ޓެސްލާއިން އަންނަ އޮގަސްޓް މަހުގެ އަށް ވަނަ ދުވަހު އެ ކުންފުނީގެ އޮޓޮނޮމަސް ވެހިކަލް، އޮޓޮމޮޓެކްސީ ދައްކާލާނެ ކަމަށް އެލޮން މަސްކް ބުނެފިއެވެ.
ރޮބޮޓެކްސީގެ ނަންދީފައިވާ ސެލްފް ޑްރައިވިން ވެހިކަލް ދައްކާލާނެކަން މަސްކް އިއުލާން ކުރީ އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރި ޕޯސްޓެއްގައެވެ. މި ޕޯސްޓްގެ ސަބަބުން ޓެސްލާގެ ސްޓޮކް ވަނީ ގަޑިއެއްހާއިރު ތެރޭގައި ތިން ޕަސަންޓަށްވުރެ މައްޗަށް އުފުލިފައެވެ.
"ޓެސްލާ ރޮބޮޓެކްސީ އޮގަސްޓު މަހުގެ އަށް ވަނަ ދުވަހު ދައްކާލަނީ،" އޮޓޯނޮމަސް ވެހިކަލާ ބެހޭ އިތުރު ތަފްސީލެއް ނުދީ މަސްކް ލިޔެފައިވެއެވެ.
ރިޕޯޓްތައް ބުނާގޮތުން ރޮބޮޓެކްސީ ބިނާކޮށްފައިވަނީ ޓެސްލާގެ އެންމެ ފަހުގެ ވެހިކަލް އާކިޓެކްޗާގެ މައްޗަށް ކަމަށްވާއިރު، ފުލް ސެލްފް ޑްރައިވިން ކެޕޭސިޓީއަށް ވަނީ ވަރަށް ފުރިހަމައަށް އޮޕްޓިމައިޒް ކޮށްފައެވެ.
އެފްއެސްޑީ (ފުލް ސެލްފް ޑްރައިވިން) ހިމެނޭ ޓެސްލާ މޮޑެލްތަކަކީ އާދަޔާ ހިލާފު އިންގިލާބީ ބަދަލުތަކެއް ގެންނާނެ އުފެއްދުމެއްކަމަށް ވާނެ ކަމަށް މީގެ ކުރިންވެސް މަސްކުވަނީ ބުނެފައެވެ. ވަރުބަލިވެ، ނިދިއައިސް ތިބޭ ވަގުތުތަކުގައިވެސް މިކާރު ރައްކާތެރި ކަމާއެކު ދުއްވޭނެ ކަމަށް މާޗް މަހު އެކްސްގައި އޭނާ ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
ޑްރައިވަރެއް ނެތި ދުއްވާ ކާރުތައް އެމެރިކާގައި ދުއްވުމުގެ ފުރުޞަތު އޮތް ނަމަވެސް، ރެގިއުލޭޓަރުންނާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ކަންބޮޑުވުންތައް ފާޅުކުރަމުންދާއިރު، އެމެރިކާގައި އަމިއްލައަށް ދުއްވާ އުޅަނދުތައް އޮޕަރޭޓްކުރުން އަދި އޮތީ ވަގުތީ މަރުޙަލާއެއްގައެވެ. އެގޮތުން ސެން ފްރެންސިސްކޯއަކީ މި ޓެކްނޮލޮޖީއަށް ޓެސްޓު ކުރާ ތަނެކެވެ.
ސެން ފްރެންސިސްކޯ ފަދަ ސިޓީތަކުގައި ވެސް ނުތަނަވަސްކަން އުފެދިފައިވާ އިރު، ސަލާމަތީ ސަބަބުތަކާ ހުރެ އާންމު މަގުތަކުގައި ދުއްވާ ޓެސްލާގެ އޮޓޮނޮމަސް ވެހިކަލްތަކާ ދެކޮޅު ފަރާތްތަކުން ވަނީ އެފަދަ ވެހިކަލްތަކަށް ހަމަލާ ވެސް ދީފައެވެ.
މި ދެބަސްވުންތަކާއެކުވެސް މަސްކް ގެންދަނީ އޭނާގެ ޓެކްނޮލޮޖީ އާ މެދު ޔަޤީންކަން އޮތްކަން ހާމަކުރަމުންނެވެ. މަސްކު ބުނަނީ ޑްރައިވަރެއްނެތި ކާރެއްދުއްވުމަކީ ދަތުރުފަތުރުގެ މުސްތަގުބަލުގެ ކުރިއެރުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
ތަޖުރިބާކާރުން ދެކޭ ގޮތުގައި ހަރުދަނާ ރޮބޮޓެކްސީ ނެޓްވޯކަކުން ޓެސްލާއަށް އަހަރަކު އެތައް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދޭނެއެވެ. އެހެން ނަމަވެސް ޓެސްލާއަށް އެފައިދާ ނެގޭނީ ހަރުކަށި ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރުކޮށް، މަސްކްގެ ވައުދުތައް ފުރިހަމައަށް ފުއްދައިދީފިނަމައެވެ.
ދެ މަހެއްހާ ދުވަހުގެ ތެރޭގައި ރޮބޮޓެކްސީ ދައްކާލުމުން ޓެސްލާގެ ސެލްފް ޑްރައިވިން މުސްތަގުބަލާމެދު އޮތް އިތުބާރު ދުނިޔޭގައި އިތުރުވާނެ ކަމަށް އެނަލިސްޓުން ބުނެއެވެ.