މީގެ އަހަރުތަކެއް ކުރިން ފެންމަތިވި މައްސަލައެކެވެ; ދައުލަތުގެ ކުންފުންޏެއްގެ ނަންބޯޑުގައި އެ ކުންފުނީގެ ނަން ބޮޑު އަކުރުން ޖަހައިފައި އޮތީ އިނގިރޭސި ބަހުންނެވެ. ތާނަ އަކުރުން ނަން ޖަހާފައެއް ނެތެވެ.
ދިވެހިބަހުގެ އެކެޑަމީން އެ މައްސަލައިގައި އެ ކުންފުންޏާ ވާހަކަ ދެއްކުމުން ބުނީ، އެއީ އެ ކުންފުނީގެ "ލޯގޯ" / "ސްލޯގަން" ކަމަށެވެ. އެ މައްސަލަ އެ ހިސާބުން ނިމުނީއެވެ. އަދިވެސް އެ ކުންފުނީގެ ނަން އެ އޮތީ އެހެންނެވެ.
އެއަށްފަހު، ދާދި އިހަކަށް ދުވަހަކު ވީ ކަމެއްގެ ވާހަކައެވެ. ގާނޫނު ތަންފީޒުކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރާ މުއައްސަސާއެއްގެ ނަންބޯޑު ވެސް އޮތީ އިނގިރޭސި ބަހުންނެވެ.
އެ މައްސަލަ ހިފައިގެން ދިވެހިބަހުގެ އެކެޑަމީން އަނެއްކާ ވެސް ދިއުމުން އެ މުއައްސަސާއިން ދެެއްކީ ބަހަނާއެވެ. އެ އިދާރާއިން ބުނީ އެއީ އެ ތަނުގެ "ނަންބޯޑު" ނޫން ކަމަށެވެ. އެ ތަނުގެ ނަންބޯޑު އިނީ ތިރީގައި ކުޑަކުޑަކޮށްނެވެ. މަތީގައި ބޮޑު އަކުރުން ޖަހައިފައި އެ ވަނީ އެއީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް އެ ހިދުމަތް ރަމްޒުކޮށްދޭ ފާހަގަ ކަމަށް އެ އިދާރާއިން ބުނެއެވެ.
އެކަމަކު، މި ހުރިހާ ކަމެއް 2011 ވަނަ އަހަރު އެކުލަވައިލައިފައިވާ "ދިވެހި ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނާ" ހިލާފެވެ.
އެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ނ)ގައި ވަރަށް ސާފުބަހުން ލިޔެފައި އޮތީ މިހެނެވެ؛ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި އާއްމުންނަށް ފެންނަ ގޮތަށް ހަރުކުރެވިފައި ހުންނަ ކޮންމެ ނަންބޯޑެއްގައި ވެސް އެ ތަނެއްގެ ނަން ކިޔަން އެނގޭނޭހެން ތާނަ އަކުރުން ލިޔެފައި އޮންނަން ވާނެއެވެ.
އަދި ނުނިމެއެވެ. ހަމަ އެ މާއްދާގެ (ރ)ގައި އޮތީ މިހެނެވެ؛ ތާނަ ފިޔަވައި އެހެން އަކުރަކުން / ބަހަކުން ލިޔެފައިވާނަމަ އެ ލިޔުމެއް ތާނަ އަކުރުން ލިޔެފައިވާ ލިޔުމަށްވުރެ ބޮޑުވެގެން ނުވާނެއެވެ.
ގާނޫނުގައި މިހެން ބަޔާން ކޮށްފައި އޮތަސް، މާލޭގެ މަގުތަކުގައި ހިނގައިލުމުން ފެންނަނީ އެހެން މަންޒަރެކެވެ. ތާނަ އަކުރުން ނަން ޖަހައިފައިވާ ތަނެއް މަދެވެ. ގާނޫނު އޮތްތާ އޮތީއެވެ. އެ އަށް އަމަލުކުރާނޭ މީހަކު ނެތެވެ. މިއީ ކަންބޮޑުވާން ޖެހޭ ބޮޑު މައްސަލައެކެވެ!
ބަަސް ދެކެ ލޯބިވާންވީ ވެރިން!
ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް މި މައުޟޫއަށް ވަރަށް ދިގުކޮށް "ސަން"އާ ވާހަކަ ދެއްކެވިއެވެ.
އަޝްރަފް ވިދާޅުވީ އެއްޗަކަށް ލޯބި ޖެއްސުމަކީ ގާނޫނުތަކުގައި ލިޔެގެން، ގަދަބާރުން މަޖުބޫރުކޮށްގެން ކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ.
