ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ނިންމައި، މާލޭގެ އާސަހަރާ މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
އާސަހަރާ މުޅިން މަރާމާތުކުރުމުގެ މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނެވިއިރު އެ މަނިކުފާނު ފެއްޓެވި މަޝްރޫއެކެވެ. އެ މަސައްކަތް ނިންމައި، މިއަދު ހުޅުވައިދެއްވީ ވެސް އެ މަނިކުފާނެވެ.
މާލޭގެ އާސަހަރާ ތަރައްގީކުރަން ބަންދުކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
އެހެންވެ، މިދިޔަ ދުވަސްތަކުގައި މާލެ ސަރަހައްދުގައި މަރުވާ މީހުން ވަޅުލަމުން އައީ ހުޅުމާލޭގެ ސަހަރާގައެވެ. އެއަށް ފަހު، އާސަހަރާ މިސްކިތުގެ ފުރަތަމަ ފަންގިފިލާގެ މަސައްކަތް ނިންމައި، މި މަހުގެ ހަވަނަ ދުވަހު ވަނީ ހުޅުވާފައެވެ.
ފުރަތަމަ ފަންގިފިލާ ހުޅުވި ނަމަވެސް، ސަހަރާ އެއްކޮށް ނުނިމޭތީ، އެ ތަނުގައި ކަށުނަމާދުގެ ކަންކަމެއް ނުކުރެއެވެ. ނަމަވެސް، މިއަދު ސަހަރާ އެއްކޮށް ހުޅުވާލުމުން މާލޭގައި މަރުވާ މީހުންގެ ޖަނާޒާތައް މީގެ ފަހުން ބާއްވާނީ މާލޭގެ އާސަހަރާ މިސްކިތުގައެވެ.
މާލެ ސިޓީ ކައުންސިލުން މީގެ ކުރިން ބުނެފައިވަނީ އާސަހަރާގެ މަރާމާތުގެ މަސައްކަތުގެ ދަށުން އާސަހަރާ 3200 އަކަފޫޓަށް ބޮޑުކުރެވި މި މަޝްރޫއަށް 11.6 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށެވެ.
ސަހަރާއަށް ބޮޑު ހޭދައެއް ކުރަން ޖެހުނުކަން ފާހަގަކުރައްވައި، މީގެ ކުރިން މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، އާސަހަރާގެ މަސައްކަތްކުރަން ފުރަތަމަ ހަވާލުކުރި ކުންފުންޏަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވި ކަމަށެވެ.
ދެވަނައަށް ހަވާލުކުރި ކުންފުންޏަށް ވެސް ހަމަ އެ މަސައްކަތްކުރަން ފަސް މިލިއަން ރުފިޔާ ހޭދަވި ކަމަށާއި ފިނިޝިން މަސައްކަތްކުރަން ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 2.7 މިލިއަން ރުފިޔާއަށް ކަމަށެވެ.
ޒަމާނީ ފެންވަރަށް އާސަހަރާ ތަރައްގީކޮށް މިއަދު ހުޅުވާފައިވާއިރު ފުރަތަމަ ފްލޯގައި އަންހެނުންނަށް ޚާއްސަ ނަމާދުކުރާ ޖާގައެއް ހުރެއެވެ. އަދި، ސަހަރާއަށް އެމްބިއުލާންސް ވަނުން ސަހަރާގެ ފަހަތު ގޭޓަށް ވަނީ ބަދަލުކޮށްފައެވެ.
އޭގެ އިތުރުން، ދޮޅިދާންގޭގެ މައްޗަށް 35 މީހުންގެ ޖާގައިގެ ވީއަޕީ ފެންވަރުގެ ތިން ލައުންޖެއް ތަރައްގީކޮށްފައިވާއިރު ކޮންމެ ލައުންޖެއްގައި ދެ ފާޚާނާއާއި ގާތުންދޭ މައިންނަށް ޚާއްސަ ޖާގަ ހުރުމުގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންކުރެވޭ ފަދަ ފާޚާނާއެއް އެ ތަނުގައި މިހާރު ވަނީ ތަރައްގީކޮށްފައެވެ.