އަނިޔާވެރި މަރަށް ހަފުތާއެއް: ކީއްވެ ކުރި ކަމެއް؟

ނ. މަނަދޫން އަޙްމަދު ސާއިލް އަލީ

ނައީމާ މޫސާ އުޅެމުންދިޔައީ ވަރަށް އެކަނިވެރި ދިރިއުޅުމެކެވެ. އޭނާ ދިރިއުޅޭ ގެއަށް މީހުން ވަދެއެއް ނޫޅެއެވެ. އެކަން އެގޮތަށް ދިމާވާ ސަބަބުތަކެއް ވެސް އޮވެއެވެ. އެއީ، ޒަމާނުންސުރެ އޭނާއަށް ކުރާ ތުހުމަތެއްގެ ސަބަބުންނެވެ. ރަށު ތެރޭގައި އޭނާ ނަންވެފައި އޮންނަނީ ސިހުރު ހަދާ މީހެއްގެ ގޮތުގައެވެ. އެކަން ސާބިތުނުވި ނަމަވެސް އަދި، ހެއްކެއް ނެތް ނަމަވެސް އެކަން ގަބޫލު ކުރާ ބަޔަކު މި ރަށުގައި އުޅެއެވެ.

މި ރަށު ސާތީވިލާ ވަހީދާ އިދުރީސްއަކީ ކުޑައިރުއްސުރެ ވެސް ނައީމާގެ ރައްޓެއްސެކެވެ. އުޅެބޮޑުވީ އެކުގައެވެ. އަދި، ދެ މީހުން މަސައްކަތް ކުރަމުން ދިޔައީ މި ރަށް ސާފު ކުރަން ކައުންސިލުން ހަވާލުކޮށްފައިވާ އަށް މީހުންގެ ގުރޫޕުގައެވެ.

ވަހީދާއާއި ނައީމާއާ އެންމެ ފަހުން ބައްދަލުވީ މިދިޔަ ހަފުތާގެ ބުދަ ދުވަހުއެވެ. އެ ދުވަހު އެކުގައި ރަށުތެރެ ކުނިކަހަން ދިޔައެވެ. އޭގެ ފަހުން ނައީމާގެ ޚަބަރެއް ނުވިއެވެ. ވަހީދާ ބުނި ގޮތުގައި އެންމެ ފަހުން ދިމާވިއިރު ވެސް ނައީމާ ހުރީ ވަރަށް ހަމަޖެހިގެންނެވެ. މީހަކު އުނދަގުލެއް ނުވަތަ ގޯނާއެއް ކުރާ ވާހަކައެއް ވެސް ނުބުނެއެވެ. އަދި، އޭނާގެ މޫނު މަތިން އެއްވެސް ހާސް ކަމެއް ވެސް ފެންނާކަށް ނެތެވެ. ކަމެއް ގޯސްވީކަމަށް ބެލެވުނީ ކުނިކެހުމުގެ މަސައްކަތަށް ނައި ހިސާބުންނެވެ.

ވަހީދާ "ސަން" އަށް އިންޓަވިއޫ ދެނީ: އޭނާއަކީ ނައީމާގެ ޒަމާންވީ އެކުވެރިއެއް-- ސަން ފޮޓޯ

"ބުރާސްފަތި ވިލޭރޭ ކުނިކަހަން ނާންނާތީވެ ދިޔައީ އެ ރޭ ފަތިހު. 5:30 ގައި މި ދަނީ ކުނިކަހަން އޭނާ ގޯންޏާއި ކުނި ކަހާ ހުރިހާ އެއްޗެއް ގަންނާނީ އޭނާގެ ގާޑިޔާއަށް އަރުވައިގެން. ދެން އެ ރޭ އޭނާ ނާދޭ. އެހެންވެ، ނާންނާތީވެ އަހަންނާއި އެތަނުގެ އެހެން މީހަކު ދިޔައީ ގޮސް ކުޑަދޮރުގައި ތަޅާތަޅާ ވެސް ޚަބަރެއް ނުވި. ކައުންސިލަށް ގޮސް ގޯނި ހިފައިގެން އަންނަމުން ވެސް ގޮވިން. އައީމަ ވެސް ހަމަ ޚަބަރެއް ނުވި. އަނެއްކާ ކުނިކަހަލައި ނިމިގެން ގޮސް ވެސް ގޮވިން. ގޮވީމަ ވެސް ޚަބަރެއް ނުވި. އޭގެ ފަހުން އަޅުގަނޑު ގޮސް އެގޭ ތެރެއަށް ވަދެގެން ވެސް ގޮވިން. ގޮވީމަ ވެސް ޚަބަރެއް ނުވި." ވަހީދާ މި ނޫހަށް ކިޔައިދިނެވެ.

