ހުސް ތުހުމަތު: ގާތިލު ކަމަށް ޝައްކު ކުރާނެ މީހަކު ވެސް ނެތް؟

ނ. މަނަދޫން އަޙްމަދު ސާއިލް އަލީ

ހުކުރު ދުވަހުގެ އިރުއޮއްސެން ކައިރިވަނީއެވެ. ރޯދަ ވީއްލުމަށް ވުރެން މި ރަށު އަންހެނުންތަކަކަށް މުހިންމުވީ އެ މީހުންގެ ގެ ކައިރީގައި އެކަނިމާއެކަނި ދިރިއުޅޭ މި ރަށު އަންނާރުމާގެ، ނައީމާ މޫސާ، 62، ހޯދުމެވެ. އޭރު އޭނާ ޚަބަރެއް ނުވާތާ ދެ ދުވަސް ވަނީއެވެ.

އޭނާ ގެއްލިގެން ހޯދަން ޖެހުނީ ކުނިކަހަން ނާންނާތީއެވެ. އެއީ ނައީމާ ކާންބޯން ކުރާ މަސައްކަތެވެ. އޭނާ އަކީ އެ ރަށު ކައުންސިލުން ދުވަހު މުސާރައަށް ރަށުތެރެ ކުނިކަހަން ނަގާފައިވާ ގުރޫޕުގައި ހިމެނޭ މީހެކެވެ.

ނައީމާގެ ގެއަކީ އާއްމުކޮށް މީހުން ވަދެއުޅޭ ގެއެއް ނޫނެވެ. އެހެންނަމަވެސް އޭނާ ޚަބަރެއް ނުވާތީ އެ އަންހެނުންތައް ނިންމީ އެ ދުވަހު އެގެއަށް ވަނުމަށެވެ. ބޭރު ދޮރުގައި ހިފިއިރު ހުރީ ތަޅުލައިފައެވެ. އެހެންވެ، ފުލުހަކާ އެކު ގޭގެ ވަލު ފަރާތު ދޮރުން ގެއަށް ވަންނަން ބެލިއިރު އެ ދޮރު ހުރީ ހުޅުވައިފައެވެ. ނަމަވެސް ގެއަށް ވަދެ އެތައް ފަހަރަކު ގޮވިއިރު ވެސް ނައީމާގެ ޚަބަރެއް ނެތެވެ. ދެން އޭނާ ދިރިއުޅޭ ކޮޓަރީގެ ދޮރުގައި ހިފިއިރު އެ ދޮރު ވެސް ހުޅީ ތަޅުލައިފައެވެ. ދެން ފުލުސް މީހާ އެ ދޮރު ގަދަކަމުން ހުޅުވިއިރު ފެނުނީ އުއްމީދު ކުރި މަންޒަރެއް ނޫނެވެ.

https://sun.mv/175900

"ފުލުހުންގެ މީހާ ދޮރު ހުޅުވުމާ އެކު ނައީމާދައްތަ ޒަހަމްތަކާ އެކު މަރުވެފައި އޮއްވައި ފެނުނީ. އެ ހިސާބުން އެ ފުލުސް މީހާ ދޮރު ލައްޕާފައި ބުނެފި އެހެން މީހަކަށް އެ މަންޒަރު ދެއްކޭކަށް ނެތޭ. އެހެންވެ، އާއްމުންގެ އެއްވެސް މީހަކަށް ނައީމާދައްތަ އޮތް ތަނެއް ނުފެނޭ. އެ ހިސާބުން އެގެއިން މީހުން ނެރެ މުޅި ގެ ފުލުހުން ކޯޑަން ކޮށްފި،" އެކަން ހިނގިއިރު އެ ސަރަހައްދުގައި ހުރި މީހަކު "ސަން"އާ ވާހަކަ ދައްކަމުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި ނައީމާ މަރާލާފައި އޮތީ ހަށިގަނޑުގެ އެކި ހިސާބުތަކަށް ތޫނު އެއްޗަކުން އެތައް ފަހަރަކު ހަމަލާދީ ވަރަށް އަނިޔާވެރި ގޮތަކަށެވެ. އަދި، ހެދުން ލައްވާފައި އޮތީ މަރާލުމަށް ފަހުގައޭ ވެސް ރަށު ތެރޭގައި ކިޔައެވެ. ނަމަވެސް އެއީ ތެދެއް ކަމެއް ނޭންގެއެވެ. އަދި، ނައީމާ ކަރުގައި އަޅާފައި އޮތް ގަހަނާތައް ނެތޭ ވެސް ކިޔައެވެ. އެކަމަކު، މިއީ ހުސް ސާބިތުނުވާ ކަންކަމެވެ.

