އައްޑޫ ހިތަދޫގައި އެމްބިއުލާންސް ކޮމްޕްލެކްސްއެއް އަޅަން ސޮއިކޮށްފި

އައްޑޫ ސިޓީ ހިތަދޫގައި ޒަމާނީ ފެންވަރުގެ އެމްބިއުލާންސް އެންޑް ޓްރާންސްޕޯޓް ސާވިސް ކޮމްޕްލެކްސްއެއް ގާއިމުކުރުމަށް ސޮއިކުރުން ---

އައްޑޫ ސިޓީ ހިތަދޫގައި ޒަމާނީ ފެންވަރުގެ އެމްބިއުލާންސް އެންޑް ޓްރާންސްޕޯޓް ސާވިސް ކޮމްޕްލެކްސްއެއް ގާއިމުކުރުމަށް ޓަކައި، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އާއި ނޫރައްދީން އިންވެސްޓްމެންޓާ ދެމެދު ރަސްމީކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދުން ފެށިގެން ހަތް މަސް ދުވަހުގެ ތެރޭގައި މި މަޝްރޫއުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ. އަދި މި އިމާރާތުގެ މަސައްކަތް ނިމި، 2027 ވަނަ އަހަރުގެ ތެރޭގައި މި ތަނުން ރަސްމީކޮށް ޚިދުމަތް ދޭން ފެށޭނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް މިހާރު ފޯރުކޮށްދެމުންދާ އެމްބިއުލާންސްގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ހަރުދަނާ ނިޒާމެއްގެ ތެރެއިން އެކަށީގެންވާ ޒަމާނީ ވަސީލަތްތަކާއެކު ޚިދުމަތުގެ ފެންވަރު މަތިކުރުމެވެ. އެގޮތުން، އިމަޖެންސީ މެޑިކަލް ޓެކްނީޝަން (އީއެމްޓީ) އަދި ޕެރެމެޑިކްސްގެ ޚިދުމަތްތަކާއެކު މި ނިޒާމު ބަދަލުވާއިރު، އިމަޖެންސީ ހާލަތްތަކުގައި ދެވޭ ރެސްޕޯންސް ވަރުގަދަވާނެއެވެ.

މީގެއިތުރުން، ބަލިމީހާ ހޮސްޕިޓަލަށް ގެނައުމުގެ ކުރިން ދޭންޖެހޭ އަވަސް ފަރުވާ ދިނުމަށާއި، އެއްތަނުން އަނެއް ތަނަށް ބަލިމީހުން އުފުލުމުގެ މަރުހަލާގައި ވެސް މެދުކެނޑުމެއްނެތި ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށް މިކަމުގެ ސަބަބުން މަގުފަހިވާނެއެވެ.

އައްޑޫ ސިޓީ ހިތަދޫގައި ޒަމާނީ ފެންވަރުގެ އެމްބިއުލާންސް އެންޑް ޓްރާންސްޕޯޓް ސާވިސް ކޮމްޕްލެކްސްއެއް ގާއިމުކުރުމަށް ސޮއިކުރުން ---

މި މަޝްރޫއުގެ ދަށުން ގާއިމުކުރުމަށް ހަމަޖެހިފައިވަނީ އެމްބިއުލާންސް އެންޑް ޓްރާންސްޕޯޓް ސާވިސްއަށް ޚާއްސަ ތިން ބުރީގެ ޒަމާނީ އިމާރާތެކެވެ. މި އިމާރާތުގައި އެމްބިއުލާންސްތައް ޕާކުކުރުމަށާއި، އުޅަނދުތަކުގެ ކުދި މަރާމާތުތައް ކުރުމުގެ އިތުރުން ސިއްހީ ސާމާނު ގުދަންކުރުމަށް ޚާއްސަ ޖާގަތަކެއް ހިމެނެއެވެ. އަދި މީގެ އިތުރުން، އެމްބިއުލާންސް ޑިސްޕެޗް ކުރުމަށާއި ކޯލް ކޯޑިނޭޝަނަށް ވަކި ޖާގައެއް ކަނޑައެޅިފައިވާއިރު، ޑްރައިވަރުންނާއި ޓެކްނީޝަނުން އަދި އެހެނިހެން މުވައްޒަފުން މަސައްކަތްކުރުމަށް އެކަށޭނަ އޮފީސް ޖާގަތައް ވެސް މި އިމާރާތުގައި ގާއިމުކުރާނެއެވެ.

މި ޚިދުމަތްތައް ހަރުދަނާކޮށް ތަރައްގީކުރުމުގެ ގޮތުން، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ މިދިޔަ މަހު 28ގައި އިމަޖެންސީ މެޑިކަލް ޓެކްނީޝަން (އީއެމްޓީ) ގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފައެވެ. އަދި މި ޚިދުމަތް އިތުރަށް ފުޅާކޮށް ހިންގުމަށް ޓަކައި ބޭނުންވާ އިތުރު ފަންނީ މުވައްޒަފުން ހޯދުމުގެ މަސައްކަތް ވެސް ހޮސްޕިޓަލުގެ ފަރާތުން މިހާރު ދަނީ ކުރަމުންނެވެ.

ހަރުދަނާ އިންތިޒާމެއްގެ ތެރެއިން އެއް ފުރާޅެއްގެ ދަށުން މި ޚިދުމަތްތައް ލިބެން ފެށުމުން، ދެމެހެއްޓެނިވި ގޮތެއްގައި އަވަސް ފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެއެވެ. ޚާއްސަކޮށް، ޕެރެމެޑިކުންގެ އެހީތެރިކަމާއެކު ހޮސްޕިޓަލަށް ގެނައުމުގެ ކުރިން ފަރުވާ ބޭނުންވާ ހާލަތްތަކުގައި އެންމެ ފުރިހަމަ ގޮތުގައި ފަރުވާ ދެވި، އެމްބިއުލާންސްތައް ބެލެހެއްޓުމާއި ދަތުރުތަކުގެ އޮޕަރޭޝަންތައް ކުރިއަށްވުރެ އެތައް ގުނައެއް އަވަސްވާނެއެވެ.

މި މަޝްރޫއަކީ އައްޑޫ ސިޓީގެ އިމަޖެންސީ ސިއްހީ ނިޒާމު އައު ހަރުފަތަކަށް ގެންގޮސްދީ، މުޅި ސަރަހައްދުގެ ސިއްހީ ދާއިރާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

comment ކޮމެންޓް