މިދިޔަ ހުކުރު ދުވަހުގެ ހަވީރާ ހަމައަށް ނައީމާގެ ޚަބަރެއް ނެތުމުން އޭނާ ހޯދަން މަސައްކަތް ކުރި މީހުން ނައީމާގެ އާއިލާއަށް އެކަން އެންގިއެވެ. ފުލުހުންނާ އެކު އާއިލާއާއި ރައްޓެހިން ހުކުރު ދުވަހުގެ އިރުއޮއްސުނު ވަގުތު އެ ގެއަށް ދިޔައިރު އެގޭ ވަލު ދޮރާށި ހުރީ ހުޅުވައިފައެވެ. ނަމަވެސް ނައީމާ ދިރިއުޅޭ ކޮޓަރި ހުރީ ތަޅުލައިފައެވެ. އެހާ ހިސާބުން ފުލުސް މީހާ އެ ދޮރު ގަދަކަމުން ހުޅުވިއިރު ފެނުނީ ނައީމާ މަރާލާފައި އޮއްވައެވެ.

އުމުރުން 62 އަހަރުގެ ނައީމާގެ ހަށިގަނޑުގެ އެކި ހިސާބުތަކަށް ތޫނު އެއްޗަކުން ގިނަ ހަމަލާތަކެއްދީ ކަރު ވެސް އޮތީ ވަރަށް ބޮޑަށް ޒަހަމް ކޮށްލާފައެވެ.

"ބައެއް ފަރާތްތަކުން އަޅުގަނޑަށް މައުލޫމާތު ދެއްވި ބަންޑުންނޭ އޮތީ ވަރަށް ބޮޑަށް ލޭ އެ ސަރަހައްދުގައި އެއްކޮށް ކަހަލަ ގޮތަކަށް އެބައޮތޭ." މަނަދޫ ކައުންސިލްގެ ރައީސް އަބްދުއްރަހްމާން ސޮބީހު ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެނުނީ މޫނު، މޫނު އަޅުގަނޑަށް ފެނުނުއިރުގައި އެއް ލޮލުގައި ބެންޑޭޖް އަޅާފައި އޮތީ ދެން ގިނައިރުތަކެއް ވީމައި ވަރަށް ބޮޑަށް ފޮއްސިވެފައި ވަރަށް ބޮޑަށް ކަޅުވެފައި އޮތީ. ގިނައިރުތަކެއް ވެގެން."

މަނަދޫ ކައުންސިލްގެ ރައީސް ސޮބީހު "ސަން" އަށް އިންޓަވިއޫ ދެއްވަނީ-- ސަން ފޮޓޯ

ނައީމާގެ މަރާ އެކު މުޅި ރަށް އެލާޓްވިއެވެ. ޝައްކު ކުރެވޭ މީހެއް ހުރިތޯ ބަލަން ފެށިއެވެ. އެހާ ހިސާބުން ފުލުހުން ރަށް މޮނީޓާ ކުރަން ފެށިއެވެ.

"ތަންކޮޅެއް ފަހުގެ ވަގުތެއްގައި ފުލުހުންގެ އިންޗާޖް އަޅުގަނޑަށް ގޮވާލާފައި ވިދާޅުވި ފުލުހުންނަށް އަރައި ފައިބާ މީހުން އެނގޭނެ ގޮތަކަށް މޮނީޓާކޮށް ބަނދަރު ބަލަހައްޓާ އާއްމުކޮށް އިއުލާން ކުރުމަށް. ދެން ވިދާޅުވި ޝައްކު ކުރެވޭ ކަންތައްތަކެއް އެބަ ހުއްޓޭ. އެ ހާ ހިސާބުން އަޅުގަނޑު އަޅުގަނޑުގެ ކައުންސިލް މެންބަރުންގެ ކައިރީގައި ބުނިން މިހާރުން މިހާރަށް އާއްމުކޮށް އިއުލާން ކުރަމާ ހިނގާށޭ،" ސޮބީހް ވިދާޅުވިއެވެ.

