ރޯދަ މަހު ޕަޗަސް ކުޅެން އުޅުނީ ކޮން ބައެއް؟

މާލޭގައި ބޭއްވި ދުވުމުގެ ތެރެއިން--- ސަންފޮޓޯ/ ފަޔާޒު މޫސާ

ރޯދަ މަހާ ދިމާކޮށް ދިވެހީންގެ ތެރޭގައި ތަފާތު އާދަތަކެއް އާންމުވާން ފަށާނެއެވެ. މީގެ ތެރޭގައި އެތައް ޒަމާނެއް ވަންދެއް ދިވެހިން ކޮށް އުޅޭ ކަންތައްތައް ހިމެނެއެވެ. ދީނީ އަޅުކަމުގެ އިތުރުން އެހެން ތަފާތު އާދަތައް ވެސް ރޯދަ މަހާ ގުޅިފައިވެއެވެ. މިއިން އެއް ކަމަކީ ރޯދަ މަހުގެ ރޭގަނޑު ކުޅިވަރަށް ވަގުތު ހޭދަ ކުރުމެވެ.

ރޯދަ މަހުގެ ރޭގަނޑުގެ ވަގުތުގައި ކުޅިވަރުތައް ކުޅުމަކީ ޒަމާނުއް ސުރެ އޮންނަ އާދައެކެވެ. އެހެން މަސްތަކުގައި އާންމުކޮށް ނުކުޅޭ ކުޅިވަރުތައް ރޯދަ މަހުގައި މަގުބޫލުކަން ހޯދައެވެ. މި އާދައަކީ އަތޮޅުތެރޭގައި އާންމު ކަމަކަށް ވިޔަސް މިހާރު މަޑު މަޑުން ނެތެމުން އަންނަ އާދައެކެވެ.

"ކުރީގައި ރޯދަ މަސް އަންނަ އިރަށް ރަށުގައި އުޅޭ ޒުވާން ހުރިހާ އެންމެން ހެން ރޭގަނޑު ނިކުންނާނެ ކުޅެން. އެއްބައި ފަހަރަށް އަވަށް އަވަށަށް ބަހާލައިގެން ކުޅޭނީ ވެސް،" ދެހާހުގެ ކުރީކޮޅުގައި އަތޮޅު ތެރޭގެ ރަށެއްގައި ދިރިއުޅުނު، މިހާރު އުމުރުން 35 އަހަރުގެ އަބްދުﷲ އިބާދު ބުންޏެވެ.

އިބާދު ފާހަގަކުރި ގޮތުގައި ރޯދަ މަހުގައި އޭނާ އާއި އެ ރަށުގެ ޒުވާނުންގެ ތެރޭގައި އެންމެ މަގުބޫލު ކުޅިވަރަކީ "ޕަޗަސް" އެވެ. މިއީ ދިވެހީންގެ ތެރޭގައި ޒަމާނުއް ފެށިގެން ވެސް ކުޅެމުން އައި ކުޅިވަރެކެވެ. އޭނާ ބުނިގޮތުގައި ރޯދަ މަހަކު ކޮންމެ އަހަރެއްގައި ވެސް ކުދި ބޮޑު ޒުވާނުން އެއްވެ މި ކުޅިވަރު ކުޅެއެވެ.

އޭނާ ފާހަގަކުރާ ގޮތުގައި އާންމުކޮށް ރޯދަ މަހު ޕަޗަސް ކުޅެން ފަށަނީ ތަރާވީހަށް ފަހުގައެވެ. ކުޅިވަރު ކުޅެން ބޭނުންވާ މީހުން ރަށުގެ އެއް ތަނަކަށް އެއްވެ ބައި ބަހައި ކުޅިވަރު ފަށައެވެ. އެއަށްފަހު ހާރު ކާން ވަންދެއް ވެސް އެއްބައި ރޭރޭ ޕަޗަސް ކުޅެން ތިބެއެވެ.

އިބާދުގެ އިތުރުން އެހެން ޒުވާނުން ވެސް ރަށުގައި ކުޑައިރުގެ ހަނދާންތަކުގެ ތެރޭގައި ރޯދަ މަހު ކުޅިވަރު ކުޅެން އުޅުނު ހަނދާން ވެއެވެ. ނަމަވެސް މާލެ ބަދަލުވި ފަހުން އެފަދަ ވާހަކަތައް ރަށުގެ ތެރޭގައި ދައްކާ މިންވަރު ވެސް މަދުވެފައިވާ ކަމަށް ބައެއް ޒުވާނުން ބުނެއެވެ.

މިއީ އެއްއިރެއްގައި ވަރަށް މަގުބޫލު ކުޅިވަރަކަށް ވި ނަމަވެސް މިއީ މިހާރު މަޑުމަޑުން ނެތެމުންދާ އާދައެކެވެ. މިހާރު ރަށްރަށުގައި ވެސް މި ކުޅިވަރު ކުޅޭ މިންވަރު ވަނީ ގާތްގަނޑަކަށް ނެތިގެން ގޮސްފައެވެ.

"އާންމުކޮށް ރޯދަ މަހަށް ބަލަން ރަށަށް ދެވޭތޯ. އެކަމު ވަރަށް ހަމަ ނީވޭ ރަށަށް ދިޔަސް މިހާރު ޕަޗަސް ކުޅެން އުޅޭ ވާހަކައެއް. އެންމެން ވެސް ތިބެނީ ގޭގައި ހެން ހީވަނީ،" ހދ. ގެ ރަށަކަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ ރާއިމް ރަފީގު ބުންޏެވެ.

ރާއިމް ބުނިގޮތުގައި އޭނާ ކުޑައިރު ރަށުގައި އުޅުނު އިރު ކޮންމެ އަހަރަކުވެސް ޕަޗަސް ކުޅެން އުޅެއެވެ. ނަމަވެސް މިހާރު މި އާދައެއް ނުފެނެއެވެ. ރަށަށް ގޮސް ތިމާގެ މީހުންގެ ގެތަކަށް ދާއިރު ފެންނަނީ އެގޭގައި އުޅޭ ކުޑަކުދިން ވެސް ޓީވީ ކައިރީގައި ނުވަތަ ކޮމްޕިއުޓަރެއް ކައިރީގައި އިންނަ ތަން ކަމަށް އޭނާ ފަހަގަކުރިއެވެ.

ކޮންމެއަކަސް ޕަޗަސްގެ އާދަ މިހާރު ގާތްގަނޑަކަށް ނެތިފައިވާއިރު އެއް އިރެއްގައި އެ ކުޅެން އުޅުނު ބަޔަކު ތިބޭނެއެވެ. އަދި ޕަޗަސްގެ އިތުރުން އިތުރަށް ކުޅެ އުޅުނު ކުޅިވަރުވެސް ހުންނާނެއެވެ. އޭގެތެރެއިން ތިޔަ ރަށުގައި އެންމެ ގިނައިން ކުޅެ އުޅުނީ ކޮން ކުޅިވަރުތަކެއް ހެއްޔެވެ؟

comment ކޮމެންޓް