ހަފުތާ ބަންދެއް ނަމަ މަޖާ މަލާފަތެވެ. ހަފްލާއެއް ނަމަ މަޖާ މަލާފަތެވެ. މުސާރަ ލިބުމުން މަޖާ މަލާފަތެވެ. ފޫހި ފިލުވާލަން ވެސް މަޖާ މަލާފަތެވެ. އެންމެން މާ ފޯރިއެއް އަރުވާފައި މި ކާ މަޖާ މަލާފަތުގެ މަޖާ ކަމަކީ ކޮބައިހެއްޔެވެ؟ މި މަޖާ މަލާފަތެއްގެ ޖާދޫގައި ނުޖެހޭ މީހަކު މިހާރު ހަމަ ނެތީހެއްޔެވެ؟ މަޖާ މަލާފަތް ވައިގައި ހިފައިގެން ގޮސް އަހަރެން ވެސް މަޖާ މަލާފަތުގެ އަޖުމަ ބަލައިފީމެވެ. އެ އަވައިގައި އަހަރެން ވެސް ހަމަ ރަނގަޅަށް ޖެހިއްޖެއެވެ.
މަޖާ މަލާފަތުގެ ފެށުން
ޝަހުލާ ވަޖީހް އާއި ފާތިމަތު ޝަމްލާ އަކީ ދެބެންގެ ދެދަރި ދެމީހުނެވެ. ދެމީހުންގެ މެދުގައިވާ ގާތް ކަމުގެ އިތުރުން އެއްގޮތް ކަމަކީ މި ދެމީހުންނަކީ ވެސް މަޖާ ކާން އެހާ ފޯރި ހުންނަ ދެމީހުނަށް ވުމެވެ. އެހެން ކަމުން މަޖާ ކެއުމަކީ މި ދެމީހުންނާއި އާއިލާ މީހުންގެ ވެސް ކަށީގައި ހިފާފައިވާ އާދައެކޭ ބުނެވިދާނެއެވެ.
"މީ ދެން ހަމަ އެއް ދުވަހަކު މަޖާ ކާން ތިބެފަ އައި ވަރަށް ރެންޑަމް ހިޔާލެއް. ދެން އެހިސާބުން އެ ހަމަ ފެށުނީ،" ޝަމްލާ ކިޔައިދިނެވެ.
އެއީ2019 ވަނަ އަހަރެވެ. މަޖާ މަލާފަތުގެ ފެށުމާއެކު ހީވެސް ނުކުރާ ފަދަ ގޮތަކަށް މިކަން ވައިގައި ހިފިއެވެ. ބަލަބަލާ ތިއްބާ މަޖާ މަލާފަތުގެ ފޯރިގަނޑު ބަދަލުވީ ހިޓަކަށެވެ.
ޝަހުލާ އާއި ޝަމްލާ އަކީ ވެސް މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި މަސައްކަތްކުރާ ޒިންމާދާރު ދެމީހުނެވެ. އޭގެ އިތުރުން ދެ މައިންނެވެ. ދެމީހުން ވެސް އެންމެ ފުރަތަމަ މަސައްކަތް ފެށިއިރު އޯޑަރު ނަގަން ފެށީ ވަކި ވަގުތަކުއެވެ.
"އޭރު އޮފީހުން އައިއްސަ ތިނެއް ޖަހާއިރު ފަށަނީ. ދެން ހަމަ ހުއްޓާ ނުލާ ދެމީހުން ނުވައެއް ޖަހަންދެން ކުރިއަށް ދާނެ،" ޝަހުލާ ކިޔައިދިނެވެ.
މި މަސައްކަތް ކުރިއަށް ގެންދަން ޝަހުލާއަށާއި ޝަމްލާއަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ ކަސްޓަމަރުންގެ ފަރާތުން އޭރު ވެސް ލިބުނު ސަޕޯޓެވެ.
ހަވީރުން ފެށިގެން ރޭގަނޑު ނުވައަކާ ހަމައަށް ވެސް އޭރު އެމީހުން ދުވާލަކު 30 އޯޑަރު ވަރު ނަގައެވެ.
