ރަމަޟާން ކްރިކެޓް ކާނިވަލް: މިއަދު ކުޅުނު މެޗްތައް މީރާ އާއި ސިފައިންގެ ކްލަބް ކާމިޔާބުކޮށްފި

ކްރިކެޓް ކާނިވަލްގެ އޮފީސް މުބާރާތުގައި މިއަދު ކުޅުނު މެޗްތަކުގެ ތެރެއިން--- ފޮޓޯ/ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ރަމަޟާން ކްރިކެޓް ކާނިވަލްގެ ސަރުކާރު އޮފީސްތަކުގެ މެދުގައި ކުރިއަށްދާ މުބާރާތުގައި މިއަދު ކުޅުނު މެޗުތައް ދިވެހި ސިފައިންގެ ކްލަބާއި، ދައުލަތުގެ ޓެކްސް އިދާރާގެ ޓީމުން ކާމިޔާބުކޮށްފިއެވެ.

މިއަދުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ދިވެހި ސިފައިންގެ ކްލަބާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ޓީމެވެ. މިމެޗް ދިވެހި ސިފައިންގެ ކްލަބް ކާމިޔާބުކުރީ އަށް ވިކެޓުންނެވެ. ޓޮސް ދިމާވުމުން މަރުކަޒީ ބޭންކްގެ ޓީމުން ގަސްތުކުރީ ކުޅުމަށެވެ.

އެ ޓީމް ކުޅެން އަރައި ހަ ކުޅުންތެރިން ނުބައިވެގެން އަށް އޯވަރުގެ ތެރޭގައި ހެދުނީ 92 ލަނޑެވެ. މަރުކަޒީ ބޭންކްގެ ޓީމަށް އެންމެ ގިނަ ލަނޑު ހަދައިދިނީ 23 ލަނޑު ހެދި ޢަބްދުލް ރަޝީދު ޢަބްދުﷲ އާއި 17 ލަނޑު ހެދި އިބްރާހިމް ސައިފެވެ.

ޖަވާބުގައި ދިވެހި ސިފައިންގެ ކްލަބުން ކުޅެން އަރައި ހަތަރު އޯވަރުގެ ތެރޭގައި އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ ވަނީ 93 ލަނޑު ހަދާފައެވެ. ސިފައިންގެ ކްލަބަށް އެންމެ ގިނަ ލަނޑު ހަދައިދިނީ 34 ލަނޑު ހެދި އިސްމާއީލް ނާސިދާއި 22 ލަނޑު ހެދި މުހަންމަދު ސަރީފެވެ.

ކްރިކެޓް ކާނިވަލްގެ އޮފީސް މުބާރާތުގައި މިއަދު ކުޅުނު މެޗްތަކުގެ ތެރެއިން--- ފޮޓޯ/ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މިއަދު ކުޅުނު ދެވަނަ މެޗް ދިވެހި ހާރިޖިއްޔާގެ ޓީމާއި ބައްދަލުކޮށް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ކާމިޔާބުކުރީ 78 ލަނޑުންނެވެ. ޓޮސް ދިމާވުމުން މީރާއިން ކުޅެން އަރައި އަށް އޯވަރުގެ ތެރޭ ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 157 ލަނޑު ހަދާފައެވެ. މީރާއަށް އެންމެ ގިނަ ލަނޑު ހަދައިދިނީ، 36 ލަނޑު ހެދި ޔެސީން އަލީ އާއި 33 ލަނޑުހެދި ކަމަރުލް އެވެ.

ޖަވާބުގައި ހާރިޖިއްޔާގެ ޓީމް ކުޅެން އަރައި އަށް އޯވަރު ހަމަވެ، ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 79 ލަނޑެވެ. ހާރިޖިއްޔާގެ ޓީމަށް އެންމެ ގިނަ ލަނޑު ހަދައިދިނީ 19 ލަނޑު ހެދި އަހުމަދު ލަތީފެވެ.

ކްރިކެޓް ކާނިވަލްގެ އޮފީސް މުބާރާތުގައި މިއަދު ކުޅުނު މެޗްތަކުގެ ތެރެއިން ސަޕޯޓަރުްނގެ ބެންޗް--- ފޮޓޯ/ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މި މުބާރާތުގެ ސަރުކާރު އޮފީސްތަކުގެ ބައިގެ ކުޅުން މާދަމާ ހަވީރު 16:00 ގައި ކުޅިވަރު އެކުވެނި ކުރިކެޓް ދަނޑުގައި ކުރިއަށްދާނެއެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ޔޫތް މިނިސްޓްރީ އާއި އިމިގްރޭޝަނެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ މަރުކަޒީ ބޭންކާއި، ރައީސް އޮފީހަށް ނިސްބަތްވާ މުލިއާގެ ޓީމެވެ.

comment ކޮމެންޓް