ކޮންމެއަކަސް މިއީ 3،000 އެއްހާ މީހުން ދިރިއުޅޭ މަނަދުއަށް ވަރަށް އާ ކަމެކެވެ. މި ރަށުގައި މީގެ ކުރިން މީހަކު މެރުން ފަދަ އެއްވެސް ކަމެއް ނުހިނގައެވެ. ރާއްޖޭގެ އަތޮޅު ވެރިކަން ކުރާ އެހެން ރަށްތަކާ އަޅާބަލާއިރު މިއީ ކުށް މަދު ރަށެކެވެ. ގޭންގުތަކާއި ނުރައްކާތެރި ގުރޫޕުތަކެއް ނޯވެއެވެ. ދީނީ ހަރުކަށި ފިކުރު ކުރިން އޮތް ނަމަވެސް މިހާރު އެ ހަރަކާތް ވެސް ނޯންނަ ކަމަށް މި ރަށުގެ ވެރިން ބުނެއެވެ. މި ރަށުގައި ކިރިޔާ ވެސް އާއްމު ކުށަކީ މަސްތުވުމެވެ. އެކަން ކޮންމެ ވެސް ވަރަކަށް އޮވެއެވެ.

ކުށް މަދު ރަށަކަށް ވުމާ އެކު މި ރަށުގައި މިފަދަ ގަތުލެއް ހިންގަފާނެ ކަމަށް ތުހުމަތު ކުރެވޭ މީހަކު ނެތް ކަމަށް މި ރަށުގެ ވެރިން ބުނެއެވެ. ހަމައެކަނި ވެރިންނެއް ނޫނެވެ. މި މަރާ ގުޅޭގޮތުން މި ރަށުގެ އެކި ފުރައިގެ އެކި މަސައްކަތް ކުރާ އެތައް ބަޔަކާ ސުވާލު ކުރުމުން ވެސް ލިބެނީ އެއް ޖަވާބެކެވެ. ހަމަ ޝައްކު ކުރެވޭނެ މީހެއް ވެސް ނެތް ކަމަށެވެ.

"މި ރަށުގައި އުޅެ މިއޮއް 60 އަހަރު ވަނީ، ޔަގީނާ ގާތަށް ބުނަން އެނގޭ މި ރަށުގައި ތިވަރު ކަމެއް ކުރާނެ މި ރަށު މީހަކު އުޅޭނެ ހެނެއް ހިޔެއް ނުވޭ،" ދުވަސްވީ މީހަކާ ސުވާލު ކޮށްލުމުން ބުންޏެވެ.

ނައީމާގެ ސަންދޯއް މިސްކިތަށް ވައްދަނީ-- ސަން ފޮޓޯ: އަޙްމަދު ސާއިލު އަލީ

ނައީމާއަށް ބަލާއިރު އޭނާއަށް ޒަމާނުއްސުރެއް ކުރާ ތުހުމަތެއް އޮވެއެވެ. ސިހުރު ހަދާ ކަމަށް ރަށު ތެރޭގައި ކީ ނަމަވެސް އެކަން ސާބިތުވެފައެއް ނުވެއެވެ. އަދި، އެފަދަ މައްސަލައެއް މި ފަހުން އޭނާއާއި އެހެން ބަޔަކާ ޖެހުނު ކަމެއް އެނގުނު މީހަކު ވެސް ނެތެވެ. ނަމަވެސް އެއީ އޭނާއަށް ކުރާ ތުހުމަތެއް ކަމަށް ރަށު މީހުން ބުނެއެވެ.