"އޮފީހުން އަންނަ ގޮތަށް އަހަރެމެން ނުވެސް ކައި މަސައްކަތް ފަށާނީ. ކެވޭނީ ވެސް ނުވައެއްގެ ފަހުން މަސައްކަތް ނިމުނީމަ،" މަޖާ މަލާފަތުގެ ސަކަރާތްގަނޑު ފެށި އިރުގެ ހަނދާންތައް އާކުރަމުން ޝަހުލާ ބުންޏެވެ.
އޭރާ މިހާރާ ވަރަށް ތަފާތެވެ. މިހާރު މިއީ އާއިލީ ވިޔަފާރިއެކެވެ.
"ދެން އޭރާ މިހާރާ ވަރަށް ތަފާތު ދޯ ޝަމް،" ޝަހުލާ ބުންޏެވެ.
އޭރުގައި ނަމަ މި މަސައްކަތް ކުރަނީ ދެމީހުން އޮފީސް ނިމި ލިބޭ ހުސް ވަގުތުގައެވެ. ނަމަވެސް މިހާރު މިއީ "ފުލް ޓައިމް" ޚިދުމަތެކެވެ.
އޯޑަރު ނަގާ ވަގުތު އިތުރުވުމުން މިހާރު ކުރިއާ ޚިލާފަށް މާގިނަ އޯޑަރު ވެސް އާދެއެވެ. އެގޮތުން މިހާރު ދުވާލަކު 40 ނުވަތަ 50 ވަރަކަށް އޯޑަރު ލިބެއެވެ.
"ދެން އޯޑަރު ލިބޭ އަދަދު ވަރަށް ގިނަ ވާނެ ހަފުތާ ބަންދުގަ. މާލެއިން ވެސް ހުޅުމާލެ އިން ވެސް. ދެން މުސާރަ ލިބޭ ދުވަސްކޮޅު ވެސް އޯޑަރުތައް ވަރަށް ގިނަކަން ފާހަގަކުރެވޭ، ބައެއް ފަހަރު މާލެއިން 50އަށް ވުރެ ގިނަވެފަ ހުޅުމާލެއިން 50ވެސް އަށް ވުރެ ގިނަ އޯޑަރު ލިބޭ" ޝަމްލާ ބުންޏެވެ.
ޝަހުލާ އާއި ޝަމްލާ އޮފީހުގައި އުޅޭ ވަގުތު ލިބޭ އޯޑަރުތައް ނަގާ، އެ އޯޑަރު ތައްޔާރު ކުރަނީ ގޭގައި އެވަގުތު އުޅޭ އާއިލާ މީހުނެވެ. އޯޑަރުތައް ވަގުތުން ވަގުތައް ޑެލިވާ ކުރަނީ، ގޭގައި އުޅޭ ފިރިހެން ވެރިންނެވެ.
މީގެ އިތުރުން މިހާރު މަޖާ މަލާފަތުން ތަފާތު ގިނަ ތަފާތު ބާވަތްތައް ލިބެން ހުރެއެވެ.
"ފުލް ފެމިލީ ސަޕޯޓާއެކީ މިހާރު މިކަން މި ކުރަނީ،" ޝަހުލާ ބުންޏެވެ.
މިހާރު ދެމީހުން ދިރިއުޅެނީ ވެސް ވަކިންނެވެ. ޝަމްލާ މާލޭގައި އުޅޭއިރު ޝަހުލާ އުޅެނީ ހުޅުމާލޭގައެވެ. އެހެންކަމުން ހުޅުމާލެއަށް އަންނަ އޯޑަރުތައް ނަގާ ޑެލިވާ ކުރަނީ ޝަހުލާ އާއި އޭނާގެ އާއިލާއެވެ. މާލޭގެ އޯޑަރުތައް ތައްޔާރު ކުރަނީ ޝަމްލާއާއި އޭނާގެ އާއިލާއެވެ.
އެމީހުން ގަބޫލުކުރާގޮތުގައި މި މަޖާ މަލާފަތް މިހާބޮޑު ހިޓަކަށްވެ މަޖާ މަލާފަތުގެ ކުއަލިޓީ މި ހިފެއްޓެނީ އާއިލާއިން ލިބޭ ސަޕޯޓުގެ ސަބަބުންނެވެ.
