ހިފާފައިވާ ގުދުސް (5 އެޕްރީލް 2023): މުސްލިމުންގެ މުގައްދަސް ތިންވަނަ މިސްކިތް ކަމަށްވާ މަސްޖިދުލްއަގްސާގައި ރޭއަޅުކަން ކުރުމަށާއި އިއުތިކާފަށް ތިބި ފަލަސްތީނުގެ އެތައް ބަޔަކަށް، އިސްރާއީލު ސިފައިން ހުރަސްއަޅައި އޭގެތެރެއިން އެތައް ބަޔަކު ހައްޔަރުކޮށް އަނެއް ބަޔަކު ގަދަބާރުން މިސްކިތުން ނެރެފިއެވެ.
ފަލަސްތީނުގެ އަސީރުންނާބެހޭ އިދާރާ ބުނާގޮތުން އިސްރާއީލު ސިފައިންވަނީ ރޭ ހާރުދަމުގެ ވަގުތުގައި މަސްޖިދުލްއަގްސާއަށް ލަޓިބުރިއާއި ހަތިޔާރާއެކު ވަދެގަނެ އެ މިސްކިތުން 500 އަށް ވުރެގިނަ ފަލަސްތީނު މީހުން ހައްޔަރުކޮށް ހާހަކަށްވުރެ ގިނަ މީހުން މިސްކިތުން ބޭރަށް ނެރެފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައާއި މިސްކިތުން ނެރުނު މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންވެސް ހިމެނެއެވެ.
ރޭއަޅުކަންކުރަން ތިބިމީހުންނާއި އިއުތިކާފަށް ތިބިމީހުން ހައްޔަރުކުރިއިރުގައާއި މިސްކިތުން ބޭރަށް ނެރުނުއިރު އިސްރާއީލު ސިފައިން އެމީހުންގެ ގައިގާ މުގުރުބުރިން ތަޅައި އަނިޔާކޮށް ކޮޅުފައިންވެސް ޖެހިކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.
ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނިގޮތުގައި އިސްރާއީލު ސިފައިން އަގްސާ މިސްކިތުގައި ރޭ އަޅުކަންކުރަން ތިބި މީހުންނާ ދެކޮޅަށް ހިންގި ޖަރީމާތަކުގެ ސަބަބުން ޒަޚަމްވި މީހުންނަށް ފަރުވާދިނުމަށް އެޖަމްއިއްޔާގެ ފަސްޓް އެއިޑް ވޯކަރުން އަގްސާ މިސްކިތަށް ދިޔުމުން އިސްރާއީލު ސިފައިން ވަނީ ފަސްޓް އެއިޑް ވޯކަރުންނަށްވެސް ހަމަލާދީ ފަސްޓްއެއިޑް ވެހިކަލްތަކަށް ގެއްލުންދީ އެވެހިކަލްތަކުގެ ކުޑަދޮރުތަކުގެ ބިއްލޫރިތައްވެސް ތަޅާލާފައެވެ.

އިޒްރޭލު ފުލުހުން އަގްސާ މިސްކިތަށް ވަދެ ގެއްލުން ދީފައި -- ފޮޓޯ/ އޭޕީ
އިސްރާއީލުން މިޖަރީމާތައް ހިންގާފައި މިވަނީ ޔަހޫދީންގެ އެންމެ ބޮޑު އެއްއީދުކަމަށްވާ ޕެސޯވާ އީދު (އީދުލްފުސްހް)ގެ ހަރަކާތްތައް އަގްސާ މިސްކިތުގައި ހިންގުމަށް ހަރުކަށި ޔަހޫދީ ޖަމާއަތްތައް ގޮވާލާފައި ވަނިކޮށެވެ. ޕެސޯވާ އީދު ގެ ހަރަކާތްތައް އޮންނަނީ މިއަދުން ފެށިގެން މި އެޕްރީލްމަހުގެ 12 ވަނަ ދުވަހާ ހަމައަށެވެ.
ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ހަރުކަށި ޔަހޫދީން ދައުވާކުރާގޮތުގައި މުސްލިމުންގެ ތިންވަނަ ހަރަމްފުޅު ކަމަށްވާ މާތްވެގެންވާ މަސްޖިދުލްއަގްސާ ބިނާކޮށްފައިވަނީ ޔަހޫދީންގެ ފައްޅިއެއްކަމަށްވާ ޓެމްޕަލް މައުންޓް ނުވަތަ ޖަބަލުލްހައިކަލު ހުރިތަނުގައެވެ.
ނަމަވެސް މިއީ އަސާސެއްނެތް ދައުވާއެއްކަން އެނގެނީ މަސްޖިދުލްއަގްސާ އަކީ ޔަހޫދީން ވުޖޫދުވުމުގެ މާކުރިން ބިނާކޮށްފައިވާ ވަރަށް ޒަމާންވީ މިސްކިތަކަށްވެފައި އަދި އެބުނާ ފައްޅިއެއް ހުރިތޯބެލުމަށް އިސްރާއީލުގެ އާސާރާބެހޭ ފަރާތްތަކުން ކުރި އެއްވެސް ދިރާސާއަކުން އެތަނުގައި ޔަހޫދީންގެ ފައްޅިއެއް ހުރިކަމުގެ ހެއްކެތް ފެންނަން ނެތުމުންނެވެ.
ޔަހޫދީންގެ ހައްދު ފަހަނައަޅާފައިވާ ހަރުކަށި ގްރޫޕްތަކުން ގެންދަނީ ޕެސޯވާ އީދު ތެރޭގައި އަގްސާ މިސްކިތުގެ ތެރޭގައި ގުރުބާން ކުރުމަށް ކަންބަޅިބަކަރިތައް ކަތިލުމުގެ ބޮޑު ހަރަކާތެއް ހިންގުމަށް ގޮވާލައި އެކަމަށް މަސައްކަތް ކުރަމުންނެވެ. އިސްރާއީލު ސިފައިން ގެންދަނީ މިކަމުގައި ހަރުކަށި ޔަހޫދީންނަށް ވާގިވެރިވަމުންނެވެ. އަގްސާ މިސްކިތުގެ ތެރޭގައި ކަންބަޅިއެއް ކަތިލާ ކޮންމެ ޔަހޫދީއަކަށް ފަސް ހާސް ޑޮލަރުގެ އިނާމެއްވެސް ހަރުކަށި ޔަހޫދީ ޖަމާއަތްތަކުންވަނީ ހުށަހަޅާފައެވެ.