ޗައިނާގެ އެހީގައި ހަތަރު ރަށެއްގައި ހޮސްޕިޓަލް އަޅަނީ

ރާއްޖޭގެ އިދާރާތަކުގެ އިސްވެރިންނާއި ޗައިނާގެ ވަފުދުގެ އިސްވެރިން -- ސަން ފޮޓޯ

ޗައިނާގެ އެހީގައި ރާއްޖޭގެ ހަތަރު ރަށެއްގައި އަޅާ ހޮސްޕިޓަލްގެ ފީސިބިލިޓީ ސްޓަޑީ ހަދައިދިނުމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އުތުރުގެ ދެ ރަށަކާއި ދެކުނުގެ ދެ ރަށުގައި ރީޖަނަލް ހޮސްޕިޓަލެއް އަޅާނެއެވެ.

އެ ރަށްރަށަކީ ހއ. ދިއްދޫ، ރ. އަލިފުށި، ދ. ކުޑަހުވަދޫ، އަދި ގއ. ވިލިނގިއްޔެވެ.

ފޮރިން މިނިސްޓްރީއާއި ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން -- ސަން ފޮޓޯ

އެމްއޯޔޫއެއްގައި ސޮއިކޮށްފައިވަނީ ފޮރިން މިނިސްޓްރީއާއި ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީއާ ދެމެދުގައެވެ.

މި އެމްއޯޔޫއަކީ ދެ ގައުމު ގުޅިގެން ތަރައްގީގެ މަސައްކަތްތައް ހިންގުމަށް 2025ވަނަ އަހަރާ ހަމައަށް އެކުލަވައިލައިފައިވާ ޕްލޭނެކެވެ.

ހެލްތު މިނިސްޓްރީއާއި ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން -- ސަން ފޮޓޯ

ހަމައެއާއެކު ޗައިނާގެ އެހީގެ ދަށުން މާލޭގައި ގާއިމްކޮށްފައިވާ ދާރުލް އާސާރު މަރާމާތުކުރުމުގެ އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގެވެ.

ހެރިޓޭޖް މިނިސްޓްރީއާއި ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން -- ސަން ފޮޓޯ

އަދި ސިނަމާލެ ބްރިޖުގެ މެއިންޓެނެންސް މަސައްކަތް ޗައިނާއިން ކޮށްދިނުމާ ގުޅޭ އެއްބަސްވުމެއްގައި ވެސްވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ.

ޕްލޭނިން މިނިސްޓްރީއާއި ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން -- ސަން ފޮޓޯ

މި ހުރިހާ އެއްބަސްވުންތަކެއްގައި ވެސް ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީގެ ވައިސް ޗެއާމަން ޑިންބޯޖިންއެވެ.

މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މިއަދު ސޮއިކުރެވުނީ މުހިންމު އެއްބަސްވުންތަކެއްގައި ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ގެންގުޅުއްވާ ވިސްނުންފުޅާއެކު ރާއްޖެއާ އެކުވެރި ދުނިޔޭގެ ގައުމުތަކުން ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް ޓަަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށެވެ.

މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަފުޅުދައްކަވަނީ -- ސަން ފޮޓޯ

"އޭގެ ނަތީޖާއެއްގެ މިއަދު އަޅުގަނޑުމެންނާ މުޅި ދުނިޔެއާ މިއޮތީ ގުޅި ލާމެހިފައި. އަޅުގަނޑުމެންގެ ތަރައްގީގެ ބައިވެރިންނަކީ ވަކި އެއް ގައުމެއް ނޫން. އަޅުގަނޑުމެންގެ ތަރައްގީގެ ބައިވެރިންނަކީ އަޅުގަނޑުމެންނާ ގުޅުން އޮންނަ ހުރިހާ ގައުމެއް. އެކަމުގެ ސާފު ސާދާ ހެކި މިއަދު މި ފެންނަނީ،" ޝާހިދު ވިދާޅުވިއެވެ.

ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީގެ ވައިސް ޗެއާމަން ޑިންބޯޖިން ވާހަކަދައްކަވަނީ -- ސަން ފޮޓޯ

މި ހަފްލާގައި ވާހަކަދައްކަވަމުން ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީގެ ވައިސް ޗެއާމަން ޑިންބޯޖިން ވިދާޅުވީ ސޮއިކުރެވުނު އެއްބަސްވުންތަކާއެކު އެ އެޖެންސީގެ އެހީތެރިކަން އެންމެ ފުރިހަމައަށް ދޭނެކަމުގެ ޔަގީންކަންދޭ ކަމަށެވެ.

އޭނާވަނީ ޗައިނާގެ ރައީސް ޝީޖިން ޕިން މިހާރު ދައުވަތު ދެއްވައިފައިވާ ގްލޯބަލް ސެކިއުރިޓީ އިނީޝިއޭޓިވާއި ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވްގެ ދަށުން ރާއްޖެއާއެކު ގުޅިގެން މަސައްކަތްކުރުމަށް ޝައުގުވެރިވެލައްވާކަމަށް ވެސް ވިދާޅުވެފައެވެ.

comment ކޮމެންޓް