އަލިރަސްގެފާނުގެ ޒިޔާރަތުގެ އާބާތުރަފިލުވުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި

ހެރިޓޭޖް މިނިސްޓްރީގެ ފަރާތުން އެމްޑަބްލިއުއެސްސީ އާ އެކު ސޮއި ކުރުމުގެ ތެރެއިން --- ފޮޓޯ/ އެމްޑަބްލިއުއެސްސީ

މާލޭގެ މާފަންނުގައި ހުންނަ އަލިރަސްގެފާނުގެ ޒިޔާރާތުގެ އާބާތުރަފިލުވައި، އެތަން ރީތިކޮށް ބެހެއްޓުމަށްޓަކައި ހެރިޓޭޖް މިނިސްޓްރީއިން އެމްޑަބްލިއުއެސްސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ފެން ބިލްޑިންގައި ބޭއްވި ޚާއްސަ ހަފުލާއެއްގައި އެމްޑަބްލިއުއެސްސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. އަދި ހެރިޓޭޖް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތާރިގެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ސްޓޭޓް މިނިސްޓަރު މުހައްމަދު ތާރިގް ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން އަލިރަސްގެފާނުގެ ޒިޔާރާތުގައި ކެމެރާ ބަހައްޓާ، އެތަނުގެ އާބާތުރަ ފިލުވައި، އެތަން މީހުންނަށް ބަލަން ރީތި ތަނަކަށް ހަދާނެ ކަމަށެވެ. އަދި އެތަނަކީ އަލި ރަސްގެފާނުގެ ޖިހާދާ ގުޅޭ މައުލޫމާތު ޢާންމުންނަށް ލިބޭނެ ފަދަ ތަނަކަށް މީގެ ފަހުން ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަފުލާގާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ، މިފަދަ މަސައްކަތްތަކަކީ އެމްޑަބްލިއުއެސްސީއިން ސީއެސްއާރުގެ ދަށުން ކުރަން ބޭނުންވާ ކަންތައްތައް ކަމަށެވެ. އަދި އުންމީދަކީ މިފަދަ ތާރީޚީ ތަރިކަތަކުގެ މައުލޫމާތުތައް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުން ކަމަށް ޝާހު ވިދާޅުވިއެވެ.

comment ކޮމެންޓް