މާލޭގައި ކެމިކަލް ރައްކާ ކުރާ ކަމަށް ތުހުމަތު ކުރުމުން ސިފައިން އެކަން ބަލަނީ

މަނާކޮށްފައި ވަނިކޮށް މާލޭގައި އަމިއްލަ ފަރާތަކުން ހިންގާ ގުދަނެއްގައި ކެމިކަލް ރައްކާ ކޮށްފައިވާ ކަމަށް މީހަކު ތުހުމަތު ކުރުމާ ގުޅިގެން ސިފައިން އެކަން ބަލަން ފަށައިފިއެވެ.

އަޙްމަދު ނައީމް ކިޔާ މީހަކު އިއްޔެ ހަވީރު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ލިލީމަގުގައި ހުރި ގުދަނެއްގައި ކެމިކަލް ރައްކާ ކޮށްފައި އެބަހުރި ކަމަށް އެތަނުގެ މުވައްޒަފުން ވެސް ބުނާ ކަމަށެވެ. އޭނާ ވަނީ އެ ގުދަނުގެ ބޭރާއި އެތެރޭގެ ފޮޓޯތަކެއް ވެސް ޓްވީޓް ކޮށްފައެވެ.

އެ ކަންބޮޑުވުމާ ގުޅިގެން "ސަން"އިން ސިފައިންނާ ސުވާލުކުރުމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފަޔާ އެންޑް ރެސްކިއުއިން އެކަން ބަލަމުން އަންނަ ކަމަށެވެ.

"އިންސްޕެކްޓް ކޮށްފި. މަޑުކޮށްލައިގެން މިތިބީ ރިޕޯޓަށް،" އޮފިޝަލް ވިދާޅުވިއެވެ.

އެއީ ކޮން ގުދަނެއްކަން ސާފު ނުވާތީ އެ ގުދަނުގެ ވެރިފަރާތުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

ދެހާސް ނަވާރަ ވަނަ އަހަރު މާލޭގެ ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި ބޮޑު އަލިފާނުގެ ހާދިސާއެއްގައި މީހަކު މަރުވެ އެތައް ގެއެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ. އެއާއެކު މާލޭގައި ކެމިކަލް ރައްކާ ކުރުން މަނާކޮށް އެކަމަށް ތިލަފުށި ސަރުކާރުން ވަނީ ހަމަޖައްސައިފައެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ ސެޕްޓެމްބަރު 20 ވަނަ ދުވަހު އަލިފާން ރޯވީ ހ. ތިލަފުށީގޭގައި ހުރި ގުދަނެއްގައި ރައްކާކޮށްފައިހުރި ކެމިކަލްތަކެއްގައެވެ. އަލިފާނުގެ ހާދިސާގައި ހަ ގެއަކަށް ގެއްލުންވެ އެކަކު މަރުވެފައިވާއިރު 400 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ.

އޭރު މާލޭގައި ކެމިކަލް ރައްކާކުރާ 126 ގުދަން ހުންނަ ކަމަށާއި އޭގެ ތެރެއިން 82 ގުދަން ހުންނަނީ މީހުން ދިރިއުޅޭ އިމާރާތްތަކުގައި ކަމަށް ޑިފެންސް މިނިސްޓްރީން ހާމަކުރިއެވެ.

comment ކޮމެންޓް