އަމާޒަކީ މިއަހަރު ރާއްޖެއިން ރުބެއްލާ ނައްތާލުން، އަދި 2025ގައި ޓީބީ ނައްތާލުން: މިނިސްޓަރު ނަސީމް

ކެންސަރު މަދުކުރުމުގެ ގައުމީ ޕްލޭން އިފްތިތާހުކުރުމުގެ ހަފްލާގައި މިނިސްޓަރު އަހްމަދު ނަސީމް ވަހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އަމާޒަކީ މި އަހަރު ރާއްޖެއިން ރުބެއްލާ ނައްތާލުން ކަމަށާއި 2025ގެ ނިޔަލަށް ދިވެހިރާއްޖެއިން ޓީބީ ނައްތާލާ، ފިޔަވަހި ތަކަކަށް ބަހާލައިގެން ފަހަރަކު ސަރަހައްދަކުން ލެޕްރަސީ ވެސް މުޅިން ފޮހެލަން އަމާޒު ހިފާފައި ވާކަމަށް ހެލްތް މިނިސްޓަރު އަޙްމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، މިއަހަރުގެ ދުނިޔޭގެ ޞިއްހަތު ދުވަސް ފާހަގަކުރުމުގެ ގޮތުން ދެއްވި ޚިޠާބުގައެވެ.

މިއަހަރުގެ ސިއްހަތު ދުވަހުގެ ޝިއާރަކީ "ހެލްތް ފޯ އޯލް"އެވެ. މިނިސްޓަރު ވިދާޅުވީ ޝިއާރާ ގުޅޭ ސިޔާސަތެއް އެންމެ ރަނގަޅަށް ގާއިމްކުރާ އެއް ގައުމަކީ ރާއްޖެ ކަމަށެވެ. އެގޮތުން ހދ. ކުޅުދުއްފުއްޓާ، ރ. އުނގޫފާރާ، ހައްދުންމަތީ ގަމާ، ހުވަދޫ ތިނަދޫ، އަދި އައްޑޫ ހިތަދޫގެ ހޮސްޕިޓަލްތައް ތަރައްގީވަމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"މާލެ އަށް ނުފެނުނަސް، އެ ސަރަޙައްދަކަށް އެ ސަރަހައްދުގެ މަންޒަރު އެ ދަނީ ކުލަވަމުން. މިކަމަށްޓަކާ ސަރުކާރުގެ ކަމާ ބެހޭ ހުރިހާ ފަރާތްތަކާ، ޚާއްޞަކޮށް ރައީސުލް ޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވަން،" މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފާއިތުވި 75 އަހަރަކީ، އޭގެ ކުރިން ތަހަންމަލު ކުރި ބޮޑެތި ބަލި ތަކާ ބުރަ ތަކްލީފްތައް ނިމިގެން ދިޔަ 75 އަހަރު ކަމަށެވެ.

"ކަށިވިދުރިއާ، ލެޕްރަސީ އާ ފައިލޭރިއާ އާ މެލޭރިއާ ފަދަ ބަލި ތަކަކީ އިންސާނިއްޔަތުގެ ބޮޑުބިރު. މިބިރު މި ދިވެހިރާއްޖޭގައި އޮތް ހާލަތާ ނެތް ހާލަތު އަޅުގަނޑުމެން ދުށިން. އެ ހާލަތުން މިހާރު އަރައިގަނެވިފައި ވުމަކީ ފާއިތުވި 75 އަހަރުގެ ކާމިޔާބީ." އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މި އަހަރުގެ އަމާޒަކީ ރުބެއްލާ ވެސް ރާއްޖެއިން ފޮހެލުން ކަމަށާއި، 2025 ގެ ނިޔަލަށް ރާއްޖެއިން ޓީބީ ވެސް ނައްތާލަން މަސައްކަތް ކުރާކަމަށް އޭނާ ވިދާޅުވިއެވެ. އެއަށްފަހު ފިޔަވަހި ތަކަކަށް ބަހާލައިގެން ފަހަރަކު ސަރަހައްދަކަށް އަމާޒުކޮށްގެން، ލެޕްރަސީ ވެސް މުޅިން ފޮހެލަން އަމާޒު ހިފާފައިވާކަން މިނިސްޓަރު ނަސީމް ހާމަކުރެއްވިއެވެ.

ކޮވިޑްގެ ބިރުވެރިހާލަތުގެ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއަދު މިވަނީ އެ ހާލަތު މައިތިކުރެވިފައި ކަމަށެވެ.

"ކޮވިޑް-19 ގައި ދިވެހިން ދުނިޔެއަށް ދިން މެސެޖް ވަރަށް ސާފު. ކެތްތެރި ކަމާ ޙިކުމަތްތެރި ކަމާ ހިތްވަރާ އެކު މަޝްވަރާ މަތިން. ކަން ކުރައްވާ ލީޑަރެއްގެ ފަހަތުގައި ސާބިތުވެ ތިބުމުން ހޯދޭ ކާމިޔާބީ ދުނިޔެއަށް މިސާލު ދައްކަމުން މާތް ރަސްކަލާނެ ރަހުމަތުން އަޅުގަނޑުމެން މިތިބީ އުހުގައި." މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ފާއިތުވީ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭ އަޅުގަޑުމެން ތަސައްވަރު ކުރި ހަރުދަނާ ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމް މިއަދު މި ވަނީ ބަލިކަށިވެފައި ކަމަށެވެ. އެކަމާ ނުހަނު ހިތާމަ ކުރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަޑުގެ އުއްމީދަކީ، ކައިރި މުސްތަޤަބަލެއްގައި ޕްރިމަރީ ހެލްތް ކެއާރ އަށާއި އާއި ޕަބްލިކް ހެލްތަށް އިސްކަން ދެވޭ ފުރިހަމަ ނިޒާމެއް ޤާއިމުކު ރެވުން. މި އަމާޒަށް ވާޞިލު ވުމަށް ޞިއްޙީ ދާއިރާ އިން ކުރަން ޖެހޭ ކަންކަން މިހާރު މިގެން ދަނީ ތަޢާރަފު ކޮށް ނިޒާމީ ކުރަމުން" މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް