ގައުމީ އަންހެން ވޮލީ ޓީމަށް ތައިލެންޑް ކޯޗެއް

ރާއްޖޭގައި ބޭއްވުނު ފޯ ނޭޝަންސް ވޮލީބޯޅަ މުބާރާތުގެ ތެރެއިން - ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗަކަށް ތައިލެންޑް ކޯޗެއް ހަމަޖައްސައިފިއެވެ.

އަންހެން ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ތައިލަންޑް ކޯޗެއް މިހާރު ބައިވެރިވަމުން އަންނައިރު، ކުރިން މި މަގާމުގައި ހުރީ ތަޖުރިބާކާރު ކޯޗު އިބްރާހީމް ނިޒާރު (ބޮޑޭ)އެވެ. އެކަމަކު "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުން ނިޒާރު ވަނީ މަގާމުން ވަކިކޮށްފައެވެ.

މި ކަމާ ގުޅިގެން ނިޒާރާ ގުޅުމުން އޭނާ ވަނީ ގައުމީ ކޯޗުކަމުން އޭނާ ވަކި ކުރިކަމެއް ނުވަތަ ނުކުރާ ކަމެއް ވެސް ނޭނގޭ ކަމަށް ބުނެފައެވެ.

ގައުމީ ޓީމުގެ ކޯޗަކަށް ތައިލެންޑް ކޯޗެއް ހަމަޖެއްސިކަން މިހާތަނަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ހާމަކޮށްފައެއް ނުވެއެވެ.

ގައުމީ އަންހެން ވޮލީ ޓީމުން ފަރިތަކުރުންތައް މެދު ކެނޑުމެއް ނެތި ކުރިއަށް ގެންދާއިރު، އަންހެން ވޮލީ ޓީމުން މިހާރު ތައްޔާރުވަމުން އަންނަނީ މެއި މަހު ނޭޕާލްގައި ބާއްވާ ސެންޓްރަލް ޒޯން ވޮލީ މުބާރާތަށެވެ.

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ފައިނަލުގައި 2019ވަނަ އަހަރު ރާއްޖެއިން ކުޅުނުއިރު، އޭގެ ފަހުން 2021ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި މުބާރާތުގައި ރާއްޖޭގެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ދަށް ކުޅުމެކެވެ. އެކަމަކު ބަންގްލަދޭޝް މުބާރާތައް ދިޔަ އަންހެން ވޮލީ ޓީމަކީ ޒުވާން ކުޅުންތެރިންގެ މައްޗަށް އެކުލަވާލި ޓީމެކެވެ.

comment ކޮމެންޓް