ނައީމާގެ ހަށިގަނޑު މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު މަނަދޫގައި ވަޅުލީ ޕޯސްޓްމޯޓަލް ނުހަދައެވެ. ޝައްކު ކުރެވޭ ކަންތައްތަކެއް ހުރި ނަމަވެސް ޕޯސްމޯޓަމް ހެދުމަކާ ނުލައި އޭނާ ވަޅުލާފައިވާތީ ބައެއް ފަރާތްތަކުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމާ ގުޅިގެން ފުލުހުން ބުނީ ހަށިގަނޑު ވަޅުލާފައިވަނީ އިތުރަށް ޕޯސްޓްމޯޓަމް ހަދަން ޖެހޭ ސަބަބެއް ނެތް ކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމާފައިވާތީ ކަމަށެވެ.

ކާކު؟ ކީއްވެ ކުރި ކަމެއް؟

ނައީމާގެ އެއްބަނޑު ހަ މީހުން ތިބެއެވެ. އެ މީހުން އުޅެނީ މި ރަށުގައެވެ. ނައީމާގެ ތިން ކުދިން ތިބޭއިރު އެ ކުދިން އުޅެނީ ރަށުން ބޭރުގައެވެ. ނަމަވެސް އޭގެން ގިނަ މީހުންނާއި ނައީމާއާ ގުޅުމެއް ނޯންނަ ކަމަށް އެ އާއިލާއިން ބުނެއެވެ.

"އަނެއްހެން ވަރަށް ގުޅުން ކުޑަ މީހެއް އޭނާއަކީ އުޅޭ އުޅުމުގައި. އެކަނިއެކަނި އުޅެން އުޅޭ މީހެއް އެއީ. އެކަނި އުޅެނިކޮށް އެ ނިޔާވީ ވެސް." ނައީމާގެ ކޮއްކޮ އަބްދުﷲ މޫސާ ބުންޏެވެ.

ނައީމާގެ ކޮއްކޮ އަބްދުﷲ "ސަން" އަށް އިންޓަވިއޫ ދެނީ-- ސަން ފޮޓޯ

މި މަރާ ވަކި މީހަކާ ގުޅުވަން އާއިލާއަކަށް ވެސް ނޭނގެއެވެ. އެއްވެސް މީހެއްގެ ފަރާތުން ގޯނާއެއް ނުވަތަ އުނދަގުލެއް ވާކަން ނައީމާ މީގެން ދުވަހަކު ވެސް ހިއްސާކޮށްފައެއް ނުވެއެވެ. މި މަރަކީ އެ އާއިލާއަށް ވަރަށް ބޮޑު ހިތާމައެކެވެ.

"އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނުކެރޭނެ ޝައްކު ކުރާކަށް ވަކި ބައެކޭ. އެކަމަކު ވަރަށް ގިނަ ޒަޚަމްތައް ހުރި ކަމަށް އެބަ ބުނޭ. ދެން އަޅުގަނޑަށް ވެސް ވަރަށް ހިތާމަ ދައްތަ ނުގުޅި އުޅުނަސް." އަބްދުﷲ ބުންޏެވެ.

މި މަރާ ގުޅޭ ގޮތުން ފުލުހުން މިހާތަނަށް މާ ބޮޑު ތަފުސީލެއް ހާމައެއް ނުކުރެއެވެ. އެހެންވެ، ރަށު ތެރޭގައި އެކި ގޮތްގޮތުން ވާހަކަދެކެވެއެވެ. އޭގެން އެއް ވާހަކައަކީ އެއީ ސިހުރު ހަދާ ކަމަށް ކުރެވޭ ތުހުމަތުތަކުގެ ސަބަބުން ބަދަލު ހިފުމެއް ކަމަށެވެ. ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހެއްގެ ނުވަތަ އެފަދަ ބައެއްގެ އަތެއް މި ކަމުގައި އޮވެދާނެ ކަމަށް ރަށު ތެރޭގައި ވާހަކަދެކެވެއެވެ. އެފަދަ ފިކުރުގެ މީހުން މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ މިފަދަ އަމަލުތަކަށް ބަލާއިރު ވެސް ވަރަށް އަނިޔާވެރިކަން ފާހަގަ ކުރެވެއެވެ.

