މި އަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓުފޮށި ބަހައްޓަން މިހާތަނަށް 50 ރިސޯޓަކުން އެއްބަސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބާ ގުޅޭ ފަހުގެ މައުލޫމާތު "ސަން"އަށް ދެއްވަމުން ފުއާދު ވިދާޅުވީ ރިސޯޓުތަކުގައި ވޯޓް ފޮށި ބަހައްޓާނީ 50އަށް ވުރެ ގިނަ މީހުން ވޯޓު ލާން ރަޖިސްޓްރީ ކުރާނަމަ ކަމަށެވެ. އަދި، ވިދާޅުވީ މިހާރު ވެސް ރިސޯޓުތަކުގެ މެނޭޖްމަންޓާއި އޯނަރުންނާ ވާހަކަދައްކަމުންދާ ކަމަށާއި އެހެންވެ، ކުރިއަށް ދުވަސްތަކުގައި އެ އަދަދު އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.
"މިހާރު ރިސޯޓްތަކާ ގުޅައިގެން އެ މީހުންނާ ވާހަކަދައްކަމުން މި ދަނީ. މިހާތަނަށް 50 ރިސޯޓުން. އެއަށް ވުރެ ވެސް ގިނަ ރިސޯޓުން ވަނީ ވޮޓް ފޮށި ބަހައްޓާނެ ކަމުގެ ކޮންފާމޭޝަން ދީފައި. އިތުރު ރިސޯޓްތަކުން ޖަވާބު ލިބޭނެކަމަށް މި ބަލަނީ،" ފުއާދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މާލޭ ސަރަހައްދާއި އަތޮޅުތެރޭގައި ވޯޓް ފޮށިތައް ބަހައްޓާނެ މަރުކަޒުތައް ކަނޑައެޅުމަށް ސާވޭއެއް ފަށައިގެން ކުރަމުން އަންނަ ކަމަށާއި އެ ސާވޭގައި އެއީ އެ ކަމަށް އެކަށީގެން މަރުކަޒުތަކެއްކަން ޔަގީން ކުރާނެ ކަމަށެވެ.
މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ މައި މަރުކަޒުގެ ގޮތުގައި މިހާރު ވަނީ ދަރުބާރުގެ ހަމަޖައްސައިފައެވެ.
މި މަހުގެ ފަހުކޮޅުގައި ދަރުބާރުގެ އިލެކްޝަން ކޮމިޝަނާ ހަވާލުކުރާނެކަން ފާހަގަ ކުރައްވާ ފުއާދު ވިދާޅުވީ އެތަން ހަވާލުކުރަން ވާއިރަށް ދަރުބާރުގޭގެ ކުރެހުން ކުރަހާ އެ ތަނުގެ ޕްލޭން ވެސް ތައްޔާރުކުރަން ފަށާފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
"މި މަހުގެ ފަހުކޮޅު އަޅުގަނޑުމެންނަށް ދަރުބާރުގެ ހަވާލު ކުރާނެ. އެ ހިސާބުން ފެށިގެން ކޮމްޕިއުޓާ ނެޓްވޯކްތަކާއި ގޮނޑި މޭޒާ އަދި އިދާރީ ގޮތުން ބޭނުންވާ އެކައުންޓެންޓަކާ އެ ހުރިހާ މަސައްކަތްތަކެއްގެ ވެސް ޕްލޭން މިހާރު ދަނީ ކުރެވެމުން،" ފުއާދު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ އިތުރުން އަންނަ ޖޫން މަހުގެ 17 ވާ ހޮނިހިރު ދުވަހުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންތައް 10 ރަށެއްގައި ބާއްވަން ވަނީ އިލެކްޝަނުން އިއުލާންކޮށްފައެވެ.
ފުއާދު ވިދާޅުވީ އެ އިންތިޚާބާ ބެހޭ ހުރިހާކަމެއް މިހާރު ނިމިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ވޯޓާސް ލިސްޓް އާއްމުކުރެވި، އަަދި އޮފިޝަލުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތައް ވެސް ނިންމައިލެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުގެ ކަންކަން ކުރުމަށް، 8000 އޮފިޝަލުން ނަގަން ވަނީ ހަމަޖެހިފައެވެ. މި އިންތިޚާބުގައި ރާއްޖޭގެ އެކި ސަރަހައްދުތަކާއި ދިވެހިން ދިރިއުޅޭ ބޭރު ގައުމުތައް ހިމެނޭ ގޮތުން ޖުމްލަ 800 ވޯޓު ފޮށި ބަހައްޓޭނެއެވެ.
އެންމެ ފަހުން ބޭއްވި 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި 260،000އަށް ވުރެ ގިނަ މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބުނުއިރު، މި އަހަރުގެ އިންތިޚާބުގައި އެ އަދަދު 280،000 އަށް ވުރެ އިތުރުވާނެއެވެ.