ރަމަޟާން ކްރިކެޓް ކާނިވަލް ކުންފުނިތަކުގެ މުބާރާތް ފެށުމުގެ ގޮތުން މިއަދު ކުޅުނު މެޗްތައް ސީމާސްޓާ ލައިން، ލަންކާ ލަޔަންސް، އަދި ވާމިލިއަން ކާމިޔާބުކޮށްފިއެވެ.
މިއަދު ކުޅުނު ފުރަތަމަ މެޗުގައި ވަރަކަ ޕޯލާ އާއި ސީމާސްޓާ ލައިން ބައްދަލުކޮށް ސީމާސްޓާ ލައިނުން މެޗު ކާމިޔާބުކުރީ 12 ލަނޑުންނެވެ.
ގުރު ދިމާވުމުން ސީމާސްޓާ ލައިނުން ގަސްދުކުރީ ކުޅުމަށެވެ. އެ ޓީމުން ކުޅެން އަރައި 7 ކުޅުންތެރިން ނުބައިވެގެން ހެދުނީ 118 ލަނޑެވެ. ޖަވާބުގައި ވަރަކަ ޕޯލާ ކުޅެން އަރައި 8 އޯވަރު ހަމަވިއިރު، ހެދުނީ 102 ލަނޑެވެ.
މިއަދު ކުޅުނު ދެވަނަ މެޗްގައި އެމްޓީސީސީ އާއި ލަންކާ ލަޔަންސް ބައްދަލުކުރި މެޗް ލަންކާ ލަޔަންސް ކާމިޔާބުކުރީ 5 ވިކެޓުންނެވެ. ގުރު ދިމާވުމުން އެމްޓީސީސީ ކުޅެން އަރައި 8 އޯވަރު ހަމަވިއިރު، 4 ކުޅުންތެރިން ނުބައިވެގެން ހެދުނީ 108 ލަނޑެވެ.
ޖަވާބުގައި ލަންކާ ލަޔަންސް ކުޅެން އަރައި 4.3 އޯވަރުގައި ވާރޭވެހެން ފެށުމުން އަމްޕަޔަރުން މެޗް ނިންމާލިއިރު ލަންކާ ލަޔަންސްއަށް ހެދިފައިވަނީ 55 ލަނޑެވެ. ޤަވާއިދުގައި ވާގޮތުން ފުރަތަމަ ކުޅުނު ޓީމް 4.3 އޯވަރުގައި ހެދިފައިވާ ލަނޑަށް ބަލައި ލަންކާ ލަޔަންސްއަށް އިތުރު ފަސް ލަނޑު ހެދިފައިވާތީވެ ވިކެޓުން އެ ޓީމް މޮޅުވީކަމަށް ނިންމީއެވެ.
މިއަދު ކުޅުނު ތިންވަނަ މެޗް, ވަގުތު ނެތުމުން އަމްޕަޔަރުން ނިންމީ އޯވަރުކުޅޭ ގޮތަށެވެ. ވާމިލިއަން ކުޅެން އަރައި 6 އޯވަރުގެ ތެރޭގައި 2 ކުޅުންތެރިން ނުބައިވެގެން ވަނީ 111 ލަނޑު ހަދާފައެވެ. ޖަވާބުގައި އެލިއާ ކުޅެން އަރައި 6 އޯވަރުގެ ތެރޭގައި 5 ކުޅުންތެރިން ނުބައިވެގެން ހެދުނީ 82 ލަނޑެވެ.
މި މުބާރާތުގައި މާދަމާ ވެސް 3 މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އެސްޓީއޯ އާއި ފަތަހަ ސްޓާއެވެ. ދެވަނަ މެޗްގައި އަހިން ސަކާސް އާއި ފްރެންޑްސް އޮފް މޯލްޑިވްސް ބައްދަލުކުރާއިރު، ތިންވަނަ މެޗްގައި ބައްދަލުކުރާނީ ރެއިންބޯ އާއި ވަރަކަ ޕޯލާއެވެ.
މާދަމާގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ، މެންދުރުފަހު 15:00 ގައެވެ.