ރާއްޖޭގައި ކޮވިޑު ފެތުރޭ މިންވަރު ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައި ވަނިކޮށް އަނެއްކާ ވެސް ކޮވިޑަށް ޕޮޒިޓިވްވާ މިންވަރު އިތުރުވެފައިވާ އިރު، އޭގެ ތެރޭގައި ހިމެނޭ ތުއްތު ކުދިންގެ އަދަދު ވެސް އިތުރުވާން ފަށާފައިވާތީ ސަމާލުވާން އިލްތިމާސް ކޮށްފިއެވެ.
ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް މިއަދު "ސަން"އަށް ވިދާޅުވީ މި ވަގުތު ކޮވިޑަށް ޕޮޒިޓިވް ވެގެން ތިން ކުއްޖަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ މަހުގެ ދެ ކުއްޖަކާއި އެއް އަހަރު ފުރިފައިވާ އެއް ކުއްޖެކެވެ.
އޭގެ ތެރެއިން އެއް އަހަރުގެ ކުއްޖާއަށް ވަނީ ކޮވިޑު ޖެހުމުގެ ސަބަބުން ސީޒާ އެޓޭކެއް ވެސް ޖެހިފައެވެ. ސީޒާ އެޓޭކަކީ ސިކުނޑީގެ ނާރުގެ ސެލްތަކުގެ މެދުގައި ކޮންޓްރޯލް ނުކުރެވޭ ފަދަ އިލެކްޓްރިކަލް އެކްޓިވިޓީއެއް މެދުވެރިވުމުގެ ސަބަބުން މަސްތަކުގެ ހަރަކާތައް ބަދަލު އައުމެވެ. މި ކަމުގެ ސަބަބުން މަސްލް ޓިޝޫ ހަރުވެ، އިހުސާސް ކުރުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހެއެވެ.
ޑރ. ފައިސަލް ވިދާޅުވީ، ފާއިތުވި ދެ ހަފުތާގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވް ވެގެން ގިނަ ކުދިން އެޑްމިޓްކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް ކުދިން ފިޓު ޖެހުން އަދި، ނިއުމޯނިއާ (ނޭވާލުމުގެ ނިޒާމަށް ދިމާވާ ބައްޔެއް) ޖެހިފައިވާ ކަމަށެވެ.
މި ހާލަތަށް ބަލައި، އިތުރު ނުރައްކަލަކަށް ހުށަނޭޅޭނީސް ސަލާމަތީ ފިޔަވަޅުތައް އެޅުން މުހިންމު ކަމުގައި ޑރ. ފާހަގަކުރެއްވިއެވެ. އެގޮތުން ކުދިންގެ ދިފާއީ ނިޒާމް ވަރުގަދަ ކުރުމަށް ވެކްސިން ޖެހުމާއި، ބެލެނިވެރިން ކޮވިޑު ވެކްސިން ޖެހުން މުހިންމު ކަމަށް ވިދާޅުވިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ފާއިތުވި ދެ ހަފުތާ ތެރޭގައި ކޮވިޑު ޖެހިގެން ރިޕޯޓު ކުރި މީހުންގެ އަދަދު އޭގެ ކުރީ ހަފުތާއަށް ވުރެ އިތުރުވެ، ބަލީގައި އެނދުމަތި ކުރި މީހުންގެ އަދަދު ވެސް ވަނީ އިތުރު ވެފައެވެ.
މިދިޔަ ހަފުތާގައި ކޮވިޑު ޖެހިގެން 17 މީހަކު އެނދުމަތިކޮށްފައިވާއިރު، އޭގެ ކުރީ ހަފުތާގައި 16 މީހަކު ވަނީ މި ބަލީގައި އެނދުމަތިކޮށްފައެވެ. މި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ފަހުން ފާއިތުވި ހަފުތާގައި މި ބަލީގައި އެނދުމަތި ކުރި މީހުންގެ އަދަދު ވަނީ އެވްރެޖު ގޮތެއްގައި އިތުރުވެފައެވެ.
ރާއްޖެއިން މިހާތަނަށް 185،894 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު 311 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.