މިހާރު ކުރިއަށްދާ ރަމަޟާން ކްރިކެޓް ކާނިވަލް އޮފީސްތަކުގެ މުބާރާތުގެ ސެމީފައިނަލުގެ އެންމެ ފަހު ޖާގަ ޕޮލިސް ކްލަބުން ހޯދައިފިއެވެ.
މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް ޕޮލިސް ކްލަބުން ހޯދާފައިވަނީ، މިއަދު ހަވީރު، އިމިގްރޭޝަނާއި ދެކޮޅަށް ކުޅުނު މެޗް 46 ލަނޑުން ކާމިޔާބުކޮށްގެންނެވެ.
ޓޮސް ދިމާވުމުން ޕޮލިސް ކްލަބް ގަސްދުކުރީ ކުޅުމަށެވެ. ޕޮލިސް ކްލަބް ކުޅެން އަރައި 8 އޯވަރުގެ ތެރޭގައި 4 ކުޅުންތެރިން ނުބައިވެގެން ވަނީ 124 ލަނޑު ހަދާފައެވެ. މި އިނިންގްސްގައި ޕޮލިސްޓީމަށް އެންމެ ގިނަ ލަނޑު ހަދައިދިނީ، 28 ލަނޑު ހެދި އިސްމާއީލް ނަސީރާއި، 26 ލަނޑު ހެދި އޮލިއުލް އިސްލާމުގެ އިތުރުން 25 ލަނޑު ހެދި ކަސުންނެވެ.
ޖަވާބުގައި އިމިގްރޭޝަން ކުޅެން އަރައި 8 އޯވަރުގެ ތެރޭގައި 6 ކުޅުންތެރިން ނުބައިވެގެން ހެދުނީ 78 ލަނޑެވެ. އިމިގްރޭޝަނަށް އެންމެ ގިނަ ލަނޑު ހަދައިދިނީ 26 ލަނޑުހެދި ސާއިސް މުހަންމަދެވެ.

މިއަދު ކުރިއަށްދިޔަ ރަމަޟާން ކްރިކެޓް ކާނިވަލް މެޗްގެ ތެރެއިން--- ފޮޓޯ/ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
މުބާރާތުގެ ސެމީފައިނަލް މެޗްތައް މާދަމާ ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ތީމުގެ އާއި ކަސްޓަމްސްއެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ މީރާ އާއި ޕޮލިސް ކްލަބެވެ.
ރަމަޟާން ކްރިކެޓް ކާނިވަލްގެ ކުޅުން މާލޭ ކުޅިވަރު އެކުވެނި ކްރިކެޓް ދަނޑުގައި ކުރިއަށްދާއިރު، މާދަމާގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ 1600 ގައެވެ.