ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމު ކޮށްގެން މިހާރު ކުރިއަށް ދާ، ރަމަޟާން ކުރިކެޓް ކާނިވަލްގެ އޯޕަން މުބާރާތުގެ ބައިގެ ޗެމްޕިއަންކަން އޭއާރުސީ ހޯދައިފިއެވެ.
ރަމަޟާން ކްރިކެޓް ކާނިވަލް މުބާރާތުގެ އޯޕަން ބައިގެ ޗެމްޕިއަންކަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ނިސްބަތްވާ އޭއާރުސީ ހޯދާފައިވަނީ، ފައިނަލުގައި އެމްއޭސީއެލް އާ ދެކޮޅަށް ކުޅުނު މެޗު ހަ ލަނޑުން ކާމިޔާބު ކޮށްގެންނެވެ.
ޓޮސް ދިމާވުމުން އޭއާރުސީ ގަސްތުކުރީ ކުޅުމަށެވެ. އޭއާރުސީ ކުޅެން އަރައި އަށް އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ، 131 ލަނޑެވެ. މި އިނިންގްސްގައި އޭއާރުސީއަށް އެންމެ ގިނަ ލަނޑު ހަދައިދިނީ، 35 ލަނޑު ހެދި ލީމް ޝަފީގާ، 33 ލަނޑު ހެދި އިބްރާހިމް ހުސައިނެވެ.
ޖަވާބުގައި އެމްއޭސީއެލް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު، ދެ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 125 ލަނޑެވެ. އެމްއޭސީއެލަށް އެންމެ ގިނަ ލަނޑު ހަދައިދިނީ 36 ލަނޑު ހެދި އަމީލް މައުރޫފާ، 34 ލަނޑު ހެދި ސާފީ ސައީދެވެ.
ފައިނަލް މެޗް ނިމުމާ އެކު މުބާރާތުގެ ވަނަވަނައަށް އައި ޓީމްތަކަށާއި، ކުޅުންތެރިންނަށް އިނާމު ދެއްވީ، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ފައިސަލާ، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާގެ އިތުރުން ނެސްލޭ ލަންކާގެ ޑިވެލޮޕްމަންޓް މެނޭޖަރު ޗަމިންދާއެވެ.
- ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިޔާ - މުހަންމަދު ސާފީ ސައީދު - އެމްއޭސީއެލް
- މުބާރާތުގެ އެންމެ ގިނަ ވިކެޓް ނެގި އުކުންތެރިޔާ - މުހަންމަދު މަފާޒް - އޭއާރުސީ
- މުބާރާތުގެ އެންމެ ގިނަ ލަނޑުހެދި ކުޅުންތެރިޔާ - އަހުމަދު އަމީލް މައުރޫފް - އެމްއޭސީއެލް
- މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ - އިބްރާހިމް އަލީ - މީޓިއޯސް
ރަމަޟާން ކްރިކެޓް ކާނިވަލްގައި މާދަމާ ކުޅުމަށް ހަމަޖެހިފައިވަނީ، އޮފީސްތަކަށް ހުޅުވާލައިގެން ކުޅެވޭ މެޗުތަކެވެ. މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ، މަރުކަޒީ ބޭންކުގެ ޓީމާއި ދިވެހި ސިފައިންގެ ޓީމެވެ.
ދެވަނަ މެޗްގައި ބައްދަލުކުރާނީ ދައުލަތުގެ ޓެކްސް އިދާރާގެ ޓީމާއި ދިވެހި ހާރިޖިއްޔާގެ ޓީމެވެ. މާދަމާގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ އެކުވެނި ކުރިކެޓް ދަނޑުގައި 16:00 ގައެވެ.