އުމްރާނީ ގޮތުން ރާއްޖޭގައި ހިންގުނު އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ސިނަމާލެ ބްރިޖުގެ މޮނިއުމަންޓް ޕާކު މިއަދު ހުޅުވައިފިއެވެ.
މި ކަމަށް ޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ޕާކު ހުޅުއްވައިދެއްވީ އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ލިޒިންއެވެ.
ބްރިޖު މޮނިއުމަންޓް ޕާކު ހުޅުވާފައިވަނީ ބްރިޖުގެ މަސައްކަތްކުރި ދުވަސްވަރުގެ ފޮޓޯތަކާއި ބްރިޖުގެ މައުލޫމާތު ހިމެނޭ ފޮޓޯތައް އާންމުނަށް ފެންނާނެހެން ބަހައްޓައި، އާއިލާތަކަށް އެ ތަނުގައި މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމާ ވެސް އެކުގައެވެ.
މި ރަސްމިއްޔާތަށް ފަހު ދައުލަތުގެ މީޑިއާއާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބްރިޖަކީ ޗައިނާގެ ހިލޭ އެހީގެ ބޮޑު ބަޔަކާއެކު ކުރިޔަށް ގެންގޮސްފައިވާ މަޝްރޫއަކަށްވުމާއެކު، އޭގެ މައުލޫމާތު އާންމުނަށް ލިބެން ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
ސިނަމާލެ ބްރިޖުގެ މަޝްރޫއަކީ ރާއްޖޭގައި ހިންގުނު އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މޮނިއުމަންޓު ޕާކުން ބްރިޖާ ގުޅޭ މައުލޫމާތު ލިބެން ހުރުމުގެ ސަބަބުން އާންމުނަށް އެކަމުގެ ފައިދާ ކުރާނެ ކަމަށެވެ.
މޮނިއުމަންޓް ޕާކާއި ގުޅޭ ގޮތުން ޗައިނާ ސަފީރު ވިދާޅުވެފައިވަނީ ބްރިޖަކީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ރަމްޒުކޮށްދޭ ބިނާއެއް ކަމަށެވެ. އަދި ބްރިޖުގެ ސަބަބުން މާލެ ސަރަހައްދާއި ރާއްޖޭގެ އިގްތިސާދަށް ވެސް ބޮޑެތި ފައިދާތަކެއް ކުރަމުންދާ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާގެ އެހީގެ ދަށުން ތަރައްގީކުރި ބުރިޖުގެ މަސައްކަތުގައި ސަރުކާރުގެ ފަރާތުން އެންމެ އިސްކޮށް މަސައްކަތްކުރެއްވީ އޭރު ހައުސިން މިނިސްޓަރުކަމުގައި ހުންނެވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.