ނަޝީދާއި ގާސިމް ބައްދަލުކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ/ މުހައްމަދު ޒައިން އިބްރާހިމް - އަވަސް

'ވިލާ ޕާކު'ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު، ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމާ ބައްދަލު ކުރައްވައިފިއެވެ.

'ސަން'އާ ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ އެ ދެ ބޭފުޅުން މިއަދު ހަވީރުގެ ވަގުތެއްގައި ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އަދި، އެ ބައްދަލުމުގައި ކޯލިޝަން އެއްބަސްވުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ، އެ މަޝްވަރާ ބައްދަލުވުން ކުރިއަށް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ. ނަމަވެސް އެ ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.

'ފިކުރެއްގެ ދިރުން' ފެކްޝަންގެ ބޭފުޅުން ޖުމްހޫރީ ޕާޓީގެ ލީޑާޝިޕާ އެކު-- ފޮޓޯ/ އެމްވީކްރައިސިސް

ގާސިމާއި ނަޝީދު ބައްދަލު ކުރައްވާފައިވާއިރު، ނަޝީދާ، އެ މަނިކުފާނަށް ތާއީދު ކުރައްވާ 'ފިކުރެއްގެ ދިރުން' ފެކްޝަނުން ތިބީ ގާސިމް އިބްރާހިމާ އެކުގައި ކަމަށް ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު ޙަސަން ލަތީފް ވަނީ ރޭ ވިދާޅުވެފައެވެ.

ޙަސަން ލަތީފް އެހެން ވިދާޅުވީ ނަޝީދުގެ ފެކްޝަނުން ޖުމްހޫރީ ޕާޓީއާ އެކު ރޭ ކުނޫޒުގައި ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ. އެއީ، ނަޝީދުގެ 'ފިކުރެއްގެ ދިރުން' ގޮފިން ގާސިމްގެ މަންދޫބުންނާ ބައްދަލުކުރެއްވި ތިންވަނަ ފަހަރެވެ.

އެ ތިން ބައްދަލުވުމުގައި ވެސް ނަޝީދާއި ގާސިމް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. ކޮންމެ ބައްދަލުވުމަކަށް ވެސް ވަޑައިގަންނަވަނީ އެ ދެ ބޭފުޅުންގެ މަންދޫބުންނެވެ.

https://sun.mv/175856

މިއަދުގެ ބައްދަލުވުމަކީ ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމާ ގުޅޭގޮތުން ނަޝީދާއި ގާސިމް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެެވެ.

ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނުން ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ އެކު ރިޔާސީ ރޭހަށް ނުކުތުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތްކަން ހާމަކޮށްފައެވެ. މިގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީސް ޞާލިޙާ އެކު ބަޔަތު ހިއްޕަވައިގެން ނުކުމެ ކާމިޔާބު ނުކުރެވޭނޭ ކަމަށް ނަޝީދުގެ ފެކްޝަނުން ވަނީ ބުނެފައެވެ.

comment ކޮމެންޓް