"އެކަމަކު ގާނޫނު ހުންނަން ޖެހޭ. ގާނޫނު ހުންނަން ޖެހެނީ ގާނޫނާ ހިލާފަށް އުޅޭ މީހުންނަށް ފިޔަވަޅު އެޅުމަށް ޓަކައި،" އަޝްރަފް ވިދާޅުވިއެވެ.
"މި ދައްކަނީ ލޮލަށް ނުފެންނަ އެއްޗެއް ދެކެ ތިމާ ލޯބިވާން ޖެހޭ ވާހަކަ. ދިވެހިބަހަކީ ލޮލަށް ފެންނަ އެއްޗެއް ނޫން، އަތް ލެވޭ އެއްޗެއް ނޫން، އެއީ މާއްދީ އެއްޗެއް ނޫން،"
މުއައްސަސާތަކުގެ ނަންބޯޑުތައް އިނގިރޭސި ބަހުން ހުންނަ މައްސަލައިގައި، އަޝްރަފް ވިދާޅުވީ މުއައްސަަސާތަކުގެ ވެރިންގެ ހިތުގައި ދިވެހިބަހަށް ލޯބި ނެތްނަމަ ކަން ވާނީ މިހެން ކަމަށެވެ.
އޭނާ ވިދާޅުވީ ފުރަތަމަ ކަމަކީ ބަސްދެކެ ލޯބިވުމާއި، ގަޔާވުމާއި ކަމޭހިތުމާއި ގަދަރުކުރުމާއި އިހުތިރާމްކުރުން ކަމަށެވެ.
"އެ ސިފަ އައީމަ ނުޖެހޭނެ އޭނާ ގާނޫނަކަށް ބަލާކަށް ވެސް، އޭނާ ކުރާކަންތައްތަކާ، އޭނާގެ އަމަލުތަކާ ހުންނާނީ، އޭނާގެ އުޅުން ހުންނާނީ އެޔަށް ކަމޭހިތާ ގޮތަށް، އެޔަށް ލޯބިވާ ގޮތަށް" އަޝްރަފް ވިދާޅުވިއެވެ.
އެކެޑަމީގެ ރައީސް ވިދާޅުވި ގޮތުން، ތަންތަނުގެ ވެރިން ދިވެހި ބަހަށް ލޯބިޖެހުނު ދުވަހަކުން މި ފަދަ މައްސަލަތައް ހައްލުވާނެއެވެ.
ރާއްޖޭގެ ރައްޔިތުން ހިއްސާވާ، ދައުލަތުގެ ކުންފުންޏެއްގެ ނިޝާނެއް އިނގިރޭސި އަކުރުން ހެދުމުގެ މާނައެއް އޮތްކަމަކަށް އަޝްރަފް ގަބޫލެއް ނުކުރައްވައެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ދިވެހީންނަށް އަމާޒުކޮށްގެން ހަދާ އެފަދަ ނިޝާންތައް ހުންނަން ވާނީ ވެސް ތާނައަކުރުންނެވެ.
ބަހަނާއަކީ ގާނޫނުގެ ބާގަނޑުތައް!
ދިވެހި ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނުގައި ވެސް ބާގަނޑުތަކެއް އެބަހުއްޓެވެ. އެއީ މާ ބޮޑު ވަރެއް ހުރި ގާނޫނެއް ނޫނެވެ.
ކޮންމެ ގާނޫނެއްގައި ވެސް ބާގަނޑުތައް ހުންނާނެއެވެ. އެ ބާގަނޑުތައް ހޯދައިގެން ބަހަށް އިސްކަން ނުދިނުމަށް މަސައްކަތް ކުރާނީ، އެ މީހެއްގެ ހިތުގައި ބަހަށް ލޯބި ނެތީމައެވެ. ބަސް ނިކަމެތިކޮށްލާނީ ބަހަށް ކުލުނެއް ނެތީމައެވެ.
ޑރ. އަޝްރަފް ވެސް ވިދާޅުވީ، ގާނޫނުގެ ބާގަނޑުތައް ހޯދަން ބަސް ދެކެ ލޯބިވާ ބޭފުޅުން މަސައްކަތް ނުކުރައްވާނެ ކަމަށެވެ.
"ބަސް ދެކެ ލޯބިވާ ބޭފުޅެއް ނަމަ ގާނޫނުގައި ހުންނަ ބާގަނޑުތައް ހޯދައިގެން އެއިން ދެމިގަނެގެން ދިވެހިބަހާ ދުރަށް ދާކަށް މަސައްކަތެއް ނުކުރާނެ،" އަޝްރަފް ވިދާޅުވިއެވެ.