މި ރަށަކީ އަތޮޅުގެ ވެރިކަން ކުރާ ރަށަށް ވުމާއި އާބާދީ ބޮޑު ރަށަކަށް ވުމުން ގިނަ ތަރައްގީގެ މަޝްރޫތަކެއް ސަރުކާރުންނާއި އަމިއްލަ މީހުން ވެސް ހިންގައެވެ. އެހެންކަމުން އެ މަސައްކަތް ކުރުމަށް ގިނަ އަދަދެއްގެ ބިދޭސީން ރަށުގައި ދިރިއުޅެއެވެ.

ބިދޭސީންނާ މެދު ޝައްކުގެ ނަޒަރަކުން މި ކަމުގައި ބަލާ ބަޔަކު އުޅެނީ އެ މީހުންގެ ގަބޫލުކުރުންތަކެއްގެ ސަބަބުންނެވެ.

"އެބަ ބުނޭ ހީވެއޭ ޖިންސީ ގޯނާއެއް ކޮށްފަހެން މަރާލީ، އެހެން ކަމަށް ވާނަމަ އަޅުގަނޑަށް ގަބޫލު ކުރެވެނީ އެކަން ކުރާނީ ބިދޭސީއެކޭ. އަޅުގަނޑު މިހެން ބުނީތީ ވެސް ބަލާތި މިކަން ކޮޅެއްގައި ޖެހޭއިރު ކިހިނެއްތޯ ވަނީ،" ކުރިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ބިދޭސީންނާ ވެސް ސުވާލު ކުރަމުންނެވެ. އަދި ދިވެހީންނާ ވެސް ސުވާލު ކުރެއެވެ.

އެގޮތުން ނައީމާގެ ގެ ކައިރީގައި ދިރިއުޅޭ މީހުންގާތު އެއްވެސް އަޑެއް އިވުނު ތޯއާއި ކުރިން އެ ހިސާބުން ނުފެންނަ މީހަކު މިދިޔަ ހަފުތާ ފަހުކޮޅު ފެނުނުތޯ ބަލައެވެ. އޭގެ އިތުރުން މި ރަށުން އަރައި ފޭބި މީހުން ބަލާއިރު އޭގެ ތެރެއިން ބިދޭސީންގެ މައުލޫމާތު ވެސް އެބަ ހޯދައެވެ.

މީގެ ކުރިން ރާއްޖޭގައި ހިންގާފައިވާ ގަތުލުތަކަށް ބަލާއިރު ދިވެހީންނެކޭ އެއް ގޮތަށް ބިދޭސީން ވެސް ބައިވެރިވެފައި އެބަހުއްޓެވެ. ދެހާހުގެ ކުރީކޮޅު ހއ. އިހަވަންދޫގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް މަރާލީ ވެސް ބިދޭސީންތަކެކެވެ. އޭގެ އިތުރުން ވެސް ބިދޭސީން އަނިޔާވެރި ގަތުލުތައް ރާއްޖޭގައި ހިންގާފައި އެބަހުއްޓެވެ. ނަމަވެސް މިހާތަނަށް ނައީމާގެ މަރުގައި ބިދޭސީއަކަށް ތުހުމަތު ކުރެވޭ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

އާބާދީ ބޮޑު މި ރަށުގެ ކުށުގެ ވެށި އޮތް ގޮތުންނާއި މިހާތަނަށް ކަން ހިނގާފައި އޮތް ގޮތުން މި ރަށު މީހަކު މިފަދަ ގަތުލެއް ހިންގައިފާނެ ކަމަށް ގަބޫލު ކުރާ، ހަމަ އެކަކާ ވެސް މި ރަށަކުން ދިމައެއް ނުވިއެވެ. ނައީމާގެ އެ އަނިޔާވެރި މަރާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާއިރު މި ރަށު މީހުންނަށް ޝައްކު ކުރެވޭ އެކަކު ވެސް ހަމަ ނެތީއެވެ.

comment ކޮމެންޓް