މަނަދުއަށް ބަލާއިރު މި ރަށުގައި ހަރުކަށި ފިކުރަށް އުޅޭ ކަމަށް ކުރިން ތުހުމަތު ކުރެވުނު ބަޔަކު އުޅުނެވެ. އޭރު އެ މީހުން އުޅުނީ ޖަމާއަތަށް ނަމާދަށް ނާރާ ވަރަށް ވަކިންނެވެ. ނަމަވެސް މި ރަށު ކައުންސިލާއި ރަށުގެ އާއްމުން ބުނާގޮތުގައި މިހާރު އެގޮތަށް އުޅޭ މީހަކު ރަށުގައެއް ނޫޅެއެވެ. ކުރިން އެހެން އުޅުނު މީހުން ވެސް މިހާރު ޖަމާއަތަށް ނަމާދަށް އަރާ ކަމަށާއި އަދި އުޅެނީ ވެސް ރަށުގެ އެހެން މީހުންނާ ވަރަށް ގުޅިގެން ކަމަށް އެ މީހުން ބުނެއެވެ.

ދެން އޮތީ ބިދޭސީންނަށް ކުރާ ތުހުމަތެވެ. މިއީ ނ. އަތޮޅުގެ ވެރިކަން ކުރާ ރަށަށް ވުމާ އެކު ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫއުތައް ސަރުކާރާއި އާއްމުން ވެސް ރަށުގައި ދަނީ ހިންގަމުންނެވެ. އެ މަސައްކަތްތައް ކުރުމަށް 500 އެއްހާ ބިދޭސީން މިހާރު ވެސް ރަށުގައި އެބަ އުޅެއެވެ. އެހެންކަމުން މިފަދަ އަމަލެއް އޭގެން މީހަކު ހިންގަފާނެ ކަމަށް ރަށު މީހުން ވަރަށް ބޮޑަށް ތުހުމަތު ކުރެއެވެ.

"އަޅުގަނޑު ސީދާ މީތި ހަމަ ރޭޕް ކޭސްއެއް ކަމަށް ނަގަނީ އިނގޭތޯ. ކޮންމެ ތާކަށް ގެންދިޔަސް ބުނާނަން. މިހާރު މި ރަށުން އޭނާ ދެކިފައި ހުރި މީހުން ކައިރިން އަޑުއަހައިގެން އަންނަ މީހުން ދައްކާ ވާހަކައަށް ބަލާއިރު ސީދާ ރޭޕް. އެހެން ނޫނީ މިވަރު ކަމެއް ހިނގައިގެން ނުވާނެ އެ ތަނުގައެއް." މި ރަށު މުހައްމަދު އާދަމް، 58، ބުންޏެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވެނީ ސީދާ ބިދޭސީންނޭ. މީތި ހިންގާފައި މި އިންނަނީ."

ނައީމާގެ ހަށިގަނޑު ވަޅުލަނީ: އޭނާ މަރާލީ ވަރަށް އަނިޔާވެރި ގޮތަކަށް-- ސަން ފޮޓޯ

މަނަދޫގައި ހުރިހާ ބިދޭސީންނަށް ވެސް އުޅެވެނީ ދިވެއްސެއްގެ ހަވާލުގައެވެ. ކައުންސިލުން ބުނާ ގޮތުގައި ބިދޭސީންގެ ތެރޭގައި ނުރައްކާތެރި ކުށްވެރިއެއް އުޅޭކަން މިހާތަނަށް އެނގިފައެއް ނެތެވެ.

"ބިދޭސީންގެ ވެސް ކުށްތަކެއް އަނެންހެން މާ ބޮޑަކަށް ފާހަގަ ކުރެވިފައެއް ނެތް. ބައެއް މައްސަލަތައް އާދޭ ބައެއް ބިދޭސީން އާއްމުންގެ ފަރާތުން އަންނަ ބައެއް ކަންކަމަށް ބަލާއިރު މިސާލަކަށް އާއްމުންގެ ބައެއް ގޭގައި ހުންނަ ރުއްތަކުން ކުރުނބާ އެޅުން. ވަލު ތެރެއިން ކާށި ހޮވައި ކަންތައްތައް ކުރުން. މި ކަހަލަ ކަންތައްތަކުގެ މައުލޫމާތު އަޅުގަނޑުމެންނަށް އާދޭ. ތަންކޮޅެއް ކުރީގައި އެ މީހުން އެ މީހުންނަށް ކުދިކުދި މާރާމާރީ ހިންގާފައި އެބަހުރި. އެވެސް ވަރަށް މަދުން." ކައުންސިލް ރައީސް ވިދާޅުވިއެވެ.