އަޝްރަފް ވިދާޅުވީ އެ ގޮތަށް އެ ކަން އެ ކުރަނީ ބަސްދެކެ ލޯބި ނުވާތީ ކަމަށެވެ. ގައުމިއްޔަތު ދެކެ ލޯބި ނުވާތީ ކަމަށެވެެ.
ތައުލީމީ ނިޒާމުގެ ތެރެއަށް ބަސް ވައްދަން ޖެހޭ!
އަޝްރަފްގެ ނަޒަރުގައި ސިޔާސަތު ތަންފީޒުކުރާ ފަންތީގެ ބޭފުޅުންނަށް ބަހުގެ މުހިންމުކަން ވިސްނައިދޭން ޖެހެއެވެ.
އޭނާ ގަބޫލު ކުރައްވާ ގޮތުގައި، ތުއްތުއިރުން ފެށިގެން ދަރިވަރުންނަށް ތައުލީމު އުނގަންނައިދޭން ޖެހެނީ ދިވެހި ބަހުންނެވެ؛ އެއީ، ހަމައެކަނި ދިވެހި ބަސް މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމެއް ނޫނެވެ. ތައުލީމީ ނިޒާމުގައި ދިވެހި ބަހުން ކިޔަވައިދޭ މާއްދާތައް ގިނަކުރުމެވެ. އެގޮތުން، ހިސާބު، ތާރީޚު އަދި ޖޯގުރަފީ ފަދަ މާއްދާތައް ވެސް ދިވެހި ބަހުން ކިޔަވައިދޭން ޖެހެއެވެ.
"މިއީ އަޅުގަނޑު އިއްޔެއަކު، މިއަދަކު ދައްކާ ވާހަކައެއް ނޫން. މި މަގާމަށް އައުމުގެ މާ ކުރިން ވެސް އަޅުގަނޑު ދައްކާ ވާހަކައެއް"
"މިކަންކަން ކޮށްގެން މެނުވީ، ގާނޫނު ހަދާ، ކޮންމެ ދިވެއްސެއްގެ ފަހަތުގައި އޭނާ ވާހަކަދައްކަނީ ދިވެހި ބަހުންތޯ ބަލަން މީހަކު ބަހައްޓައިގެން މި ކަމެއް ނުކުރެވޭނެ" އޭނާ ވިދާޅުވިއެވެ.
ބަސްދެކެ ކުދިންގެ ހިތްތަކުގައި ލޯބި އުފެއްދުމަށް ޓަކައި ބަހަކީ ގައުމިއްޔަތުގެ ކިހާ މުހިންމު އަސާސެއްކަން އެ ކުދިންނަށް ވިސްނައިދޭން ޖެހެއެވެ. ސްކޫލުގައި ތުއްތު ކުދިން ހޭދަކުރާ ހަ ގަޑިއިރުގެ ތެރެއިން ބައިގަޑިއިރު އެކަނި ދިވެހި މާއްދާ ކިޔަވައިގެން މި ކަމެއް ހާސިލެއް ނުކުރެވޭނެއެވެ. މި ކަން ހާސިލުކުރުމަށް ދިވެހިބަހުން ކިޔަވައިދޭ މާއްދާތައް އިތުރުކުރަން ޖެހެއެވެ.
"ޕްރައިމަރީ ސްކޫލެއްގެ ކުއްޖަކާ ވާހަކަ ދައްކައިލައިފިނަމަ އެ ކުދިން މާ ފަރިތަކޮށް ވާހަކަ ދައްކާނެ އިނގިރޭސި ބަހުން ދިވެހި ވެށީގައި ހުރި ތަކެއްޗާ މެދު،" އަޝްރަފް ވިދާޅުވިއެވެ.
މާދަރީ ބަހުގެ މުހިންމުކަން އެނގެން ޖެހޭ!
ދިވެހިބަސް ކުރިއެރުވުމާއި އުނގަންނައިދިނުމުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވައިފައިވާ ދިވެހިބަހުގެ އުސްތާޒް އާދަމް ނަސީރު އިބްރާހިމް ގަބޫލުކުރައްވާ ގޮތުގައި ބަހަށް އިސްކަން ދެވޭނީ ބަހުގެ މުހިންމުކަން ވިސްނައިދީ އެ ކަމަށް ހޭލުންތެރިކުރުވައިގެންނެވެ.
އޭނާގެ ނަޒަރުގައި ބަސް ނިކަމެތިވެ، ބަހަށް ލޯބިކުރާ މީހުން މަދުވަނީ އަމިއްލަ ބަހެއް އޮތުމުގެ ބޭނުންތެރިކަން މީހުންނަށް ވިސްނައިނުދެވި އޮތުމުންނެވެ.
