ދިރާގު ޓެސްލާ ޕްރޮމޯޝަންގެ ގުރު ނެގުން ބޮޑު އީދުގައި

ދިރާގުގެ ވިން އަ ޓެސްލާ ޕްރޮމޯޝަނުގައި ދޭ ޓެސްލާ ކާރު-- ސަން ފޮޓޯ: މުހައްމަދު މާވީ

ދިރާގުގެ "ވިން އަ ޓެސްލާ" ޕްރޮމޯޝަނުގެ ގުރުއަތު ނެގުން މި އަހަރުގެ ބޮޑު އީދު ދުވަސް ކަމަށްވާ، އަންނަ ޖޫން މަހުގެ 17 ގައި އޮންނާނެ ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަނަކީ ދިރާގުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކަސްޓަމަރުންނަށް ޓެކްނޮލޮޖީގެ އެހީގައި، ތަފާތު އާ ތަޖުރިބާއެއް ފޯރުކޮށްދޭން އެ ކުންފުނިން ލޯންޗު ކޮށްފައިވާ ހަރަކާތެއް ކަމަށެވެ. އެ ގޮތުން މި ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި ޕްރޮމޮޝަނުގައި ބައިވެރިވުމަށް މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ކުރިން ކަސްޓަމަރުން ވަނީ ދިރާގު ޕޯސްޓް ޕެއިޑް 450 ނުވަތަ ފައިބާ ބްރޯޑްބޭންޑް 30M އިން މަތީގެ ޕްލޭން ތަކަށް ސަބްސްކްރައިބް ކޮށްފައެވެ.

އަދި މި ގޮތަށް އެންރޯލް ވީ ކަސްޓަމަރުންނަށް ގުރުވަތުގައި ބައިވެރިވެވޭނީ އޭރު ސަބްސްކްރައިބު ކުރި ޕްލޭނުގައި އަންނަ ޖޫން މަހުގެ 17 ގެ ނިޔަލަށް މަޑުކޮށްގެން ކަމަށްވެސް ދިރާގުން ބުނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި މި ޕްލޭންތައް އަޕްގްރޭޑު ކުރެވޭނެ ކަން ވެސް ދިރާގުން ވަނީ ފާހަގަ ކޮށްފައެވެ.

ޕްރޮމޯޝަން ނިމުމުގެ ކުރިން ބޭއްވި ދެ އިވެންޓެއްގައި މި ޕްރޮމޯޝަނުގެ ދަށުން ދެވޭ ޓެސްލާ އާންމުންނަށް ވަނީ ދައްކައިލައިފައެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ގިނަ އޮފާތައް ހެޔޮ އަގުގައި ފޯރުކޮށްްދިނުމަށް ކަމަށެވެ.

comment ކޮމެންޓް