އިހަވަންދޫގެ މަގުތަކުގައި ތާރުއަޅަން 102.8 މިލިއަން ރުފިޔާއަށް އާރުޑީސީއަށް

އިހަވަންދޫ މަގުތަކުގައި ތާރުއަޅަން އާރުޑީސީއަށް ހަވާލުކުރުމުގެ ތެރެއިން --- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

ހއ. އިހަވަންދޫ މަގުތަކުގައި ތާރުއަޅަން 102.8 މިލިއަން ރުފިޔާއަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަނެވެ.

އިހަވަންދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތުގެ ދަށުން 6.9 ކިލޯމީޓަރުގެ މަގުގައި ތާރުއަޅައި މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކުރުމުގެ އިތުރުން މަގުތަކުގައި މަގުބައްތި ޖަހާނެއެވެ.

މި މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އިހަވަންދޫ މަގުތަކުގައި ތާރުއަޅަން އާރުޑީސީއަށް ހަވާލުކުރުމުގެ ތެރެއިން --- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

އެކަމާ ގުޅިގެން އިހަވަންދޫ ކައުންސިލުގެ މެމްބަރު އަހުމަދު ރިޟްވާން މިއަދު "ސަން"އަށް ވިދާޅުވީ މިހާރު އެ ރަށުގެ މަގުތަކުގެ ހާލަތު އޮތްގޮތުން އާއްމުން ކަންބޮޑުވާ ކަމަށެވެ. އަދި ވަރަށް ގިނަ ދަތި އުނދަގޫތަކާވެސް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރަށުގައި އަޑިގުޑަންތައް ގިނަވެގެން ޖެހޭ ތިން މަހުން ތިންމަހުން އަބަދުވެސް ކޮންމެވެސް ސަރަހައްދަކަށް ވެލި އަޅަން. ހިނގާ ބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗެއްހި ގެންގުޅޭ މީހުންނަށް ވެސް ވަރަށް އުނދަގޫވޭ އެކަމާ ގުޅިގެން،" އޭނާ ވިދާޅުވިއެވެ.

ރިޟްވާން ވިދާޅުވީ މަގުތަކުގައި ހުންނަ އަޑިގުޑަންތައް ރަނގަޅުކުރުމުގެ ގޮތުން ކައުންސިލުން މަގުތަކަށް ވެލި އަޅާތާ ހަތަރު ވަރަކަށް އަހަރު ވެއްޖެ ކަމަށެވެ. ނަމަވެސް އެއީ ރައްޔިތުން ވެސް އެހާ ބޭނުންވާ ގޮތެއް ނޫން ކަމަށާއި އެގޮތަށް މަގުތަކަށް ވެލި އެޅުމުގެ ސަބަބުން ގެތައް އަޑިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިހަވަންދޫ އަކީ ހއ. އަތޮޅުގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ ރަށަށްވާއިރު ވިޔަފާރީގެ އެކި ބޭނުންތަކަށް ވަރަށް ގިނަ މީހުން އެ ރަށަށް ޒިޔާރަތްކުރެއެވެ. މަގުތަކުގެ ހާލަތު ހުރިގޮތުން އެފަދަ ބޭނުންތަކުގައި އެރަށަށް ޒިޔާރަތްކުރާ މީހުންނަށް ވެސް ދަތިތަކާ ކުރިމަތިލާންޖެހެއެވެ.

އެ ރަށުގެ ތަރައްގީއަށް މަގުތަކުގައި ތާރުއަޅަން ރައްޔިތުން ވަރަށް އެދޭ ކަމަށާއި މިހާރު މަގުތައް އޮންނަ ގޮތުން ރައްޔިތުން ތިބީ މާޔޫސްވެފައި ކަމަށް ވެސް ކައުންސިލަރު ރިޟްވާން ވިދާޅުވިއެވެ.

މީގެ އިތުރުން ރިޟްވާން ވިދާޅުވީ އެ ރަށުގައި ހިންގަން ސަރުކާރުން ވައުދުވެފައިވާ މަޝްރޫތައް އަވަސްކޮށްދިނުމަށް ކައުންސިލުގެ ފަރާތުން އަބަދުވެސް ސަރުކާރުގައި އެދޭ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުމަކީ މަޝްރޫއުތައް ލަސްވުން ކަމަށް އޭނާ ވިދާޅުވިއެވެ.

އިހަވަންދޫގައި 3،600 އަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ.

comment ކޮމެންޓް