"މާދަރީބަހެއްގެ ދައުރަކީ އެ ބައެއްގެ ނިސްބަތުގައި ކޮބާކަން އެނގުނީމަ އަމިއްލައަށް ކުރާ ހިތުން (ބަހަށް ލޯބި) ކުރާނެ. އަމުރުކުރާކަށް ނުޖެހޭނެ،" އާދަމް ނަސީރު ވިދާޅުވިއެވެ.
ނަސީރު ވިދާޅުވި ގޮތުގައި، ދުނިޔޭގެ ތަހުޒީބުވެފައިވާ ގައުމުތަކުގައި ވެސް ބަހަށް އިސްކަންދިނުމުގެ ގާނޫނެއް އޮވެއެވެ. މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ، އިޓަލީ، ފްރާންސް، ޗައިނާ އަދި އިންޑިއާއެވެ.
އޭނާ ވިދާޅުވި ގޮތުގައި ގައުމެއްގެ ނިސްބަތުގައި މާދަރީބަހަކީ އެ ބައެއްގެ މެދުގައި ހުރިހާ ގައުމީ އިހުސާސެއް އުފައްދައިދޭ ހަތިޔާރެވެ.
"އެ ކަން ދިވެހީންނަށް ބަސް ކިޔަވައިނުދެވުނީމަ ނޭނގެނީ. ދިވެހީންގެ މަދަރުސީ ތައުލީމުގައި އެ ކަން ހިމަނައިފައި ނޯންނާތީ ނޭނގެނީ. ނޭނގޭތީ އެ މައްސަލަ މި ދިމާވަނީ،" ނަސީރު ވިދާޅުވިއެވެ.
އެހެންވެ، ގާނޫނެއްގެ ބޭނުމަކީ ވެސް ބޭރުން އަންނަ ނުފޫޒުތަކުން ރައްޔިތުންގެ ވިސްނުން ރައްކާތެރިކުރުން ކަމަށް ނަސީރު ވިދާޅުވިއެވެ. އެއީ ބޭރު ބަސްތައް ދަސް ނުކުރުން ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ތިމާމެންނަކީ ތަފާތު ވަކި ކޮންބައެއްކަން އަންގައިދެނީ މާދަރީބަހުން ކަމަށް ނަސީރު ފާހަގަކުރެއްވިއެވެ.
މިއީ ދައުލަތުގެ ޒިންމާއެއް!
ބަސް ރައްކާތެރިކުރުމާއި ހިމާޔަތްކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ. އެ ބަހަށް ތުއްތު ކުދީންގެ ހިތުގައި ލޯބި އުފެއްދުމަކީ ވެސް ދައުލަތުގެ ޒިންމާއެކެވެ. ތައުލީމީ ނިޒާމުގެ ސިޔާސަތުތައް ބަދަލު ކުރެވޭނީ ވެސް ހަމަ ދައުލަތަށެވެ.
ނަސީރު ވިދާޅުވި ގޮތުގައި ދައުލަތުގެ ޒިންމާއަކީ އެ ގައުމެއްގެ ރައްޔިތުން ސަލާމަތް ކުރުމެވެ. އަދި ރައްޔިތުން ސަލާމަތްކުރުމަކީ، މާދަރީ ބަސް ސަލާމަތްކުރުން ކަމަށް ވިދާޅުވިއެވެ.
"ދިވެހީންނަކީ ކޮންބައެއްކަން އަންގައިދޭ ފާހަގައަކީ ދިވެހިބަސް. އަރަބީންނަށް އަރަބީންނޭ ކިޔުނީ އަރަބި ބަހުން. ތަމަޅައިންނަށް ތަމަޅައިންނޭ ކިޔުނީ ތަމަޅަ ބަހުން. ވަކި ބަހެއް އޮތީމަ ވަކި ބަޔަކަށް ވަނީ،" ނަސީރު ވިދާޅުވިއެވެ.
"މިނިވަންކަން ރައްކާތެރިކުރުމަކީ އެ ބައެއްގެ އަމިއްލަވަންތަކަން ރައްކާތެރިކުރުން ފުރަތަމަ ކަމަކަށް. އެ ކަން ކޮށްދޭން ޖެހޭ ބަޔަކީ ދައުލަތް،"
ބަހަށް ލޯބި އުފައްދައި، ބަސް ކުރިއެރުވުމަށް ޓަކައި ދައުލަތަށް ކުރެވިދާނެ ކަންކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެ ގޮތުން، ދިވެހިބަހަށް ފޮތްތައް ތަރުޖަމާ ކުރުމާއި ޒަމާނީ ފިލްމުތައް ދިވެހިބަހުން ހެދުމާއި ތައުލީމީ މުގައްރަރުގައި އެ ކަމަށް ބޭނުންވާ މާއްދާތައް ހިމެނުމުގެ މުހިންމުކަމަށް އަލިއަޅުއްވައިލެއްވިއެވެ.
