އިހަވަންދޫގައި އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި

އިހަވަންދޫގައި އައިޑީކާޑުގެ ޚިދުމަތް ފެށުން --- ފޮޓޯ/ ރައީސް އޮފީސް

ހއ. އިހަވަންދޫގައި ޕާސްޕޯޓާއި އައިޑީކާޑު ހެއްދުމުގެ ޚިދުމަތް މިއަދު ސަރުކާރުން ފަށައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިހަވަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެޚިދުމަތްތައް ފައްޓަވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.

އިހަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފެށުން ---- ފޮޓޯ/ ރައީސް އޮފީސް

އެ ޖަލްސާގައި އިހަވަންދޫގައި އިސްލާމިކް ބޭންކުން އޭޓީއެމްގެ ޚިދުމަތް ދިނުމަށް ވެސް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އެގޮތުން، އެއްބަސްވުމުގައި ސޮއިކުރެއްވީ އިހަވަންދޫ ކައުންސިލްގެ ރައީސް އަހުމަދު ސޮބާހާއި އެމްއައިބީގެ ހެޑް ހެޑް އޮފް ޑިސްޓްރިބިއުޝަން އިބްރާހީމް ސުހައިލެވެ.

އައިޑީ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމަށްޓަކައި އެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ. އެގޮތުން، އައިޑީކާޑުގެ ޚިދުމަތްތަކަށް ޚާއްސަކޮށް މިދިޔަ އަހަރުގެ ޖުލައި 19ގައި ވަނީ ނާރެސް ޕޯޓަލް އިފުތިތާހުކޮށްފައެވެ.

ރައީސް މުއިއްޒު އިމިގްރޭޝަންގެ ކޮންޓްރޯލާ މުޙައްމަދު ޝައްމާންއާ ސަލާންކުރައްވަނީ ---- ފޮޓޯ/ ރައީސް އޮފީސް

ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވައްސާއި، ވިލިމާލެ، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދޫއިން ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރު މަހުވަނީ ފަށައިފައެވެ. އޭގަފަހުން ރ. އުނގޫފަރޫގައި ވެސް އެ ޚިދުމަތް ވަނީ ފަށާފައެވެ.

އޭގެއިތުރުން، މިހާރު އައިޑީކާޑުގެ ޚިދުމަތް ދެނީ ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވައްސާއި ވިލިމާލެއާއި ހދ. ކުޅުދުއްފުށީގެ އިތުރަށް ހއ. ދިއްދޫގައެވެ.

comment ކޮމެންޓް