ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ރޯދައަށް ގެނައި ކާށި ޝިޕްމެންޓް މާދަމާ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިއްކަން ފަށާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.
ރަމަޟާން މަހަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމަށް ކުރީ އަހަރުތަކެކޭ އެއްފަދައިން މިފަހަރު ވެސް ތައްޔާރުވެއިފަވާކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
އެސްޓީއޯއިން ވަނީ މީގެ ކުރިން ލިބިފައިވާ ތަޖުރިބާތަކުގެ އަލީގައި، މިއަހަރު ޚާއްސަ ސަމާލުކަމެއް ދީގެން އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށް ރޭވިފައިވާކަމަށް ބުނެފައެވެ.
ބާޒާރުގައި އަގުތަކަށް އަންނަ ބަދަލުތައް ގަވާއިދުން ބަލަމުން ގެންގޮސް، އަގު މައްޗަށްދާ ތަކެތި ފާހަގަކޮށް، އެކަމަށް އަވަސް ހައްލެއް ގެނެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މިވަގުތު ބާޒާރުގައި ކާށީގެ އަގު އުޅެނީ 10 ރުފިޔާއާއި 25 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.
އެސްޓީއޯއިން އެތެރެކުރި ފުރަތަމަ ބެޗުގެ ކާށި މިހާރު ވަނީ އިންޑިއާއިން ރާއްޖެއަށް ގެނެވިފައެވެ. މި ކާށި މާދަމާއިން ފެށީގެން އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ވިއްކަން ފެށޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެސްޓީއޯއިން މި ފަހަރު ކާށި ވިއްކުމަށް ކަނޑައަޅާފައިވާ އަގަކީ ފަސް ރުފިޔާ ކަަމަށާއި މީގެއިތުރުން އެސްޓީއޯއިން ގެނައި ލުނބޯ ވެސް މާދަމާއިން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައިން ގަންނަން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީ އަކަށް ބަހާލެވިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ:
- އަސާސީ ކާބޯތަކެތި/ ފިޔާ، ބިސް އަލުވި، ކާށި، ކަދުރު
- ތާޒާ ތަރުކާރީ އަދި މޭވާ/ ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބޫ، ޕެޝަންފުރުޓް، ކިއުކަންބާ
- ޕްރޮސެސްޑް ކާނާ/ ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރު، ބޭކެޓް ބީންސް، ގެރިކިރު ދަޅު
- ކެއްކުމަށް ބޭނުންކުރާތަކެތި/ ސަންފްލާވާ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