ރަމަޟާން ކްރިކެޓް ކާނިވަލްގެ ސަރުކާރު އޮފީސްތަކުގެ މެދުގައި ކުރިއަށްދާ މުބާރާތުގައި މިއަދު ކުޅުނު މެޗުތައް ޔޫތު މިނިސްޓްރީ އާއި ރައީސް އޮފީހަށް ނިސްބަތްވާ މުލިއާގެ ޓީމުން ކާމިޔާބުކޮށްފިއެވެ.
މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ އިމިގްރޭޝަނާއި ޔޫތު މިނިސްޓްރީގެ ޓީމެވެ. މި މެޗު ޔޫތު މިނިސްޓްރީ ކާމިޔާބުކުރީ ހަތަރު ވިކެޓުންނެވެ.
ޓޮސް ދިމާވުމުން އިމިގްރޭޝަނުން ގަސްތުކުރީ ކުޅުމަށެވެ. އިމިގްރޭޝަން ޓީމް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު، ހަތް ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 76 ލަނޑެވެ. އިމިގްރޭޝަނަށް އެންމެ ގިނަ ލަނޑު ހަދައިދީފައިވަނީ 11 ލަނޑު ހެދި ސާއިސް މުހައްމަދެވެ.

މިއަދު ކުރިއަށް ދިޔަ ރަމަޟާން ކުރިކެޓް ކާނިވަލް އޮފީސް މުބާރާތުގެ މެޗްތަކުގެ ތެރެއިން--- ފޮޓޯ/ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ޖަވާބުގައި ޔޫތު މިނިސްޓްރީން ކުޅެން އަރައި ހަވަނަ އޯވަރުގައި ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 77 ލަނޑު ހަދައިފައެވެ. ޔޫތު މިނިސްޓްރީއަށް އެންމެ ގިނަ ލަނޑު ހަދައިދީފައިވަނީ 33 ލަނޑު ހެދި ސައިފުލް އާއި 13 ލަނޑު ހެދި އަހުމަދު މަހްލޫފެވެ.
މިއަދުގެ ދެވަނަ މެޗްގައި މުލިއާގެ ޓީމާއި މަރުކަޒީ ބޭންކްގެ ޓީމު ބައްދަލުކުރިމެޗް މުލިއާގެ ޓީމުން ކާމިޔާބުކުރީ ހަތް ވިކެޓުންނެވެ.
ޓޮސް ދިމާވުމުން މުލިއާގެ ޓީމުން ގަސްތުކުރީ ހޮވުމަށެވެ. މަރުކަޒީ ބޭންކުގެ ޓީމުން އަށް އޯވަރުގެ ތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 106 ލަނޑެވެ. މަރުކަޒީ ބޭންކުގެ ޓީމަސް އެންމެ ގިނަ ލަނޑު ހަދައިދިނީ 29 ލަނޑު ހެދި އަބްދުއްރަޝީދާ، 24 ލަނޑު ހެދި އަހުމަދު ސިހަދުއެވެ.

މިއަދު ކުރިއަށްދިޔަ ރަމަޟާން ކުރިކެޓް ކާނިވަލް އޮފީސް މުބާރާތުގެ މެޗްތަކުގެ ތެރެއިން--- ފޮޓޯ/ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ޖަވާބުގައި ރައީސް އޮފީހަށް ނިސްބަތްވާ މުލިއާގެ ޓީމުން ކުޅެން އަރައި ހަވަނަ އޯވަރުގެ ތެރޭގައި އެންމެ ކުޅުންތެރިއެއް ނުބައިވެގެން ވަނީ 106 ލަނޑު ހަދާފައެވެ.
މި އިނިންގްސްގައި މުލިއާގެ ޓީމަށް އެންމެ ގިނަ ލަނޑު ހަދައިދިނީ 36 ލަނޑު ހެދި ސަހީރެވެ. މިއަދުގެ މެޗްގައި މުލިއާގެ ޓީމަށް ދެން އެންމެ ގިނަ ލަނޑު ހައްދަވައިދެއްވީ ނައިބްރައީސް ފައިސަލް ނަސީމެވެ. އެއީ 29 ލަނޑެވެ.
މިއަދުގެ މެޗުތައް ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވެސް ވަނީ ދަނޑަށް ވަޑައިގަންނަވައިފައެވެ.

ރައީސް ސާލިހް މިއަދު ކުރިއަށްދިޔަ ރަމަޟާން ކުރިކެޓް ކާނިވަލް މެޗްތަކުގެ ކުޅުން ބައްލަވައިލައްވަނީ--- ފޮޓޯ/ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
މި މުބާރާތުގެ ސަރުކާރު އޮފީސްތަކުގެ ބައިގެ ކުޅުން މާދަމާ ހަވީރު 16:00 ގައި ކުޅިވަރު އެކުވެނި ކުރިކެޓް ދަނޑުގައި ކުރިއަށްދާނެއެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ދައުލަތުގެ ޓެކްސް އިދާރާ، މީރާ އާއި ކަސްޓަމްސްއެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ ޔޫތް މިނިސްޓްރީގެ ޓީމާއި ޕޮލިސްގެ ޓީމެވެ.