ގިނަ އެއްޗެހި ހޯދަނީ ރަށުން، އެކަމުގައި ވެސް އާއިލާގެ އެހީތެރިކަން ބޮޑު
މި މަޖާ މަލާފަތުގެ ރަހަތައް ހެޔޮވަރުކުރަން ވަރަށް ގިނަ މޭވާ ބޭނުންވެއެވެ. ގިނަ އެއްޗެއްސަކީ ރަށްރަށުގައި އަތްފުނާ އަޅައިގެން ވެސް މިހާރު ނުލިބޭ އެއްޗިއްސެވެ.
ނަމަވެސް ބ. ގޮއިދޫއަށް އުފަން ޝަމްލާ އާއި ޝަހުލާގެ މަޖާ މަލާފަތަށް ބޭނުންވާ ހުރިހާ ސާމާނެއް ހެން އެ ރަށުން ލިބެއެވެ. އެގޮތުން ކިހާކާއި، ފަޅޮލާއި ކާމަރަނގަ އާއި އަނބު ފަދަ އެއްޗެއްސަކީ ގޮއިދޫން ހުސް ނުކޮށް ލިބޭ އެއްޗިއްސެވެ.
"ދެން ކުންނާރު މީ ބްލެސިންގް އެކޭ ވެސް ބުނެވިދާނެ. އަހަރެމެން މާމަ ގޭގަ ހުންނާނެ ބޮޑު ކުންނާރު ގަހެއް. އަދި މަޖާ ހަދަން ފެށީއްސުރެ މިވީ ހަތަރު އަހަރު ހުސް ނުކޮށް ކުންނާރު ލިބޭ. އެންމެ މަހަކު ކުންނާރު ނުލިބުނީ،" ޝަހުލާ ބުންޏެވެ.
"ކާމަރަނގަ ވެސް ރަށުގަ ހުންނަ ގަހަކުން ހަމަ ލިބޭ،" އެ ވާހަކައަށް ޝަމްލާ އިތުރު ކޮށްލިއެވެ.
ރަށުން ސާމާނު ގެންނަނީ ކޮންމެ ހޮނިހިރު ދުވަހެކެވެ. ނަމަވެސް ސާމާނު ހުސްވާނަމަ ރަށުގައި އުޅޭ ޝަހުލާގެ މަންމަ ހަފުތާގެ ދުވަސްތަކުގައި ވެސް ސާމާނު ފޮނުވާކަމަށް ހިނިގަނޑެއް ޖަހާލަމުން ޝަހުލާ ބުންޏެވެ.
"ވަރަށް ތެންކްފުލް އެހެންވީމަ،" އޭނާ ބުންޏެވެ.
ދެން ހުންނަ މަދު އެއްޗެއް ގަންނަނީ މާލޭގެ މާރުކޭޓުންނެވެ.
އެންމެ ބޮޑު ގޮންޖެހުމަކީ އެއްޗެހީގެ އަގަށް އަންނަ ބަދަލު.
މި ވިޔަފާރިއަކީ އާއިލާގެ ފުރިހަމަ އެހީއާއެކު ކުރިއަށް ގެންދާ ވިޔަފާރިއެކެވެ. އެކަމަކު ކޮންމެ ކަމަކު ވެސް ގޮންޖެހުންތައް ހުންނަ ފަދައިން ޝަމްލާ އާއި ޝަހުލާ ވެސް ގޮންޖެހުން ތަކާ ކުރިމަތި ލާން ޖެހެއެވެ.
"އެންމެ ބޮޑު ގޮންޖެހުމަކީ އަގަށް އަންނަ ބަދަލުތައް. ރިހާކުރު އެއްޗިހި ހަމަ ބައެއް ދުވަސް ދުވަހު ޑަބަލް ޕްރައިޒްގަ ގަންނަން ޖެހޭ،"
ފެށުނީއްސުރެ ވެސް މަޖާ މަލާފަތުގެ އަގުތައް ވެސް މި މީހުން ވަނީ އެއް އަގެއްގައި ހިފައްޓާލާފައެވެ. ނަމަވެސް ތަކެތީގެ އަގަށް އަންނަ ބަދަލާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހުގެ ވަނީ ކޮންމެ ބާވަތަކުން ވެސް ކުޑަ މިންވަރެއް އަގު ބޮޑުކޮށްފައެވެ.
