ނ. މަނަދޫން ޒަޚަމްތަކަކާ އެކު މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރަށް މިއަދަށް ހަފުތާއެއްވެފައިވާއިރު، އަދިވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާއިރު، އެކަމާ ގުޅިގެން އިތުރު ތަފްސީލެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.
ނައީމާ ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނީ މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް އޭގެ ދެ ދުވަސް ފަހުން މިދިޔަ ހުކުރު ދުވަހުއެވެ. އޭނާގެ ޚަބަރެއް ނުވެގެން އެކަން ފުލުހުންނަށް ރިޕޯޓުކުރީ ހުކުރު ދުވަހު އިރުއޮއްސި 6:13 ހާއިރެވެ. އޭނާއަކީ ރަށުތެރެ ކުނި ކެހުމުގެ މަސައްކަތް ކުރި އެ ރަށު ކައުންސިލްގެ މުވައްޒަފެކެވެ.
ފުލުހުން ނައީމާގެ ކޮޓަރީގެ ދޮރު ހަލާކުކޮށްލައިގެން ވަންއިރު، އޭނާ އޮތީ ބިންމަތީގައި މަރުވެފައެވެ. އެނގިފައިވާ ގޮތުގައި އޭނާ މަރުވެފައި އޮތީ ގިނަ އަދި ބައެއް ބޮޑެތި ޒަޚަމްތަކަކާއެކުއެވެ.
އެކަމާ ގުޅިގެން ފުލުހުން އެންމެ ފުރަތަމަ ބުނީ ނައީމާގެ މަރުގެ ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި، މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ ހޮމަސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ޚާއްސަ ތަހުގީގު ޓީމަކާއި ފޮރެންސިކް ތަހުގީގު ޓީމެއްގެ އިތުރުން ފޮރެންސިކް ޕެތޮލޮޖިސްޓެއް މަނަދޫގައި ދަނީ ހަރަކާތްތެރި ވަމުންނެވެ.
ނައީމާގެ ހަށިގަނޑު ބަލައި، ތަހުލީލުތަކަށް ބޭނުންވާ ސާމްޕަލް ނެގުމަށް ފަހު އޭނާ ވަޅުލައިފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 17:20 ހާއިރުއެވެ. އޭނާގެ ޕޯސްޓްމޯޓަމް ނުހަދައި ވަޅުލިކަމުގެ ކަންބޮޑުވުން އާއްމުން ފާޅުކޮށްފައިވާއިރު ފުލުހުން ބުނީ އޭނާ ވަޅުލީ، ނަގަން ޖެހޭ ސާމްޕަލްތަކާއި ކުރަން ޖެހޭ ތަހުލީލްތައް ކުރުމަށް ފަހު ފޮރެންސިކް ޓީމުން އެގޮތަށް ނިންމުމުން ކަމަށެވެ.
އޭގެ ފަހުން އޭނާގެ މަރާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައިނުވާއިރު، އެކަމުގެ އެންމެ ފަހުގެ މައުލޫމާތު ހޯދާލުމަށް ސުވާލު ކުރުމުން ފުލުހުން މިއަދު "ސަން"އަށް ބުނީ އެކަމުގެ އިތުރު ތަފްސީލެއް އަދި ނެތް ކަމަށެވެ. އަދި އެކަމާ ގުޅިގެން މީހަކު ވެސް ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
ނަމަވެސް މި މަރުގެ ހާދިސާއާ ގުޅިގެން މަނަދޫގައި ވަނީ ބިރުވެރިކަމާއި ހަމަހިމޭންކަން ފެތުރިފައެވެ. ގާތިލު ރަށުގައި އަދިވެސް އުޅޭތޯ އަދި ނައީމާގެ ގާތިލަކީ ކާކުތޯ އަދި އެ އަނިޔާވެރި ގަތުލުކުރީ ކީއްވެތޯ، މިފަދަ އެތައް ސުވާލުތަކެއް އެ ރަށު ރައްޔިތުން ދަނީ ކުރަމުންނެވެ.
އެ ރަށު ކައުންސިލުން ވެސް ވަނީ އެކަމާ ގުޅިގެން އާއްމުން ނަފްސާނީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށް ބުނެފައެވެ. މިއީ މަނަދޫގެ ތާރީޚުގައި ވެސް މިފަދަ ކަމެއް ހިނގި ފުރަތަމަ ފަހަރަށްވާއިރު، އެ ރަށުގެ ރައްޔިތުންނަށް މިއީ ބިރުވެރި އަދި އާ ކަމެކެވެ. އަދި މަރަށް ގިނަ ދުވަސްވެ، އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ނުލިބޭތީ އެ ރަށު މީހުންގެ ކަންބޮޑުވުންތަކާއި ސުވާލުތައް ދަނީ އިތުރުވަމުންނެވެ.