ގައުމީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި އަހުނާ ނިޒާރު ރަން މެޑައްޔެއް ހޯދި އިރު، 5000 މީޓަރު ދުވުމުން ހުސައިން ފަޒީލް ހާރޫން ރަން މެޑަލް ހޯދައިފިއެވެ.
ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކްގައި އިއްޔެ ފެށި އެ މުބާރާތުގައި ދިވެހި ސިފައިންގެ ކްލަބުގެ ސާއިދު ރަން މެޑަލް ހޯދާފައިވަނީ ފައިނަލް ހޯޓުގައި އަށް އެތުލީޓުންނާ ވާދަކޮށްގެންނެވެ.
ފައިނަލް ހީޓުގައި ސާއިދު ނިންމާފައިވަނީ 10.88 ސިކުންތުންނެވެ. ދެވަނަ އަދި ތިންވަނަ ހޯދާފައިވަނީ ސާއިދު ސްޕޯޓްސްގެ އަހުމަދު ނަޖުދާން އަބްދުﷲ އާއި އިބްރާހިމް ނާހިލް ނިޒާރެވެ. އެ ދެ އެތުލީޓުން ވެސް ދުވުން ނިންމީ 11.12 ސިކުންތުންނެވެ.

އަހުނާ ނިޒާރު(މ) -- ފޮޓޯ/ ތިނަދޫ ކައުންސިލް
އަންހެނުންގެ 100 މީޓަރު ދުވުމުގައި ވާދަކޮށް، ޝަރީފް ސްޕޯޓްސްގެ އަހުނާ ރަން މެޑަލް ހޯދާފައިވަނީ ފައިނަލް ހީޓު 12.77 ސިކުންތުން ނިންމައިގެންނެވެ. ދެވަނަ ހޯދި ސާއިދު ސްޕޯޓްސް އާމިނަތު ޒަފާ ޒައިން 13.15 ސިކުންތުން ނިންމި އިރު، ތިންވަނަ ހޯދި ކްލަބު ރާވެރިޔާގެ އާއިޝަތު ޝައިމް އަޒީޒް ދުވުން ނިންމީ 13.40 ސިކުންތުންނެވެ.
ފިރިހެނުންގެ 5000 މީޓަރު ދުވުމުން ދިވެހި ސިފައިންގެ ކްލަބުގެ ފަޒީލް ރަން މެޑަލް ހޯދީ ފައިނަލް ހީޓް 15 މިނެޓާއި 50.95 ސިކުންތުން ނިންމައިގެންނެވެ. ދެވަނަ ހޯދި އައިލެންޑް ރަނާާސް މޯލްޑިވްސްގެ ޔޫސުފް އިބްރާހީމް 16 މިނެޓާއި 51.12 ސިކުންތުން ދުވުން ނިންމި އިރު، ތިންވަނަ ހޯދި ދިވެހި ސިފައިންގެ ކްލަބުގެ ޝިފާޒް މުހައްމަދު ދުވުން ނިންމާފައިވަނީ 17 މިނެޓާއި ދެ ސިކުންތުންނެވެ.

ރާއްޖޭގެ ދުވުންތެރިޔާ ހުސައިން ފަޒީލް ހާރޫން -- ފޮޓޯ/ ފަޒީލް، ފޭސްބުކް
މި ފަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުގައި 20 ކްލަބަކުން ޖުމުލަ 214 އެތުލީޓުން ވާދަކުރެއެވެ. އެއީ، 132 ފިރިހެން އެތުލީޓުންނާއި 82 އަންހެން އެތުލީޓުންނެވެ.