މާލެއާއި ވިލިމާލޭގެ މަގުތަކުގައި ކުނި ބެހެއްޓުން ވަރަށް ބޮޑަށް އާންމުވެ މަގުތައް ގޮނޑުވާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާކަމަށާއި، އެހެންވެ މަގުތަކަށް ކުނި ނުނެރުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.
އީޕީއޭއިން ނެރުނު އިއުލާނެއްގައި ބުނީ މާލޭގެ މަގުތަކަކީ ހަނި، ކާރޫބާރޫ ބޮޑު މަގުތަކަކަށްވުމުން މަގުތަކަށް ކުނި ނެރެ ފުނިޖަހައިފައި ހުރުމުން އެ ކަމުގެ އުނދަގުލާ ގިނަ ބަޔަކަށް ކުރިމަތިލާން ޖެހޭކަމަށެވެ.
މި ކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ މަގު މައްޗަކީ ކުނި ބަހައްޓަން ޚާއްސަކޮށްފައި ހުންނަ ތަނެއް ނޫންކަމަށެވެ.
އަދި އެއީ ސިޓީ ކައުންސިލް ނުވަތަ ވެމްކޯ ނަމަވެސް އެ ކަމަށް ބާރު އަޅައިގެންވާނެ ކަމެއް ނޫންކަމަށެވެ. އެ ކަން އެފަދައިން ކުރަން އަންގައިގެން ނުވާނެ ކަމަށް ވެސް ނައީމް ވިދާޅުވިއެވެ.
"މަގަކީ ވަރަށް މުގައްދަސް ތަނެއް. އެންމެން ވެސް ބޭނުންކުރާ ތަނެއް. މި ތަން ގޮނޑުވިޔަދީ ކުނި އަޅަން ޚާއްސަކުރުމަކީ އެއްވެސް ހާލަތެއްގައި އަޅުގަނޑުމެންނަށް ބަލައިގަނެވޭނެ ކަމެއް ނޫން. މި ކަން ހައްލުކުރުމަށް ޓަކައި މަސައްކަތްކުރުން މުހިންމު. އަދި މަގަށް ކުނި އެޅުމުގެ ބަދަލުގައި އެހެން ގޮތަކަށް ކުނި ނެގޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހޭ،" ނައީމް ވިދާޅުވިއެވެ.
އީޕީއޭއިން ބުނީ މަގުމަތި ގޮނޑުވާހެން މަގަށް ކުނި ނެރުމަކީ ގާނޫނުން މަނާކުރާ ކަމެއްކަމަށެވެ. އަދި އެ ކަން ގިނަ ބަޔަކު ކުރާކަމަށް ފާހަގަކުރެވޭ ބައެއް ކަންކަން ވެސް އީޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން ކުނި ނަގައި މުވައްޒަފުން ގޭތެރެއަަށް ނުވައްދަން ބައެއް މީހުން މަގުތަކަށް ކުނި ނެރޭކަން ފާހަގަވާކަމަށާއި އަދި ގޭތެރޭގައި ހުންނަ ކުނި ކޮތަޅު ފުރުމުން އެ ނުބަހައްޓަން ވެސް މަގުމައްޗަށް ނެރެފައި ހުންނަ ކަމަށް އީޕީއޭއިން ބުންޏެވެ.
އީޕީއޭއިން ބުނީ މަގުތައް ސާފުތާހިރުކޮށް ބެލެހެއްޓޭނީ އެންމެންގެ އެއްބާރުލުން ލިބިގެންކަމަށެވެ. އަދި އެ ކަމުގައި އެންމެން ވެސް ފަރުދީ ޒިންމާ އަދާކޮށްގެން ކަމަށެވެ.
"ކުނިބުނިން ސަލާމާތްވެފައިވާ ވެއްޓެއް ލިބިފައި އޮތުމަކީ އެކިއެކި ބަލިތަކުން ސަލާމަތްވެ އާންމު ދުޅަހެޔޮކަން އިތުރުވާނެ ކަމެއްކަން ހަނދުމަފުޅުކޮށް އަރުވަމެވެ،" އީޕީއޭގެ އިއުލާނުގައި ވެއެވެ.