ނައީމާއަކީ ތަނަވަސް މީހެއް ނޫނެވެ. ރަށުތެރެ ސާފުކޮށްގެން މަހަކު އެ ލިބޭ ފައިސާ ކޮޅު ފިޔަވާ އޭނާއަށް އާމްދަނީއެއް ލިބޭނެ ގޮތެއް ނޯވެއެވެ. އެހެންކަމުން ވައްކަން ކުރުމުގެ ބޭނުމުގައި މީހަކު މިފަދަ ކަމެއް ކޮށްފާނެ ކަމަކަށް މި ރަށު މީހުން ގަބޫލެއް ނުކުރެއެވެ.

"ރުފިޔާ ހުންނަ މީހެއް ނޫން އެއީ ބޯ މީހަކު ދާކަށް. ޚަބަރުތައް މިއައި ގޮތުން އޭނާ ގެންގުޅޭ ލާރިކޮޅު ވެސް ބާލީސް ދަށުގައި އެ ތަނެއްގައި ހުރި ކަމަށް ވާހަކަ މިއައީ. އެހެންވީމަ ރުފިޔާގެ ބޭނުމަކު ނޫން އެއީއެއް. ބޯ ބަޔަކު އެކަން ކުރިއްޔާ އިނގިލީގައި އިންނަ އަނގޮއްޓި ވެސް އެ ގެންގުޅޭ ނޮކިޔާ ފޯން ވެސް ނީންނާނެ." މުޙައްމަދު ބުންޏެވެ.

ނައީމާ ސިހުރު ހަދާ ކަމަށް ދެކެވޭ ވާހަކަ ގަބޫލު ނުކުރާ މީހުން ވެސް މި ރަށުގައި ގިނައެވެ. އެ މީހުން ބުނާގޮތުގައި އެއީ ކުރާ ދޮގު ތުހުމަތުތަކެކެވެ.

"މީހުން ކިޔަނީ މީނާ ސިހުރު ހަދަން ދަސްކޮށްގެންނޭ އައީ. އެހެން ހަދައޭ މިހެން ހަދައޭ. އެކަމަކު އެ ކަމުގެ އުނދަގުލެއް މީހަކަށް ވެގެންނެއް ނޫޅޭ." މުޙައްމަދު ބުންޏެވެ.

މަނަދޫގެ ރަޖިސްޓްރީ އާބާދީއަކީ 2200 އެވެ. ނަމަވެސް އެކި ބޭނުންތަކުގައި ރަށަށް ހިޖުރަކޮށްގެން އުޅޭ މީހުންނާ އެކު މި ރަށުގައި 3000 އެއްހާ މީހުން ދިރިއުޅެއެވެ. ރާއްޖޭގެ އާއްމު ރަށްރަށަށް ވުރެން އާބާދީ ބޮޑު މި ރަށަކީ ވަރަށް ކުށް މަދުރަށެކެވެ. ނައީމާގެ މަރު ފިޔަވާ މިފަދަ ކަމެއް މި ރަށުގެ ތާރީޚުގައި ވެސް ހިނގާފައެއް ނުވެއެވެ.

"މަނަދޫގެ މި ދިގު ތާރީޚުގައި ވެސް ހަގީގަތުގައި މިކަހަލަ އެއްވެސް ކަމެއް ހިނގާފައެއް ނެތް. ކުށުގެ ވެއްޓަށް ބަލާއިރު މަނަދޫއަކީ ކުށުގެ ވެށި މަދުތަނެއް. ކުށްކުރާ ނިސްބަތް މަދު ވާނެ. އަޅުގަނޑު ވެސް އަޅުގަނޑުގެ ރައްޔިތުން ވެސް ވަރަށް ބޮޑު ޝޮކެއްގައި މިތިވީ ދެއްތޯ. އެއްވެސް ވަރަކަށް އިމޭޖެއް އުއްމީދު ވެސް ނުކުރާ ކަހަލަ ކަމެއް ކުއްލިއަކަށް ވެގެން ދިޔައީމަ. އަޅުގަނޑު ސުވާލު އުފައްދަމުން ވެސް އައިސް އެވަރުގެ އަތެއް އެވަރުގެ ކަމެއް ކުރާނީ ކާކުބާއޭ. ކިހިނެއް ބާއޭ. އަޚުގަނޑުމެންގެ މި ކޮމިއުނިޓީ ތެރޭގައި އެއްވެސް ކަހަލަ ގޮތަކަށް އިމޭޖެއް ނުކުރެވޭ ކަހަލަ ކަމެއް މިއީ،" ކައުންސިލް ރައީސް ވިދާޅުވިއެވެ.

