ސީރިޔާގެ ފޮރިން މިނިސްޓަރު ފައިސަލް މެކްދާދް ސައުދީ އަރަބިޔާއަށް ވަޑައިގެންފިއެވެ.
މިއީ ސީރިޔާގެ ހަނގުރާމަ ފެށުނު ފަހުން 2011 ވަނަ އަހަރަށް ފަހު އެ ގައުމުން ފޮރިން މިނިސްޓަރަކު ސައުދީއަށް ޒިޔާރާތްކުރި ފުރަތަމަ ފަހަރުއެވެ.
ސީރިޔާގެ ދާޚިލީ ހަނގުރާމަ ފެށުމާ އެކީ އުފެދުނު ދެކޮޅުވެރިކަމުގައި، ސައުދީ އާއި ސީރިޔާއިން ޑިޕްލޮމެޓިކް ގުޅުންތައް ރަސްމީކޮށް ކަނޑާލާފައިވަނީ 2012 ވަނަ އަހަރުއެވެ.
ސީރިޔާގެ ފޮރިން މިނިސްޓަރު ސައުދީއަށް ޒިޔާރާތްކޮށްފައި މިވަނީ ސައުދީގެ ވެރިރަށް ރިޔާދާއި ސީރިޔާގެ ވެރިރަށް ދިމިޝްގުގެ ދެމެދު ގުޅުން އިތުރުވަމުން އައި ދަނޑިވަޅެއްގައެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ދެ އަރަބި ގައުމުގެ ގުޅުން އަލުން ގާއިމްވުމުގެ ފުރުސަތު އަންނަނީ ބޮޑުވަމުންނެވެ.
ސައުދީ ސަރުކާރުން ވަނީ އަންނަ ހުކުރު ދުވަހު އެ ގައުމުގައި ސަރަހައްދީ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމެއް ބާއްވާނެކަން އިއުލާނުކޮށްފައެވެ. އަދި އެ ބައްދަލުވުމުގައި ސީރިއާ އަރަބި ލީގަށް އެނބުރި އައުމާ ބެހޭ ގޮތުން މަޝްވަރާ ކުރާނެއެވެ.
ސައުދީގެ ދައުލަތުގެ މީޑިއާއިން މިދިޔަ މަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮންސިއުލާ ޚިދުމަތްތައް އަލުން ފެށުމަށް ދިމިޝްޤާއި ރިޔާދާ ދެމެދު މަޝްވަރާތައް އަންނަނީ ކުރަމުންނެވެ.
މި ދަތުރުފުޅުގައި މެކްދާދު ވަޑައިގެންނެވީ ސައުދީގެ ސިޓީއެއް ކަމަށްވާ ޖިއްދާއަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މެކްދާދު ޖިއްދާއަށް ވަޑައިގަތީ ސައުދީގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާންގެ ދައުވަތަކަށެވެ.
ސައުދީން ވަނީ ސީރިއާ ހަނގުރާމަތައް ފެށުނު ފަހުން ސީރިއާގެ އިދިކޮޅު ފަރާތްތަކަށް ތާއީދުކޮށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ނަމަވެސް ފާއިތުވި މަސްތަކުގައި ސީރިއާގެ އިދިކޮޅު ފަރާތްތަކާ ސައުދީއާ ދެމެދު އޮތް ގުޅުންތައް ވަނީ ހީނަރުވެފައެވެ.
މެދުއިރުމަތީގެ ދާހިލީ މަޝްރަހަށް ވޭތުވި ދުވަސްތަކުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. އެގޮތުން ސައުދީއިން ވަނީ އިރާނާއެކު މިދިޔަ މަހު އަލުން ގުޅުން ޤާއިމްކޮށްފައެވެ.