400 މީޓަރު ދުވުމުގެ ގައުމީ ޖޫނިއާ ރެކޯޑު ޒިވާ މުގުރާލައިފި

އިންޑިއާގައި ކުރިއަށްގެންދާ 62 ވަނަ ނޭޝަނަލް އިންޓަ ސްޓޭޓް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރަމުންދާ ރާއްޖޭގެ ޒިވާ މޫސާ ޝަފީއު -- ފޮޓޯ/ އެތުލެޓިކްސް އެސޯސިއޭޝަން

އިންޑިއާގައި ކުރިއަށްގެންދާ 62 ވަނަ ނޭޝަނަލް އިންޓަ ސްޓޭޓް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރަމުންދާ ރާއްޖޭގެ ޒިވާ މޫސާ ޝަފީއު، 400 މީޓަރު ދުވުމުގެ ގައުމީ ޖޫނިއާ ރެކޯޑު މުގުރާލައިފިއެވެ.

އެ މުބާރާތަކީ އިންޑިއާގެ ސްޓޭޓްތަކުގެ މެދުގައި ބާއްވާ މުބާރާތެއް ނަމަވެސް، ރާއްޖޭގެ ދުވުންތެރިން އެ މުބާރާތުގައި ވާދަކުރަނީ އިންޑިއާ އިން ރާއްޖެއަށް ދައުވަތުދީފައިވުމުންނެވެ. ިއިންޑިއާ އިން ބޭރުން ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ސްރީލަންކާގެ ދުވުންތެރިންނެވެ.

މިއަދު އެ މުބާރާތުގެ އަންހެނުންގެ 400 މީޓަރު ދުވުމުގައި ވާދަކޮށް، 58.86 ސިކުންތުން ރޭސް ފުރިހަމަކޮށްގެން ޒިވާ ވަނީ ގައުމީ ޖޫނިއާ ރެކޯޑު މުގުރާލައިފައެވެ. ކުރިން އެ ރެކޯޑު އޮތީ އާއިޝަތު ހިމްނާ ހަސަން އަތުގައެވެ. އޭނާ އެ ރެކޯޑު ހަދާފައިވަނީ 2019 ވަނަ އަހަރު އޭޝިއަން ޔޫތު ޗެމްޕިއަންޝިޕްގައި ވާދަކޮށް، 59.18 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

ނޭޝަނަލް އިންޓަ ސްޓޭޓް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ޒިވާ ދުވި ހީޓުގައި ހަތް ދުވުންތެރިން ވާދަކުރި އިރު، އޭނާ ރޭސް ނިންމާލީ ހަތްވަނައިގައެވެ. އެ ހީޓުން އެއްވަނަ ހޯދީ 55.02 ސިކުންތުން ރޭސް ފުރިހަމަކުރި އަންދްރަ ޕްރަދޭޝްގެ ޑަންޑީ ޖިޔޮތިކާ ސްރީއެވެ.

އެ މުބާރާތުގައި ރާއްޖޭގެ ހުސައިން ރިޒާ ވެސް ވަނީ މިއަދު ވާދަކޮށްފައެވެ. ފިރިހެނުންގެ 800 މީޓަރު ދުވުމުގައި ވާދަކޮށް، ރިޒާ ހީޓް ނިންމާލީ ނުވަވަނައިގައެވެ. އެ ހީޓްގައި ދިހަ ދުވުންތެރިން ވާދަކުރި އިރު، ރިޒާ ރޭސް ނިންމީ އެއް މިނެޓާއި 55.77 ސިކުންތުންނެވެ. އެ ހީޓްގެ އެއްވަނަ ހޯދީ އެއް މިނެޓާއި 52.11 ސިކުންތުން ރޭސް ފުރިހަމަކުރި ހިމާޗަލް ޕްރަދޭޝްގެ އަންކޭޝް ޗޯދަރީއެވެ.

އޭގެ އިތުރުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ވަނީ 100 މީޓަރު ދުވުމުގައި ވާދަކޮށްފައެވެ. އަށް ދުވުންތެރިން ވާދަކުރި އެ ހީޓުން ސާއިދު ތިންވަނަަ ހޯދީ 10.70 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެ ހީޓުން އެއްވަނަ ހޯދި ޓަމިލްނާޑޫގެ އެލަކިޔަޑަސަން 10.65 ސިކުންތުން ރޭސް ނިންމި އިރު، ދެވަނަ ހޯދި މަހަރާޝްތުރާގެ ސައުރަބް ރާޖޭޝް ނައިތަމް ރޭސް ނިންމާފައިވަނީ 10.68 ސިކުންތުންނެވެ.

އޮޑިޝާގެ ކަލިންގާ ސްޓޭޑިއަމްގައި މިއަދުން ފެށިގެން ފަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ އެ މުބާރާތުގައި ރާއްޖޭގެ ފަސް ދުވުންތެރިޔަކު ވާދަކުރެއެވެ. އެއީ ޒިވާ އާއި ރިޒާ އަދި ސާއިދުގެ އިތުރުން ހުސައިން ފަޒީލް ހާރޫނާއި އަހުމަދު ނަޖުދާން އަބްދުﷲ އެވެ.

comment ކޮމެންޓް