މަސްތުވާތަކެތި ވިއްކާ މީހުންނާއި އެ ބޭނުން ކުރާ މީހުން ރަށުގައި އުޅެއެވެ. ނަމަވެސް އެ މީހުންނަކީ ވެސް މާރާމާރީ ހިންގުންފަދަ ކަންތައްތައް ކުރާ ބައެއް ނޫން ކަމަށް ކައުންސިލުން ބުނެއެވެ. އެހެންކަމުން މިފަދަ ގަތުލެއް ހިންގާނެ މީހަކު މި ރަށުގައި އުޅޭނެ ކަމަށް ރަށު މީހުން ގަބޫލެއް ނުކުރެއެވެ.

"މި ހިސާބަށް މި ލެވަލްއަށް ދާވަރުގެ ކަންތައްތަކެއް މި ތަނަކު ނެތް. މީގެ ތެރޭގައި އުޅޭ ގިނަ ކުދިންނަކީ އަމިއްލައަށް މަސައްކަތް ކޮށްގެން ލާރި ހޯދައިގެން އެ ކަންކަން ކުރާ މީހުން. ދުވަހު މުސާރައަށް މަސައްކަތް ކޮށްގެން ކުރާނީ. އަނެއްކާ މާރާމާރީ ހިންގުމާ މިކަހަލަ ސިކުނޑިތަކެއް ވިސްނުންތަކެއް ހުރިހެނެއް ވެސް. އަޅުގަނޑުމެންނާ އަނެއްހެން ގުޅުން އޮންނާނެ. މިދަންނަވާ ވާހަކައަކީ މުޖުތަމައުގެ ތެރޭގައޭ އެ މީހުން ވެސް އުޅެނީ." ކައުންސިލް ރައީސް ވިދާޅުވިއެވެ.

ކައުންސިލުން ގަބޫލުކުރާގޮތުގައި މިފަދަ ކަމެއް މިރަށުގައި ތަކުރާރުވިޔަ ނުދިނުމަށް މިހާރަށް ވުރެން ރަނގަޅަށް ރަށް މޮނީޓާ ކުރެވެން ޖެހެއެވެ. މި ހާދިސާ ހިނގައިގެން ބެލިއިރު ވެސް ރަށުގައި ސީސީޓީވީތަކެއް ނެތެވެ. އެހެންކަމުން ސީސީޓީވީ ވީހާވެސް އަވަހަކަށް ރަށުގެ ބޮޑު ސަރަހައްދެއްގައި ހަރުކުރުމަށް މިހާރު ނިންމައި ވަނީ މަސައްކަތް ފަށައިފައެވެ.

"އަޅުގަނޑުމެން ބަނދަރު މަގު ހިމެނޭގޮތުން ކެމަރާ ހަރުކުރުމުގެ މަސައްކަތްތައް މިހާރުން މިހާރަށް ފަށަން. އަޅުގަނޑުމެން އާއްމުކޮށް ކުރާ މަސައްކަތެއް އަނދިރިކޮށް ހުންނަ މަގުތަކާއި ގޯޅިތައް ދިއްލުން. މި ވަގުތު ވެސް ޖުމުލަކޮށް އަނދިރި ސަރަހައްދެއް ނުވެއް ހުންނާނެ." ކައުންސިލް ރައީސް ވިދާޅުވިއެވެ.

ކުށް މަދު މަނަދޫ މިއަދު މި ވަނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. މި ރަށުގައި އެކަނި ގޭގައި ހުންނަން މީހުން މިހާރު ބިރުގަނެއެވެ. އަދި، ރޭގަނޑު ނިދަން ނުކުރޭ އެތައް ބަޔަކު ވެސް އުޅެއެވެ. އެ މީހުންގެ ބިރު ފިލައިގެން ނުދަނީ މި މަރުގެ ހަގީގަތް އަދިވެސް ނޭނގޭތީއެވެ. މިއީ ކާކު؟ ކީއްކުރަން؟ ކީއްވެ؟ ކުރި ކަމެއްތޯ ނޭނގޭތީއެވެ. އަދި، ދެން މިފަދަ ކަމެއް އަމާޒު ވާނީ ކާކަށްކަން ވެސް ނޭނގޭތީއެވެ.

comment ކޮމެންޓް