ޓެސްލާއިން ހަތަރު ލައްކައަށް ވުރެ ގިނަ އިލެކްޓްރިކް ވެހިކަލް ވިއްކައި، ރެކޯޑެއް ހަދައިފި

ޓެސްލާއިން ވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ހަތަރު ލައްކައަށް ވުރެ ގިނަ އިލެކްޓްރިކް ވެހިކަލް ޑެލިވާކޮށްފަ ---

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކްގެ އިލެކްޓްރިކް ވެހިކަލް (އީވީ) އުފައްދާ ކުންފުނި ޓެސްލާއިން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 422،000 އަށް ވުރެ ގިނަ އީވީ ޑެލިވަރީ ކުރުމަށް ފަހު އަނެއްކާވެސް ކުންފުނީގެ އާ ރެކޯޑެއް ގާއިމްކޮށްފައެވެ.

އެ ކުންފުނިން އިއުލާން ކުރި ގޮތުގައި ފުރަތަމަ ކުއާޓަރުގައި ޖުމްލަ 440،808 އުޅަނދު އުފައްދާފައިވާއިރު، މިއީވެސް އެ ކުންފުނިން ހެދި އައު ރެކޯޑެކެވެ.

ޓެސްލާއިން ނެރުނު ރިޕޯޓްގައި ވާގޮތުން އެކުންފުނީގެ އުފެއްދުންތަކުގެ ތެރެއިން މޮޑެލް 3 އަދި މޮޑެލް ވައިގެ ބޮޑު ބައެއް ޑެލިވަރީކޮށްފައިވާއިރު، އޭގެ 412،180 އުޅަނދު ޑެލިވަރީކޮށްފައެވެ. އަދި މޮޑެލް އެސް އަދި މޮޑެލް އެކްސްގެ 10،695 ވެހިކަލް ވެސް ޑެލިވާކޮށްފައިވެއެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު ދަށް އަދަދެކެވެ.

ޓެސްލާގެ ފުރަތަމަ ކުއާޓަރުގެ ވިޔަފާރި އެނަލިސްޓުން ލަފާކުރި މިންވަރަށް ވުރެ ދަށްވި ނަމަވެސް، ކުންފުނީގެ އެންމެ ފަހުގެ ޑެލިވަރީ އަދަދުތަކަކީ 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިއުލާންކުރި 310،048 ޑެލިވަރީއަށްވުރެ 36 ޕަސެންޓްގެ އިތުރުވުމެކެވެ.

އެ ކުންފުނިން 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ގިނަ އުފެއްދުންތަކުގެ އަގުތައް ވަރަށް ބޮޑަށް ކުޑަކުރިއިރު، އެ ކުންފުނީގެ އާމްދަނީއަށް ކުރާނެ އަސަރާ މެދު ތަހުލީލު ކުރާ ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ. މިސާލަކަށް ޖެނުއަރީ މަހު މޮޑެލް ވައިގެ އަގު 65،990 ޑޮލަރުން 52،990 ޑޮލަރަށް ދަށްކޮށްފައިވާއިރު، އޭގެ މަހެއްހާ ދުވަސް ފަހުން އަގު ވަނީ 54،990 ޑޮލަރަށް އިތުރުކޮށްފައެވެ. މީގެ އިތުރުން ދާދި ފަހުން އެ ކުންފުނިން ވަނީ މޮޑެލް އެސް އަދި އެކްސް ވެހިކަލްތަކުގެ އަގު 10،000 ޑޮލަރު ހެޔޮކޮށްފައެވެ.

ޓެސްލާގެ ފުރަތަމަ ކުއާޓަރުގައި ޑެލިވަރީ ކުރި އަދަދުތަކުގެ ސަބަބުން އިންވެސްޓަރުންގެ މެދުގައި ވަނީ އުންމީދު އިތުރުވެފައެވެ. ނަމަވެސް ފަހަކަށް އައިސް އެކުންފުނީގެ އުފެއްދުންތަކުގެ އަގު ހެޔޮވުމުން އެ ކުންފުނީގެ އާމްދަނީއަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް އެނަލިސްޓުންވަނީ ލަފާކޮށްފައެވެ.

ޓެސްލާގެ ފުރަތަމަ ކުއާޓަރުގެ ފުރިހަމަ ނަތީޖާ އަންނަ މަހުގެ 19 ވަނަ ދުވަހު ޝާއިއުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިނިވަން އެނަލިސްޓެއް ކަމަށްވާ ޓްރޮއި ޓެސްލައިކް ބުނި ގޮތުގައި ކުންފުނީގެ ނަތީޖާ ވަނީ އޭނާ ލަފާކުރި ވަރަށް ވުރެ ދަށްވެފައެވެ. މި ހިސާބުތައް މިގޮތަށް ދެއްކި ނަމަވެސް، ޓެސްލާގެ އެންމެ ފަހުގެ ޑެލިވަރީގެ އަދަދުތަކުން، އީވީ މާކެޓުގެ ކުރީ ސަފުން އެ ކުންފުނިން ހޯދާފައިވާ މަގާމު ދިފާއު ކުރެވޭ ކަމަށް އޭނާ ބުންޏެވެ.

ޓެސްލާގެ ސީއީއޯ އެލޮން މާސްކް އެ ކުންފުންޏަށް ބޮޑު އަމާޒުތަކެއް ކަނޑައަޅާފައި ވާއިރު، އެ ކުންފުނިން ކުރިއެރުން ހޯދުމުގައި އޭނާގެ ދައުރު ވަރަށް ބޮޑެވެ.

comment ކޮމެންޓް