ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާ، އެމަނިކުފާނަށް ތާއީދު ކުރައްވާ 'ފިކުރެއްގެ ދިރުން' ފެކްޝަނުން ތިބީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމާއެކުގައި ކަމަށް ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޙަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ ފެކްޝަނުން ޖުމްހޫރީ ޕާޓީއާއެކު ރޭ ކުނޫޒުގައި ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޙަސަން ލަތީފް ވިދާޅުވީ ދެފަރާތުގެ މަޝްވަރާތައް ކުރިޔަށް ދަނީ ވަރަށް ފުޅާކޮށް ކަމަށެވެ. ދެ ޕާޓީއެއް ނުވަތަ ގިނަ ޕާޓީތަކަކާއެކީގައި ކުރެވޭ މަޝްވަރާއެއްގެ ތެރޭގައި ވަރަށް ގިނަ ކަންކަން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މަޝްވަރާތައް ކުރާނެ ޝެޑިއުލެއް ވެސް މިހާރު ތައްޔާރު ކޮށްފައިވާ ކަމަށެވެ.
ޙަސަން ވިދާޅުވީ އެކި މަރުހަލާތަކުގައި ކުރާނެ ކަންކަން ވެސް އެ ޝެޑިއުލްގައި ތަފްސީލުކޮށް ބަޔާންކޮށްފައި ވާނެ ކަމަށެވެ. އަދި ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ތިއްބެވީ މަޝްވަރާއެއްގެ ތެރޭގައި ކަމަށާއި މިވަގުތު އެ ގޮފިން ތިބީ ޖޭޕީގެ ރިޔާސީ ކެނޑިޑޭޓް، ގާސިމް އިބްރާހިމާ އެކުގައި ކަމަށެވެ.
"މަޝްވަރާއެއްގެ ތެރޭގައި އަޅުގަނޑުމެން މި ތިބީ. މިވަގުތު އަޅުގަނޑުމެން މި ތިބީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓާ އެކީގަ. އެއީ އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތް ކަމަށް އަދި އެމްޑީޕީ އެކުލެވޭ ސަރުކާރެއް އުފެއްދުމަށް ބޭނުންތެރި ކަމެއް ކަމަށް ގަބޫލު ކުރެވޭތީ އެ މަސައްކަތުގަ މިތިބީ،" ޙަސަން ލަތީފް ވިދާޅުވިއެވެ.
ޙަސަން ލަތީފް ގެ އިތުރުން ރައީސް ނަޝީދުގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ، އެޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމާއި، ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންގެ އިތުރުން މަޖިލީހުގެ ކުރީގެ ވިލުފުށީ ދާއިރާގެ މެމްބަރު އަދި މިހާރު ޖޭޕީގެ ލީޑަރު އެޑްވައިޒަރު ރިޔާޒް ރަޝީދެވެ.
ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އަމީން ވިދާޅުވީ ރާއްޖޭގެ ވަރަށް ގިނަ ސިޔާސީ ޕާޓީތަކަށާއި އިންތިޚާބުގައި ވާދަކުރައްވާ ވަކިވަކި ކެނޑިޑޭޓުންނަށް އެ ޕާޓީން މަޝްވަރާ ކުރުމަށް އެދި ސިޓީ ފޮނުވާފައިވާ ކަމަށެވެ. ގައުމު މިއަދު މިއޮތް ހާލަތާ، ދިމާވެފައިވާ މައްސަލަތަކަށް ބަލާއިރު، އެއްބަޔަކު އެކަނިމާއެކަނި ކަންކަން ހައްލު ކުރަން އުޅުމަށްވުރެ، ގިނަ ބައެއްގެ ލަފަޔާ ވިސްނުން ހުރި ގޮތާ ދެކޭ ގޮތުގެ މައުލޫމާތު އެއްކޮށް، އެ ހޯދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ގާސިމްގެ ފަލްސަފާއަކީ ހުރިހާ އެންމެން ބައިވެރި ކޮށްގެން، ހުރިހާ އެންމެން ގޮވައިގެން ރާއްޖޭގައި ސަރުކާރެއް އެކުލަވާލުން ކަމަށެވެ. ވުމާއެކު، އެ ޕާޓީއާއެކު މަޝްވަރާ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގައި އެއް ކެނޑިޑޭޓަކަށް ފުޅާ ކޯލިޝަނެއް ގާއިމް ކުރާނަމަ އެ ފުރުސަތު އެންމެ ބޮޑީ ގާސިމަށް،" އަމީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސިޔާސީ މަސައްކަތެއް ކުރާއިރު، އެންމެ އިތުބާރުހިފޭ އެއް ލީޑަރަކީ ގާސިމް އިބްރާހިމް ކަމަށެވެ. އަދި ގިނަ ބަޔަކު ގޮވައިގެން، ގިނަ ޕާޓީތައް ބައިވެރި ކޮށްގެން، ގިނަ ސިޔާސީ ލީޑަރުންނާ އަދި ސިޔާސީ މަސައްކަތުގައި ހަރަކާތްތެރިވާ ބޭފުޅުން އެއްކޮށްގެން އެންމެ ފުޅާ ދާއިރާއެއްގައި ރަނގަޅު ނަތީޖާއަކާ ހަމައަށް ދިޔުމަށް، ފުޅާ ކޯލިޝަނެއް އެކުލަވާލުމުގެ ފުރުސަތު އެންމެ ބޮޑީ ގާސިމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިރޭގެ ކުރެވުނު މަޝްވަރާތަކަށް އަލިއަޅުއްވާލައްވައި ޙަސަން ލަތީފް ވިދާޅުވީ ދައުލަތެއްގެ ހުރިހާ ބާރެއްގައި ހުންނަން ޖެހޭ ސިފަތަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެގޮތުން މިނިވަން މުއައްސަސާތައް ވެސް ހިމެނޭ ގޮތުން، ދައުލަތުގެ ހުރިހާ ބާރުތަކަކަށް އެ ގެންނަން ޖެހޭ ބަދަލުތަކަކީ ކޮބައިކަމާ އަދި އޭގެ ސިފަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް ޙަސަން ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނުން ވަނީ ރައީސް އިބްރާހީމް މުޙައްމަދު ސާލިހާއެކު ރިޔާސީ ރޭހަށް ނިކުތުމުގެ އެއްވެސްކަހަލަ ޝައުގުވެރިކަމެއް ނެތްކަން ހާމަކޮށްފައެވެ. މިގޮތުން ކުރިއަށްއޮތް ރިޔާސީ އިންތިހާބު ރައީސް ސާލިހާއެކު ބަޔަތު ހިއްޕަވައިގެން ނިކުމެ ކާމިޔާބު ނުކުރެވޭނޭކަމަށް ރައީސް ނަޝީދުގެ ފެކްޝަނުން ވަނީ ބުނެފައެވެ.