ކަސްޓަމަރުންގެ ލޯބި ހަނދާން ނުނެތޭނެ
މަޖާ މަލާފަތަކީ ކަސްޓަމަރުން ވަރަށް ލޯބިވާ ވިޔަފާރިއެކެވެ. އެގޮތުން މަޖާ މަލާފަތުގެ ޑެއިލީ ކަސްޓަމަރުން ގިނަކަން ޝަމްލާ އާއި ޝަހުލާ ފާހަގަކުރިއެވެ.
ކޮވިޑްގެ އެންމެ ދަތި ހާލުގައި ވެސް އެމީހުން މި ވިޔަފާރި ކުރިއަށް ގެންދިޔައީ ކަސްޓަމަރުންގެ ފަރާތުން މިކަމަށް އެދޭ މިންވަރު ބޮޑުވުމުންނެވެ.
"އޭރު ދެން ހުއްދައެއް ނަގައިގެން ޑެލިވާ ކުރެވޭނީ. އެހެންވެ ވަރަށް އުނދަގޫވޭ. އެކަމަކު އަޅުގަނޑު މެން އޭރު ވެސް ވަރަށް ގިނަ އޯޑަރު ނެގިން ހަމަ ޕޭޖަށް މީހުން މެސެޖު ކުރާތީ،" ޝަމްލާ ބުންޏެވެ.
މަޖާ މަލާފަތް، މަޖާ މަލާފަތަށް ހެދުމަށް މި ދެމީހުން ބުރަ މަސައްކަތްތަކެއް ކޮށްފިއެވެ. އެތައް ދުވަހަކު ބަނޑަށްތިބެ އެހެން މީހުންގެ ހައި ފިލުވައި ދީފިއެވެ.
މިވީ ހަތަރު އަހަރުތެރޭ ވެސް އެންމެ އުފާވަނީ ބޮޑެތި ހަފުލާތަކަށް ބޮޑެތި އޯޑަރުތައް ލިބުމުން ކަމަށް އެ ދެމީހުން ބުންޏެވެ. އެގޮތުން ބޮޑެތި ކައިވެނި ހަފްލާ ތަކަށާއި ސަރުކާރު ކުންފުނި ތަކުގެ ހާއްސަ ރަސްމިއްޔާތުތަކަށް ވެސް މިހާރު ވަނީ ޝަހުލާއާއި ޝަމްލާގެ މަޖާ މަލާފަތް އަރުވާފައެވެ.
"ސަރުކާރުގެ ވަރަށް ގިނަ ކުންފުނިތަކުން އޯޑަރު ލިބޭ. ދިރާގާ ދެން ބެންކް އޮފް މޯލްޑިވްސް އަހަރީ ދުވަހާ ގުޅިގެން އެމީހުނަށް ވަރަށް ގިނަ ފެކް ހަދައިދިނިން. އެއީ އޮފީހަކުން އެންމެ ގިނައިން އޯޑަރު ދިން ފަހަރު،" ޝަހުލާ ބުންޏެވެ.
އަމިއްލަ ވިޔަފާރިއެއް ފެށުމަކީ އަބަދުވެސް ދެކޭ ހުވަފެނެއް
އަމިއްލައަށް އާމުދަނީ ހޯދާ، އަމިއްލަ ވިޔަފާރިއެއް ފެށުމަކީ ޝަހުލާއާއި ޝަމްލާގެ ވެސް ހުވަފެނެކެވެ.
އެހެންކަމުން ކުރަން ބޭނުންވާ ކަމަކަށް ގަދައަޅާ މަސައްކަތް ކުރުމަކީ ކާމިޔާބަށް ވާސިލްވުމަށް އެންމެ ފަސޭހަގޮތް ކަމަށް އެ ދެމީހުން ބުނެއެވެ.
"ދެން ކުދިން ގެންގުޅެމުން ދެމީޙުން ވަޒީފާގަ އުޅެމުން ވެސް ވަކި ޝެޑިއުލް އެއްގަ މަސައްކަތް ކުރީމަ އަސްލު ދަރިންނަށް ވެސް ވަގުތު އޮވޭ،" ޝަމްލާ ބުންޏެވެ.
އެހެންކަމުން ނުކުރެވިދާނެ ކަމަށް ހިތައް އެރުވުމުގެ ބަދަލުގައި އަބަދު ވެސް ހުވަފެނެއް ހަގީގަތަށް ހެދުމަށް މަސައްކަތް ކުރުމަކީ ދެމީހުންގެ ވެސް ނަސޭހަތެވެ.