އެ ކަމަށް އިޝާރާތް ކުރައްވައި، ނަސީރު ވިދާޅުވީ ދިވެހީންނަށް ދިވެހީންގެ ތާރީހު، ޖޯގްރަފީ އަދި ސަގާފަތް ވެސް ކިޔަވައި ނުދޭ ކަމަށެވެ.
"މި އެއްޗެހި އެނގިގެން ފުރަތަމަ ދިވެހީންނަކީ ކޮންބައެއްކަމުގެ އިހުސާސް ވެސް ދިވެހި ކުދިންގެ ހިތްތަކުގައި އުފެއްދޭނީ. އެކަމަކީ ދައުލަތުން ކުރަން އޮންނަ ކަމެއް،" ނަސީރު ވިދާޅުވިއެވެ.
"އެ ކަން މުހައްމަދު އަމީން ކުރެއްވި ދުވަސްވަރު ދިވެހި ބަސް ދިރިގެން އައެއްނު. ދިވެހި ގައުމު ދެކެ ލޯބިވާ ބަޔަކު އުފެދުނެއްނު. އޭރު މީހުން ގާތު ގާނޫނު ބުނާކަށް ނުޖެހޭ،"
މި ވާހަަކަތަކަކީ ކިތަންމެ ދިގުކޮށް ވެސް ދެއްކިދާނެ ވާހަކަތަކެވެ. ލިޔެވިދާނޭ ވާހަކަތަކެވެ. އެހެން ނަމަވެސް، ތައުލީމީ ނިޒާމުގެ ތެރެއަށް ދިވެހިބަސް ނުވައްދާ ތުއްތު ކުދީންގެ ހިތްތަކުގައި ބަހަށް ލޯތްބެއް ނުއުފެއްދޭނެއެވެ.
ގާނޫނަކުން ދިވެހިބަހަށް އިސްކަންދިނުމަށް ބާރު އަޅައިފައި އެބައޮތެވެ. ކޮންމެ ދުވަހަކުމެ، ދިވެހިބަހުގެ އެކެޑަމީން ބުރަ މަސައްކަތްތަކެއް ބަސް ދިރުވުމަށް ޓަކައި އެބަ ކުރެެއެވެ. އެކަމަކު، މައްސަލަ ފެށޭ ހިސާބަކީ ކުދީން އުޅެ ބޮޑުވާ މާހައުލެވެ.
މައިންބަފައިން ވެސް ދަރީންނާ ވާހަކަ ދައްކަނީ އިނގިރޭސި ބަހުންނެވެ. ސްކޫލުގައި ޓީޗަރުން ވެސް ވާހަކަ ދައްކަނީ އެ ބަހުންނެވެ. ދުރު މުސްތަގުބަލަކަށް ވިސްނާއިރު، މި ކަމުގެ ސަބަބުން އުފެދޭނީ ބަހަށް ލޯބި ނުކުރާ ޖީލެކެވެ.
މާލޭގެ މަގުތަކުން މުސްތަގުބަލުގައި ވެސް ފެންނާނީ އިނގިރޭސި ނަންބޯޑުތަކެވެ. ދިވެހިބަހަށް އިސްކަންދޭން ވިސްނާ ވެރީން މުއައްސަސާތަކާއި ކުންފުނިތަކުގައި އެ ދުވަހުން ވެސް ނުތިބޭނެއެވެ.
މިއަދަކީ ދިވެހިބަހުގެ ދުވަހެވެ. މިއަދުގެ ޝިއާރަކީ "ދިވެހިބަހަށް ލޯތްބާއި އިސްކަންދެމާ" މިއެވެ. އެކަމަކު، ދިވެހިބަހަށް ލޯތްބާއި އިސްކަން ދެވޭނީ ގާނޫނަކުން މަޖުބޫރު ކޮށްގެންނެއް ނޫނެވެ. ދިވެހި ބަހަކީ ދިވެހީންނަށް ކިހާ މުހިންމު އެއްޗެއް ކަން ވިސްނިގެންނެވެ.
މިހެން މި ކަން ނުވާނަމަ، ދިވެހި ބަހުގެ މުސްތަގުބަލު އަދި ފެންނަނީ ވަރަށް އަނދިރިކޮށްނެވެ.