ރަށެއްގެ އާބާދީ ބޮޑުވުމަކީ އިޖްތިމާއީ ސަގާފީ އެކި ހަރަކާތްތައް ހިންގުން ގިނަ ފަހަރު މަދުވާ އެއް ކަމެވެ. އެހެންނަމަވެސް، އާބާދީ ބޮޑު ވުމަކީ އެފަދަ ކަންކަން ނުކުރެވޭނެ ސަބަބެއް ނޫން ކަން ގދ. ތިނަދޫގެ ރައްޔިތުންގެ މި އަވަށު ރޯދަ ވީއްލުމުން ސާބިތުކޮށްދެއެވެ.
ތިނަދޫގެ ފަސް އަވަށް އޮންނަ އިރު، އޭގެ ތެރެއިން އެންމެ ބޮޑު އަވަށް ކަމަށްވާ "އާރު އަވަށު" ނުވަތަ އެ ރަށު މީހުންގެ ނަމުން ނަމަ މެދު އަވަށުން ވަނީ އެ އަވަށުގެ ހުރިހާ ރައްޔިތުންގެ ބައިވެރިވުން އޮންނަ ފަދަ ރޯދަ ވީއްލުމެއް ބާއްވާފައެވެ. މި ރޯދަ ވީއްލުމަކީ އެ އަވަށުގެ ޒުވާނުންގެ އިސްނެގުމުގެ މަތިން، އެ އަވަށުގެ ގެތަކުން ތައްޔާރުކޮށްގެން ގެންނަ ކާބޯތަކެތި ހިމެނޭ ރޯދަ ވީއްލުމެކެވެ.
ތިނަދޫ ކައުންސިލުގެ ރައީސް ސައުދު އަލީ "ސަން"އަށް ވިދާޅުވީ އެ ރޯދަ ވީއްލުމަކީ އެކި އަހަރުތަކުގެ މަތިން ބާއްވަމުން އަންނަ ރޯދަ ވީއްލުމެއް ކަމަށާއި، އެ ކަމުން ފެނިގެން ދިޔައީ އާބާދީ ބޮޑު ނަމަވެސް، ރަށު ފެންވަރުގައި ރަށު ރައްޔިތުންގެ އޮންނަ އިޖުތިމާއީ ގުޅުން ކަމަށެވެ.
"ގިނަ ފަހަރު އާބާދީ ބޮޑުވާ ވަރަކަށް އެފަދަ އިޖްތިމާއީ ކަންކަން ބޭއްވުމުގެ ފުރުސަތު ކުޑަވޭ. އެކަމަކު އާރު އަވަށުގެ ފަރާތުން މި ބޭއްވި ރޯދަ ވީއްލުމުން ސާބިތުކޮށްދޭ އާބާދީ ބޮޑު ނަމަވެސް، އިޖުތިމާއީ ކަންކަން ކުރެވޭނެ ކަން،" ސައުދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ރަށުގެ އާރު އަވަށުގެ އިތުރުން، އެ ރަށުގެ ދަޑެކޮޑޭ އަވަށުން ވެސް ނިމިދިޔަ އަހަރު މިފަދަ ބޮޑު ރޯދަ ވީއްލުމެއް ބާއްވާފައިވާ ކަމަށެވެ. އަދި، އެފަދަ އިޖްތިމާއީ ގުޅުން ވަރުގަދަ ކުރެވޭ ހަރަކާތްތައް ގިނަގިނައިން އެކި އަވަށުތަކުން ބޭއްވުމަކީ ރަށަށް އޭގެ ސަބަބުން ލިބޭނެ ބޮޑު ކުރިއެރުމެއް ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.
"އެފަދަ އިޖްތިމާއީ ކަންކަން ބޭއްވުމަކީ ތަރައްގީ ވަމުން އަންނަ ރަށެއްގައި ހުންނަން ޖެހޭ މުހިއްމު ކަމެއް ކަމުގައި އަޅުގަނޑު ދެކެނީ،" ސައުދު ވިދާޅުވިއެވެ.
ބަރަކާތްތެރި ރަމަޟާން މަހު، މިފަދަ ގިނަ ހަރަކާތްތައް އެކި ރަށްތަކުން ކުރެއެވެ. ނަމަވެސް ރާއްޖޭގައި މިފަދަ ކަންކަން ކުރުމުގައި ފާހަގަ ކުރެވެނީ އާބާދީ މަދު ކުދި ރަށްތަކުންނެވެ. ވަކިން ޚާއްސަކޮށް، ރާއްޖޭގެ ދެކުނުގެ ބޮޑެތި ރަށްތަކުން މިފަދަ ހަރަކާތްތައް ހިންގުމަކީ މަދު ކަމެކެވެ.