މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރެއް ނުކުރެއެވެ. އަދި، ތުހުމަތު ކުރެވޭ މީހެއްގެ މައުލޫމާތު ވެސް ފުލުހުން ނުދެއެވެ.
މަނަދޫން "ސަން" އާ ވާހަކަ ދެއްކި މީހުން ބުނިގޮތުގައި ނައީމާގެ ގެއަށް ގޮސް އުޅޭ މީހުންގެ ފިންގަޕްރިންޓް ފުލުހުން މިހާރު ދަނީ ނަގަމުންނެވެ. އަދި، ރަށުގެ ގޭގެއަށް ގޮސް އެ މަރާ ގުޅޭ މައުލޫމާތު އެނގޭތޯ ފުލުހުން އަންނަނީ ސުވާލު ކުރަމުންނެވެ.
"އަހަނީ ނައީމާ ދަންނަންތޯއާއި އެ މަރާ ގުޅޭ މައުލޫމާތު އެނގޭތޯ. އަޅުގަނޑު ނޭނގޭ ބުނީމަ ދިޔައީ. ތިން ފުލުހުން އައީ. އެގޮތަށް ހުރިހާ ގެއަކަށް ކަހަލަ ގޮތަކަށް ވަންނަމުން ދަނީ،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ނަމަވެސް މި މަރުގެ ހާދިސާއާ ގުޅިގެން މަނަދޫގައި ވަނީ ބިރުވެރިކަމާއި ހަމަހިމޭންކަން ފެތުރިފައެވެ. ގާތިލު ރަށުގައި އަދިވެސް އުޅޭތޯ އަދި ނައީމާގެ ގާތިލަކީ ކާކުތޯ އަދި އެ އަނިޔާވެރި ގަތުލުކުރީ ކީއްވެތޯ، މިފަދަ އެތައް ސުވާލުތަކެއް އެ ރަށު ރައްޔިތުން ދަނީ ކުރަމުންނެވެ.
އެ ރަށު ކައުންސިލުން ވެސް ވަނީ އެކަމާ ގުޅިގެން އާއްމުން ނަފްސާނީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށް ބުނެފައެވެ. މިއީ މަނަދޫގެ ތާރީޚުގައި ވެސް މިފަދަ ކަމެއް ހިނގި ފުރަތަމަ ފަހަރަށްވާއިރު، އެ ރަށުގެ ރައްޔިތުންނަށް މިއީ ބިރުވެރި އަދި އާ ކަމެކެވެ. އަދި، މަރަށް ގިނަ ދުވަސްވެ، އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ނުލިބޭތީ އެ ރަށު މީހުންގެ ކަންބޮޑުވުންތަކާއި ސުވާލުތައް ދަނީ އިތުރުވަމުންނެވެ.