އިންޑިއާގައި ކުރިއަށްދާ އިންޑިއަން ގްރޭންޑް ޕްރީ ތިންވަނަ މުބާރާތުގައި ވާދަކޮށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު (ކަޅޭ)އާއި ކުރިއަރަމުން އަންނަ ޒުވާން ދުވުންތެރިޔާ ޒިވާ މޫސާ ޝަފީއު ބްރޯންޒް މެޑަލް ހޯދައިފިއެވެ.
އެ މުބާރާތުގައި ސާއިދު ދެ ބްރޯންޒް މެޑަލް ހޯދިއިރު ޒިވާ ކާމިޔާބުކޮށްފައިވަނީ އެއް ބްރޯންޒް މެޑައްޔެވެ.
ސާއިދު ބްރޯންޒް މެޑަލް ހޯދައިފައިވަނީ 100 ދުވުމުންނާއި 200 މީޓަރު ދުވުމުންނެވެ. އޭނާ 100 މީޓަރު ރޭސް 10.61 ސިކުންތިން ރޭސް ނިންމިއިރު 200 މީޓަރު ރޭސް ސާއިދު ނިންމީ 21.72 ސިކުންތުންނެވެ.
ސަތޭކަ މީޓަރު ރޭހުގެ ރަން މެޑަލް ކާމިޔާބުކޮށްފައިވަނީ އައްސާމްގެ އަމްލާން ބޯގޮހޭންއެވެ. އޭނާ އެ ރޭސް ނިންމީ 10.50 ސިކުންތުންނެވެ. އަދި, 200 މީޓަރު ރޭހުގެ ރަން މެޑަލް ހޯދި ޗަތިސްގަރުގެ އަނިމޭޝް ކުޖުރު ރޭސް ނިންމީ 21.20 ސިކުންތުންނެވެ.
އިންޑިއަން ގްރޭންޑް ޕްރީ ތިންވަނަ މުބާރާތުގައި ރާއްޖޭގެ ޒިވާ ބްރޯންޒް މެޑަލް ކާމިޔާބުކޮށްފައިވަނީ އަންހެނުންގެ 200 މީޓަރު ރޭހުންނެވެ. 26.84 ސިކުންތުން ރޭސް ނިންމައިގެން ޒިވާ ހޯދި އެ މެޑަލަކީ ސީނިއާ ކެރިއަރުގައި ޒިވާއަށް ލިބުނު ފުރަތަމަ މެޑަލެވެ.
ދުއްސައްތަ މީޓަރުގެ އަންހެނުންގެ ދުވުމުގައި ޒިވާއަށް ވުރެ ބާރަށް ދުވެ އެ ރޭހުގެ އެއްވަަނަ ހޯދައިފައިވަނީ ސްޕްރިންޓަރު އައްސާމްގެ ހިމާ ދާސްއެވެ. 23.77 ސިކުންތުން ރޭސް ނިންމި ހީމާ އަކީ އިންޑިއާގެ ގައުމީ ޓީމުގެ އެންމެ ބާރަށް ދުވާ އެއް އަންހެން ދުވުންތެރިޔާއެވެ.