ރޯދަ މަހުން 11 ވަނަ ދުވަހަށް އިރުއެރިއިރު، ބާޒާރު މަތިން ފާހަގަވި އެންމެ ބޮޑު ކަމަކީ ކަނޑޫދޫ މިރުހުގެ އަގެވެ.
ރޯދައިގެ ކުރިން 80 ރުފިޔާ އަދި 90 ރުފިޔާއަށް ހުރި ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު މިހާރު އުޅެނީ 200 ރުފިޔާއަށެވެ. މިއީ ކުރީގެ އަގަށް ވުރެ ދެ ގުނަ އަގު ބޮޑުވުމެކެވެ. މި ދޭތެރެއިން ދެތިން ދުވަހަކު ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު 330 ރުފިޔާއަށް ވެސް އެރިއެވެ.
ބާޒާރުގެ ގިނަ ގޮޅިތަކުން މިހާރު ކަނޑޫދޫ މިރުސް ވިއްކަނީ 100 ގްރާމް 20 ރުފިޔާ އާއި 23 ރުފިޔާގެ ދެމެދުގެ އަގަކަށެވެ. އެއީ ކިލޯއިން ބަލާނަމަ 180 ރުފިޔާ އާއި 200 ރުފިޔާގެ ދެމެދުގެ އަގެކެވެ.
ރޯދައިގެ ކުރިން ކަނޑޫދޫ މިރުސް ވިއްކަމުން އައި ރޭޓުތައް:
- 10 މާރިޗު 2023 ގައި ކިލޯއެއް 80 ރުފިޔާއާއި 90 ރުފިޔާގެ ދެމެދުގެ އަގަކަށް.
- 14 މާރިޗު 2023 ގައި ކިލޯއެއް 100، 120 އަދި 150 ރުފިޔާގެ ދެމެދުގެ އަގަކަށް.
- 21 މާރިޗު 2023 ގައި ކިލޯއެއް 330 ރުފިޔާއަށް.
- 3 އެޕްރީލް 2023 ގައި ކިލޯއެއް 180 އާއި 200 ރުފިޔާގެ ދެމެދުގެ އަގަކަށް.
ކަނޑޫދޫ މިރުސް ވިއްކާ ފަރާތަކުން މީގެ ކުރިން "ސަން" އާ ވާހަކަދައްކަމުން ބުނީ ކަނޑޫދޫ މިރުހުގެ އަގު ރޯދަ މަހުގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެހެން ނަމަވެސް ޢާންމުކޮށް 200 ރުފިޔާއަށް ކިލޯއެއް ވިކޭނެ ކަމަށް އޭނާ ބުންޏެވެ.
ފާހަގަކޮށްލެވޭ އިތުރު އަގުތައް:
- ކުރުނބާ: 25 ރުފިޔާ އާއި 30 ރުފިޔާގެ ދެމެދުގެ އަގަކަށް0
- ކަރާ: 18 ރުފިޔާ އާއި 30 ރުފިޔާގެ ދެމެދުގެ އަގަކަށް
- ކާށި: ވަކިން 15 ރުފިޔާއަށް
- ފިޔާ: 15 ރުފިޔާއަށް ކިލޯއެއް
- ލޮނުމެދު: 45 ރުފިޔާއަށް ކިލޯއެއް
- އިނގުރު: 120 ރުފިޔާއަށް ކިލޯއެއް
- ކެރެޓު: 35 ރުފިޔާއަށް ކިލޯއެއް